ކްރިކެޓް ވޯލްޑް ކަޕްގެ ތާރީޚުގައި މިހާތަނަށް ހެދި އެންމެ އަވަސް ސައްތައާއެކު އޮސްޓްރޭލިއާއިން ނެދަލަންޑްސް ބަލިކޮށްފިއެވެ.

އިންޑިއާގައި މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގައި އޮސްޓްރޭލިއާ އާއި ނެދަލަންޑްސް ބައްދަލުކުރި މެޗު އޮސްޓްރޭލިއާ ކާމިޔަބުކުރީ 309 ލަނޑުންނެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ތަފާތު ބޮޑުކޮށް ޓީމަކުން މޮޅުވި މެޗެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުޅުނު މިމެޗުގައި ޓޮސް ދިމާވުމުން އޮސްޓްރޭލިއާއިން ނިންމީ އެންމެ ފުރަތަމަ ބެޓް ކުރާށެވެ. މިގޮތުން އެޓީމުން އެންމެ ފުރަތަމަ ކުޅެން އަރާ 50 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން 399 ލަނޑު ހެދިއެވެ. އެޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 44 ބޯޅައިން 106 ލަނޑު ހެދި ގްލެން މެކްސްވެލްއެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި މިހާތަނަށް ހެދި އެންމެ އަވަސް ސައްތައެވެ.

މީގެކުރިން އެންމެ އަވަސް ސައްތައެއް ވާރލްޑް ކަޕްގައި ހަދަފައިވަނީ މީގެ 18 ދުވަސް ކުރިން މިފަހަރުގެ ވޯލްޑް ކަޕްގައި ދެކުނު އެފްރިކާ އާއި ސްރީލަންކާ ބައްދަލުކުރިމެޗުގައި ދެކުނު އެފްރިކާގެ އައިޑެން މާކްރަމްއެވެ. އޭނާގެ ރިކޯޑަކީ 49 ބޯޅައިން ސައްތައެއް ހެދުމެވެ. މިއީ ވޯލްޑް ކަޕްގެ ރިކޯޑަކަށް ވީ ނަމަވެސް އެއް ދުވަހުގެ މެޗްތަކުގައި އެންމެ އަވަސް ސައްތަ ހެދުމުގެ ރިކޯޑް އޮންނަނީ ދެކުނު އެފްރިކާގެ އޭބީ ޑެ ވިލިއާ އަތުގައެވެ. އެއީ 2015 ވަނަ އަހަރު ވެސްޓް އިންޑީޒް އާއި ދެކޮޅަށް ކުޅުނު މެޗެއްގައި 31 ބޯޅައިން އޭނާ ހެދި ސައްތަ އާއެކުއެވެ.

ބުދަ ދުވަހުގެ ރޭގެ މެޗުގައި އޮސްޓްރޭލިއާ ޓީމްގެ ޑެވިޑް ވޯނާ ވަނީ 104 ލަނޑު ހަދާފައެވެ. އަދި ސްޓީވެން ސްމިތު 71 ލަނޑު ހެދި އިރު މާނުސް ލަބުޝަންގް ވަނީ 62 ލަނޑު ހަދަދީފައެވެ. މި އިނިންގްސްގައި ނެދަލަންޑްސް ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ 10 އޯވަރު 74 ލަނޑަށް ހަތަރު ވިކެޓް ނަގާދިން ލޯގަން ވެން ބީކްއެވެ.

ޖަވާބުގައި އޮސްޓްރޭލިއާއިން ކުޅެން އަރާ 21 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 90 ލަނޑެވެ. އެޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 25 ލަނޑު ހަދާދިން ވިކްރަމް ސިންގްއެވެ. އޮސްޓްރޭލިއާ ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ ތިން އޯވަރު އަށް ލަނޑަށް ހަތަރު ވިކެޓް ނަގާދިން އެޑަމް ޒަމްޕާއެވެ.

މިކާމިޔާބީއާއެކު އޮސްޓްރޭލިއާއިން މިވަނީ ފަސް މެޗުން ލިބިފައިވާ ހަ ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައަށް ކުރިއަށް ޖެހިލާފައެވެ. މިފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ ދެ މެޗުން ބަލިވި އޮސްޓްރޭލިއާ މިވަނީ އެންމެ ފަހުން ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފައެވެ. އަދި ނެދަލަންޑްސް އުޅެނީ ދެ ޕޮއިންޓާއެކު 10 ޓީމް ހިމެނޭ މިފަހަރުގެ ވޯލްޑް ކަޕްގެ އެންމެ ފުލުގައެވެ.