27 Oct 2023, 13:19
މި މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އަމާޒުކޮށް ދިން ހަމަލާތަކުގައި މިހާތަނަށް 12 ހާސް ޓަނުގައި ގޮވާތަކެތި ބޭނުންކޮށްފައިވާ ކަމަށް ފަލަސްތީނުގެ މީޑިއާ އޮފީހުން އަންގާރަ ދުވަހު ބުނެފިއެވެ.
މި މިންވަރަށް ގޮވާތަކެތި ބޭނުންކޮށްފައިވާއިރު، މީގެ ބާރުގަދަން 1945 ވަނަ އަހަރު ޖަޕާނުގެ ހީރޯޝީމާއަށް ވައްޓާލި ނިއުކްލިއާ ބޮމާ އެއްވަރު ކަމަށްވެސް އެ އޮފީހާ ހަވަލާދީ ތުރުކީވިލާތުގެ އަނަދޮލު އޭޖެންސީން ވަނީ ރިޕޯޓުކޮށްފައެވެ. މީގެއިތުރުން ހަމަލާތައް ފެށިފަހުން ޣައްޒާގެ ކޮންމެ އަކަ ފޫޓަކަށް 33 ޓަނުގެ ގޮވާތަކެތި ވައްޓާލާފައިވާ ކަމަށްވެސް އެ އޮފީހުން މައުލޫމާތު ދެއެވެ.
ޣައްޒާގައި 2.3 މިލިއަން މީހުންގެ އާބާދީއެއް އޮންނައިރު، އެ ސަރަހައްދުގެ ޖުމްލަ ބޮޑު މިނަކީ 365 އަކަ ކިލޯމީޓަރެވެ.
ފަލަސްތީނުގެ ދިފާއުގައި މަސައްކަތްކުރާ އެ ގައުމުގެ ހަތިޔާރު އެޅި ޖަމާއަތް ކަމަށްވާ ހަމާސް އިން ދިން ހަމަލާއެއްގެ ރައްދުގައި އިސްރާއީލުން ދޭން ފެށި ހަމަލާތަކުގެ ސަބަބުން މުޅި ޣައްޒާ ވަނީ ހާލުގައި ޖެހިފައެވެ. ފެނާއި ކަރަންޓު އަދި ކާބޯތަކެތި ލިބޭނެ ގޮތެއްވެސް ނެތެވެ.
އިސްރާއީލުގެ ލާއިންސާނީ އަމަލުތަކުގެ ޝިކާރައަކަށްވެ، މި މަސް ތެރޭގައި ފަލަސްތީނުގެ 7000އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.