26 Oct 2023, 22:55
ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް އީގައި ސްކޮޓިޝް ޕްރިމިއާ ލީގުގެ ސެލްޓިކް އާއި ސްޕެނިޝް ލަލީގާގެ އެޓްލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗް އެއްވަރުވެއްޖެއެވެ.
ސެލްޓިކްގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ ދެ ލަނޑު ދެ ލަނޑުން ދެ ޓީމް އެއްވަރު ވެގެންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސެލްޓިކްއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ އެޓްލެޓިކޯއިންނެވެ.
ފަހަކަށް އައިސް އެޓްލެޓިކޯ ދައްކަމުންދާ މޮޅު ކުޅުމާއެކު މިމެޗް އެޓީމަށް ވަރަށް ފަސޭހަ ވާނެކަމަށް ހީކުރެވުނު ނަމަވެސް މިމެޗްވީ އެޓީމަށް ވަރަށް އުނދަގޫ މެޗަކަށެވެ. މިގޮތުން ސެލްޓިކް މިމެޗް ވަރަށް ފޯރިއާއެކު ފެށުން ވެގެންދިޔައީ އެޓްލެޓިކޯއިން އުންމީދު ކޮށްގެން ތިބި ކަމަކަށް ނޫނެވެ. ނަތީޖާއަކަށް ވެގެންދިޔައީ މެޗްގެ ހަތަރު ވަނަ މިނެޓްގައި ސެލްޓިކް އިން ލަނޑެއް ކާމިޔާބުކޮށް މެޗްގެ ލީޑު ނެގުމެވެ.
މިލަނޑު އެޓީމަށް ޖަހާދިނީ ކިޔޯގޯ ފުރުހާޝީއެވެ. މިމެޗްގައި އެޓްލެޓިކޯއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗްގެ 25 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރީޒްމަންއެވެ. ނަމަވެސް ގްރީޒްމަން މިލަނޑު ޖަހާފައިވަނީ އޭނާ ޖެހި ޕެނަލްޓީ ސެލްޓިކްގެ ކީޕާ ޖޯ ހާޓް ދިފައުކުރި ވަގުތު ދަނޑީގައި ޖެހިފައި ނިކުތުމުން ގޯލްތެރެއަށް ވައްދާލައިގެންނެވެ. ނަމަވެސް މިލަނޑު ޖެހިތާ ތިން މިނެޓްފަހުން ސެލްޓިކްއިން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ލުއިސް ޕާލްމާއެވެ. މިމެޗްގައި ދެވަނަ ފަހަރަށް އެޓްލެޓިކޯއިން އެއްވަރު ކުރި ލަނޑު މެޗްގެ 53 ވަނަ މިނެޓްގައި ޖަހާދިނީ އަލްވާރޯ މޮރާޓާއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ސެލްޓިކްގެ ކޯޗް ބްރެންޑަން ރޮޖާސް ބުނީ މިމެޗްގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ރަނގަޅު ހިތްހަމަ ޖެހޭ ކުޅުމެއް ކަމަށެވެ. އަދި ނަތީޖާއާދޭތެރޭ އެއްވެސް ޝަކުވާ އެއް ނެތް ކަމަށާއި އެއީ އެޓްލެޓިކޯއަކީ ކޮންފެންވަރެއްގެ ޓީމެއްކަން އެނގޭތީކަމަށެވެ.
މިމެޗު އެއްވަރު ވުމާއެކު ގްރޫޕް އީގެ އެއްވަނައަށް އެރުމަށް އެޓްލެޓިކޯއަށް ލިބުނު ފުރުސަތު ވަނީ މިވަގުތަށް ގެއްލިފައެވެ. ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާއެކު އެޓީމް އުޅެނީ ގްރޫޕްގެ ދެވަނައިގައެވެ. އަދި ސެލްޓިކް އުޅެނީ މިމެޗުން ލިބުނު ޕޮއިންޓާއެކު ގްރޫޕްގެ އެންމެ ފުލުގައެވެ. މިގްރޫޕްގައި ދެން ހިމެނޭ ދެޓީމް ކަމަށްވާ ފެޔެނޯޑް އާއި ލާޒިއޯ ރޭ ބައްދަލުކުރިމެޗް އަމިއްލަ ދަނޑުގައި ތިން ލަނޑު އެއްލަނޑުން ކާމިޔާބު ކުރީ ފެޔެނޯޑްއެވެ.