ފަލަސްތީނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮނަރަރީ ކޮންސުލްގެ މަޤާމަށް އަލަށް އައްޔަން ކުރެއްވި އަލްފާޟިލް ރާގެބް އަޙްމަދު ޚަލަފަށް ރާއްޖެއިން މިއަދު މަރުޙަބާ ކިޔައިފިއެވެ.

މިއަދު ކުރިއަށް ދިޔަ ބައްދަލުވުމުގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އަލްފާޟިލް ޚަލަފަށް ތަހުނިޔާ ވިދާޅުވެފައިއެވެ.

މީގެ އިތުރުން، އެ ބައްދަލުވުމުގައި، ދިވެހި ސަރުކާރާއި ރާއްޖޭގެ ރައްޔިތުން ފަލަސްތީނަށް އެހީތެރިވެދިނުމުގައި ދެމިތިބޭނެ ކަމަށާއި، ދެ ގައުމުގެ ގުޅުން ބަދަހިކުރަން މަސައްކަތް ކުރާނެކަމަށް މިނިސްޓަރު ވައުދުވެލެއްވިއެވެ.

ފަލަސްތީނާއި ދިވެހި ރާއްޖޭގެ ގުޅުމަކީ ޒަމާންވީ ގުޅުމެކެވެ.

އެ ގުޅުން އެންމެ ބޮޑަށް ބަދަހިވެގެން ދިޔައީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. އޭރު ރާއްޖެއާއި ފަލަސްތީން ގުޅިގެން ވިޔަފާރިތައް ވެސް ކުރިއެވެ.

އިޒްރޭލުގެ ރަހުމް ކުޑަ އަނިޔާވެރިކަމުގެ ތެރެއިން ފަލަސްތީނުގެ ކުށެއް ނެތް އެތައް އާއްމުންނެއް މަރަމުންދާއިރު ދިވެހި ސަރުކާރާއި ރައްޔިތުން ގެންދަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.