ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވާ އެފްއޭއެމްގެ އިންތިހާބު އަންނަ ޖުލައި މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، ވީބީ އައްޑޫ އެފްސީގެ ޓިކެޓުގައި އެއިދާރާގެ ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު ކުރިމަތިލައްވައިފި އެވެ.


ސަން މީޑިއާ ގްރޫޕްގެ ސަންއެފްއެމް ކުޅިވަރު ޕްރޮގްރާމްގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ވާހަކަ ދައްކަމުން ވީބީގެ މެނޭޖަރު އިބްރާހިމް ރަޝީދު (ސަތޯ) ބުނީ ވީބީގެ ފަރާތުން އެފްއޭއެމްގެ ރައީސްގެ މަގާމަށް އިލްހާމްގެ ނަން ފޮނުވަން ނިންމީ ކުލަބުގެ ބޯޑު މެންބަރުންނާއި ބޭއްވި މަޝްވަރާތަކަށް ފަހު ކަމަށެވެ.


"އިލްހާމަކީ ފުޓްބޯޅައިގެ ދާއިރާގައި އުޅުއްވި ބޭފުޅެއް. އިލްހާމަކީ ރެފްރީއެއް ކަމަށާއި އަދި އަތޮޅު ފެންވަރުގައި ފުޓްބޯޅަ ކުޅުއްވި ބޭފުޅެއް،" ސަތޯ ބުންޏެވެ.


އެފްއޭއެމް އިންތިހާބްގައި އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލާފައިވާކަން ރަސްމީކޮށް މިހާތަނަށް އިއުލާންކޮށްފައިވަނީ ދެފަރާތަކުންނެވެ. އެދެފަރާތަކީ އެފްއޭއެމް މިހާރުގެ ރައީސް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި އިލްހާމެވެ. އެފްއޭއެމްގެ ރައީސް ކަމަށް އާޒިމް ކުރިމަތިލެއްވީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޓިކެޓުގަ އެވެ.

މެކާނޯގެ ފަރާތުން އެފްއޭއެމްގެ ނައިބް ރައީސްގެ މަގާމަށް މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ކުރިމަތިލައްވާފައިވާއިރު، ކުލަބް ވެލެންސިޔާއިން ނާއިބް ރައީސް ކަމަށް ވާދަކުރުމަށް މިހާރުގެ ނައިބު ރައީސް ހިޔަލީ މުހައްމަދު ރަޝީދު ނިންމައިފި އެވެ.

މިފަހަރުގެ އިންތިހާބުގެ ކަންކަން ބަލައި ދިރާސާ ކުރުމަށް ތިން މެންބަރުންގެ މައްޗަށް އެކުލެވޭ އިލެކްޝަން ކޮމިޓީއެއް އެފްއޭއެމް އިން ވަނީ އުފައްދައިފައިވާއިރު، މިއީ ކުޅިވަރު އެސޯސިއޭޝަންތައް އިންތިހާބުކުރަން ފެށި ފަހުން އެފްއޭއެމް އިން ބާއްވާ ދެ ވަނަ އިންތިހާބެވެ.