26 Oct 2023, 14:39
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާގެ މައްސަލަތަކެއް ފުލުހުން ތަހުގީގުކުރަމުންދަނިކޮށް، އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ބައްދަލުކުރައްވައިފިއެވެ.
އެފްއޭއެމްގެ ރައީސް ބައްސާމާއި ފީފާގެ ރައީސް އިންފަންޓީނޯ ބައްދަލުކުރެއްވި އިރު، ފައިސާގެ މައްސަލަތަކެއް ތަހުގީގުކުރުމަށް ފުލުހުން ވަނީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުގެ އެދުމުގެ މަތިން "އެފްއޭއެމް ހައުސް"އަށް ވަދެފައެވެ. އެ ސަރަހައްދަށް ބައްސާމް ވެސް ވަޑައިގެންނެވިއެވެ.
އިންފަންޓީނޯގެ އިންސްޓަގްރާމުގައި ހިއްސާކުރެއްވި ފޮޓޯތަކުން ފެންނަ ގޮތުގައި އެ ބައްދަލުވުމުގައި ބައްސާމްގެ އިތުރުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ފޮޓޯތައް ހިއްސާކުރައްވަމުން ކުރެއްވި ޕޯސްޓުގައި އިންފަންޓީނޯ ވިދާޅުވީ ބައްސާމާއި ޖަވާއާ ބައްދަލުކުރެވުމުން އުފާކުރާ ކަމަށާއި އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނީ ދިވެހި ފުޓުބޯޅައަށް ގެންނަ ކުރިއެރުމާ ގުޅޭގޮތުން ކަމަށެވެ.

އެފްއޭއެމްގެ ރައީސް ބައްސާމާއި ފީފާގެ ރައީސް އިންފަންޓީނޯ ބައްދަލުކުރެއްވުން -- ފޮޓޯ/ ޖިއާނީ އިންފަންޓީނޯ، އިންސްޓަގްރާމް
ފުލުހުންގެ ތަހުގީގާ ގުޅޭ ގޮތުން ޕީޖީން ބުނެފައިވަނީ ރާއްޖެއަކީ، ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާ ގާތް ގުޅުމެއް ބާއްވާ ޤައުމަކަށްވެފައި، އެ އިދާރާތަކުގެ އިތުބާރާއި ޔަޤީންކަން ރާއްޖޭގެ ދައުލަތުގެ މުއައްސަސާތަކަށް އަބަދުމެ ލިބިފައި އޮތުމާއި، އެ ކަންކަން އެ މަގަށް ހިނގުމަށްޓަކައި، ދައުލަތުގެ އިދާރާތަކުގެ ނަޒާހާތްތެރިކަމާއި، އިންޞާފުވެރިކަން އަބަދުމެ ކަށަވަރުވެފައި އޮތުމަކީ މުޅި ދިވެހި ދައުލަތުގެ ޤައުމީ މަޞްލަޙަތާ ސީދާގޮތުން ގުޅުން ހުރި ކަމެއް ކަމަށެވެ.
އެހެންކަމުން، ރާއްޖެއާ މުޢާމަލާތްކުރާ ބައިނަލްއަޤްވާމީ އިދާރާތަކުން، ވަކި ހަމަތަކާއި އުޞޫލުތަކެއްގެ ދަށުން ފޮނުވާ ފައިސާ، އެ ކަމަށް ރާއްޖޭގައި ހެދިފައިވާ އުޞޫލުތަކާއި ޤާނޫނުތަކާ ޚިލާފަށް، ކުށްކުރުމަށް ނުވަތަ ކުށްކުރުމަށް ފަހިވާގޮތަށް ބޭނުންކުރެވޭކަމުގެ ތުހުމަތެއް އޮތުމަކީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް އެ އޮފީހުން ބުންޏެވެ.
އެފްއޭއެމަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ ޢަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އެއްވެސް ހިސާބެއްގައި މަނީ ލޯންޑަރިންގާއި، ވައްކަމާއި، ޚިޔާނާތާއި، މަކަރާ ޙީލަތުގެ ނުވަތަ އެ ނޫން ވެސް ޖިނާއީ ކުށެއްގެ މައްސަލައެއް ހިނގަމުންދާނަމަ، އެ ކަމެއް ތަޙުޤީޤުކޮށްދެއްވައި، އެ މައްސަލައިގައި ދަޢުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީއަށް ފޮނުއްވުމަށް އެ އޮފީހުން ވަނީ އަމުރު ކޮށްފައެވެ.
ފުލުހުން އެފްއޭއެމް ހައުސްގެ ތެރެއަށް ވަދެފައިވާ އިރު، އެފްއޭއެމަށް ވަނީ ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވިފައެވެ. އެގޮތުން ފުޓުބޯޅައިގެ ބައެއް ހިންގުންތެރިން ވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު އިސްވެ ހުންނަވައި ކޮރަޕްޝަންގެ އަމަލުތައް ހިންގަވަމުން ގެންދަވާ ކަމަށް ތުހުމަތުކޮށްފައެވެ. އޭގެ އިތުރުން އެފްއޭއެމްގައި ދަރަނީގެ މައްސަލަތައް ވެސް ގިނައެވެ.
އެފްއޭއެމަށް ގަވާއިދުން ލީގު ހިންގޭ ގޮތް ނުވުމުން އެކަމުގެ އަސަރު ގައުމީ ޓީމުން ވެސް ފެނެއެވެ. ދެކުނު އޭޝިއާގެ ދެވަނައަށް އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި އޮތުމަށް ފަހު، މިހާރު ނޭޕާލް އަދި ބަންގުލަދޭޝް ފަދަ ޓީމުތަކާ ދެކޮޅަށް ނަތީޖާތައް ނެރުމަށް ވަނީ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައެވެ.
އެފްއޭއެމަށް ވަނީ އެ އިދާރާގެ މުވައްޒަފުންނަށް މުސާރަ ދެވޭ ގޮތް ވެސް ނުވެފައެވެ. އޭގެ އިތުރުން ކުރިން ގައުމީ ޓީމުގައި މަސައްކަތްކުރި ޓެކްނިކަލް މުވައްޒަފުންނަށް މުސާރަ ދީފައިނުވުމުން، ފީފާގައި ވެސް އެފްއޭއެމްގެ މައްސަލަތައް ކުރިއަށްދެއެވެ. އަދި، ރާއްޖޭގެ ކޯޓުތަކުގައި ވެސް އެފްއޭއެމްގެ މައްސަލަތައް ކުރިއަށްދެއެވެ.
އެފްއޭއެމް ތެރޭގައި މައްސަލަތަކެއް ޖެހި، ދާދި ފަހުން ހިންގާ ކޮމިޓީގެ ދެ މެންބަރަކު ވެސް ވަނީ އިސްތިއުފާދީފައެވެ. އެއީ، ނައިބު ރައީސްގެ މަގާމުގައި ހުންނެވި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ސީއީއޯ ހުސެއިން ޝާފިއު (ކޮއްކީ) އާއި ހިންގާ ކޮމިޓީގެ މެންބަރު އަދި ކްލަބު ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލް (މުއާބެ)އެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ ފައިސާގެ މައްސަލަތަކާ ގުޅޭގޮތުން އެފްއޭއެމުން އަދި ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. ބައްސާމް ވިދާޅުވެފައިވާ ގޮތުގައި، އެކަމާ ވާހަކަދައްކަވާނީ ތަހުގީގު ނިމުމުންނެވެ.