ކުރު ވީޑިއޯ ކޮންޓެންޓަށް މަޝްހޫރު ސޯޝަލް މީޑިއާ ކުންފުނި ޓިކްޓޮކްއަށް އަޕްލޯޑް ކުރެވޭ ވީޑިއޯގެ ދިގުމިން އިތުރުކޮށް، ޔޫޓިއުބްއާ ވާދަކުރަން ތައްޔާރުވެއްޖެއެވެ.

ޓިކްޓޮކްއިން ބުނީ ވީޑިއޯގެ ދިގުމިނުގެ އެކްސްޓެންޝަނެއް މިހާރު ޓެސްޓު ކުރަމުން އަންނަ ކަމަށާއި، އެގޮތުން ހޮވާލެވޭ ފަރާތްތަކަށް މިހާރުވެސް 15 މިނެޓުގެ ވީޑިއޯ އަޕްލޯޑް ކުރެވޭނެ ކަމަށެވެ.

ސޯޝަލް މީޑިއާ ކޮންސަލްޓަންޓް މެޓް ނަވާރާ އެންމެ ފުރަތަމަ މި ފީޗާ ފާހަގަކޮށް ޝެއާ ކުރި އިރު، އޭނާ ވަނީ އާ ފީޗާއަށް އެކްސެސް ލިބޭ ގޮތަށް ޔޫޒަރުންނަށް ފެންނަ މެސެޖެއްގެ ސްކްރީން ޝޮޓެއް ޕޯސްޓްކޮށްފައެވެ. މި ސްކްރީންޝޮޓުން އެނގުނު ގޮތުގައި ޓިކްޓޮކް މޮބައިލް އެޕްލިކޭޝަނާއި ޑެސްކްޓޮޕް ވާޝަން މެދުވެރިކޮށް ވެސް މިހާރު ޕްލެޓްފޯމަށް ދިގު ވީޑިއޯ އަޕްލޯޑް ކުރެވޭނެއެވެ.

ޓިކްޓޮކްގެ މަޝްހޫރުކަން އެންމެ ފުރަތަމަ ލިބުނީ އެ ކުންފުނީގެ މަގުބޫލު ޝޯޓް ފޯމް ވީޑިއޯ ކޮންޓެންޓަށް ވާއިރު، އެ ޕްލެޓްފޯމުން މަޑުމަޑުން މިދަނީ ވީޑިއޯގެ ދިގު މިނަށް ބަދަލު ގެންނަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޓިކްޓޮކްއިން ވަނީ ވީޑިއޯގެ ދިގުމިން 10 މިނެޓަށް އިތުރުކޮށްފައެވެ. އެންމެ ފަހުން މިގެނައި ބަދަލުގެ ސަބަބުން ޕްލެޓްފޯމްގައި ކޮންޓެންޓް ކްރިއޭޓަރުންނަށް ހުރި ފުރުސަތުތައް އިތުރަށް ފުޅާވާނެއެވެ.

މި ވީޑިއޯ ދިގުމިނުގެ އެންމެ ބޮޑު އެއް ފައިދާއަކީ ކްރިއޭޓަރުންނަށް އިތުރު ވަގުތާއި ލުއިފަސޭހަކަން ލިބުމެވެ. އެގޮތުން ކެއްކުމާއި، މޭކަޕް ކުރުމާއި ރީތިވުމާ ގުޅުންހުރި އެފަދަ އެހެނިހެން ވީޑިއޯތަކާއި ތައުލީމީ އަދި ކޮމެޑީ ވީޑިއޯތައް ކުރުކުރުމަށް ފަހު ވީޑިއޯ ސީރީސްއެއްގެ ގޮތުގައި އަޕްލޯޑް ކުރުމުގެ ބަދަލުގައި، އެއް ވީޑިއޯގެ ގޮތުގައި ދައްކާލެވޭނެއެވެ.

މި ބަދަލާއެކު ޓިކްޓޮކުން ވާދަކުރަނީ، ދިިގު ވީޑިއޯތަކަށް އެންމެ މަޝްހޫރު ޕްލެޓްފޯމް ކަމަށްވާ ޔޫޓިއުބާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި މިއީ އާންމުކޮށް ޔޫޓިއުބްގައި ދިގު ކޮންޓެންޓް ޕޯސްޓްކުރާ ކްރިއޭޓަރުން ޓިކްޓޮކަށް ގެނައުމަށް ޓިކްޓޮކްގެ ވިސްނުން ހުރި ކަމުގެ އިޝާރާތެކެވެ.

ޓިކްޓޮކާއި ޔޫޓިއުބާ ދެމެދު އޮތް ވާދަވެރިކަން ފާއިތުވި އަހަރުތަކުގައި އިތުރުވެފައިވާއިރު، ޔޫޓިއުބުން ވަނީ ޓިކްޓޮކްއާ އެއްގޮތް، "ޝޯޓްސް" ފަދަ ފީޗާތައް ތައާރަފުކޮށްފައެވެ.

ޓިކްޓޮކުން ގެންނަ މި ބޮޑު ބަދަލު، ޓިކްޓޮކް ބޭނުންކުރާ ހުރިހާ ޔޫޒަރުންނަށް ފަހަރެއްގައި ކަމުނުގޮސްދާނެއެވެ. އެއީ ޓިކްޓޮކްގެ މަގުބޫލުކަން އިތުރުވެފައިވަނީ އޭގެ ކުރު އަދި ހިތްގައިމު ކޮންޓެންޓަށް ކަމަށްވާއިރު، މިއީ ގިނަ ބަޔަކު އެ ޕްލެޓްފޯމަށް ޒިޔާރަތްކުރާ މައިގަނޑު ސަބަބަކަށް ވެދާނެތީއެވެ.

ދިގު ވީޑިއޯތައް ބަލަން އުނދަގޫވެދާނެތީ ދާދި ފަހުން ޓިކްޓޮކްއިން ވަނީ ވީޑިއޯ ފޯވާޑް ކުރެވޭނެ ފީޗާއެއްވެސް ތައާރަފުކޮށްފައެވެ.

ޓިކްޓޮކުން މި ބަދަލު، ހުރިހާ ކަސްޓަމަރުންނަށް ތައާރަފު ކުރަން ވިސްނަނީ ކޮންއިރަކު ކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ދިގު ވީޑިއޯ އަޕްލޯޑްތައް ތައާރަފްކުރުމުން ޓިކްޓޮކްގެ ކޮންޓެންޓް އޮފަރިންއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ، އެ ޕްލެޓްފޯމްގައި ކޮންޓެންޓް އުފައްދާ ކްރިއޭޓަރުންނަށް އިތުރު ފުރުސަތުތައް ލިބޭނެއެވެ.