ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް އެފްގައި ފްރެންޗް ލީގްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިން އާއި އިޓާލިއަން ސެރިއާގެ އޭސީ މިލާން ބައްދަލުކުރި މެޗް ފަސޭހަ ކަމާއެކު ޕީއެސްޖީއިން ކާމިޔާބުކޮށްފިއެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބުކުރީ ތިން ލަނޑު ސުން ލަނޑުންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައި ވަނީ ޕީއެސްޖީއިންނެވެ.

މި މެޗްގައި ޕީއެސްޖީގެ ފުރަތަމަ ލަނޑު މެޗްގެ 32 ވަނަ މިނެޓްގައި ޖަހާ އެ ޓީމަށް ލީޑު ނަގާދިނީ ކިލިއަން އެމްބާޕޭއެވެ. މިއީ އޭނާ އެންމެފަހުން ކްލަބާއި ޤައުމަށް ކުޅުނު 13 މެޗްގައި ކާމިޔާބުކުރި 13 ވަނަ ލަނޑެވެ. މި މެޗްގައި ޕީއެސްޖީގެ ދެވަނަ ލަނޑު މެޗްގެ 53 ވަނަ މިނެޓްގައި ޖަހައިދިނީ ރަންޑާލް ކޯލޯ މުއާނީއެެވެ. އަދި ފަހު ލަނޑު މެޗް ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ޖަހާދިނީ ލީ ކާންގްއެވެ. މި މެޗްގެ 48 ވަނަ މިނެޓްގައި ޕީއެސްޖީއަށް އިތުރު ލަނޑެއް ޖެހި ނަމަވެސް ވިއޭއާރުން ބެލުމަށްފަހު އެ ލަނޑު ޖެހުމުގެ ކުރިން ފައުލް އެއް ކުރެވިފައިވުމާއެކު އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ.

މި މެޗްގައި މިލާންއަށް މާއެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

މި ކާމީޔާބީއާއެކު ޕީއެސްޖީ މިހާރު އުޅެނީ ކުޅުނު ތިން މެޗުން ލިބިފައިވާ ހަ ޕޮއިންޓާއެކު ގްރޫޕް އެއްވަނައިގައެެވެ. އަދި މިލާން އުޅެނީ މެޗަކުން މޮޅުނުވެ ލިބިފައިވާ ދެ ޕޮއިންޓާއެކު ގްރޫޕްގެ ފުލުގައެވެ.

މި ފަހަރުގެ މުބާރާތުގައި މިލާން ކުޅުނު ފުރަތަމަ ދެ މެޗްވެސް ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ. އެހެންކަމުން އަދި މިހާތަނަށް މިލާންއަށް މިމުބާރާތުގައި ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އަދި ރޭގެ މެޗްގައި ވަތް ތިން ލަނޑަކީ އެ ޓީމް ކޮޅަށް މިފަހަރުގެ މުބާރާތުގައި ވަތް ފުރަތަމަ ލަނޑުތަކެވެ.

މި ގްރޫޕްގައި ދެން ހިމެނޭ ދެޓީމް ކަމަށްވާ އިންގްލިޝް ޕްރިމިއާ ލީގުގެ ނިއުކާސްލް ޔުނައިޓެޑާއި ޖަރުމަނު ބުންޑަސްލީގާގެ ބޮރޫޝިއާ ޓޯޓްމުންޑް ބައްދަލުކުރި މެޗް ރަށުން ބޭރުގައި އެއް ލަނޑު ސުން ލަނޑުން ކާމިޔާބުކުރީ ޑޯޓްމުންޑްއެވެ. މިއާއެކު މި ގްރޫޕްގެ ފޯރި މި ވަނީ އިތުރަށް ގަދަވެގެން ގޮސްފައެވެ.

އެއީ މި ދެ ޓީމަށް ވެސް މިހާރު ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އެހެންކަމުން މި ގްރޫޕުން ދެވަނަ ބުރަން ދިއުމުގެ ފުރުސަތު އަދި ހަތަރު ޓީމަށް ވެސް މި ވަނީ ހުޅުވިފައެވެ.