ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް އެޗްގައި ސްޕެނިޝް ލަލީގާގެ ޗެމްޕިއަން އެފްސީ ބާސެލޯނާއާއި ޔޫކްރެއިންގެ ޝާކްޓާ ޑޮނެސްކް ބައްދަލުކުރި މެޗު ބާސާއިން ކާމިޔާބުކޮށްފިއެވެ.

ބާސާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާސާއިންނެވެ. މެޗުގައި ބާސާއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 28 ވަނަ މިނެޓްގައި އެ ޓީމަށް ޖަހައިދިނީ ފެރާން ޓޯރޭޒްއެވެ. އަދި، އޭގެ އަށް މިނެޓު ފަހުން ޓޯރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ބާސާގެ ދެވަނަ ލަނޑު ޖަހައިދިނީ ފާމިން ލޯޕޭޒްއެވެ.

މެޗުގައި ޝަކްޓާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 62 ވަނަ މިނެޓްގައި ޖަހައިދިނީ ހެއޯހީ ސުޑަކޯވްއެވެ.

ބާސާގެ ސެންޓަފޯވަޑްގެ މަގާމަށް އާންމުކޮށް ކުޅޭ ރޮބަޓް ލެވަންޑޯސްކީއަށް އަނިޔާވެފައި ވާއިރު މެޗުގައި ޓޯރޭޒްގެ ފަރާތުން ފެނިގެންދިޔައީ ކުރިއަށް އޮތް ހަފުތާ ބަންދުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ލަލީގާގައި ކުޅުމަށް ހަމަޖެހިފައިވާ އެލް ކްލަސިކޯ މެޗަށް ނުކުންނައިރު ކޯޗު ޒާވީ ހެނާންޑެޒް ހިތްހަމަ ޖެހޭނެ ކުޅުމެކެވެ.

ނަމަވެސް މެޗުގެ 74 ވަނަ މިނެޓްގައި ކުރިއަށް ކުޅޭ ޖާއޮ ފީލިކްސްއަށް އަނިޔާވެގެން ފޭބުމާ ގުޅިގެން ޒާވީގެ ބޮލުގެ ރިހުން ވަނީ އަނެއްކާ ވެސް އިތުރު ވެގެން ގޮސްފައެވެ.

މި މޮޅާ އެކު ބާސާ މިހާރު ވަނީ ގްރޫޕް އެޗްގައި މިހާތަނަށް ކުޅުން ތިން މެޗު ވެސް ކާމިޔާބުކޮށް ގްރޫޕްގެ އެެއްވަނައިގައެވެ. އަދި ޝަކްޓާ އުޅެނީ ތިން ޕޮއިންޓާ އެކު ގްރޫޕްގެ ތިންވަނައިގައެވެ. ގްރޫޕްގައި ދެން ހިމެނޭ ދެ ޓީމު ކަމަށްވާ އެފްސީ ޕޯޓޯ އާއި ރޯޔަލް އެންޓްވާޕް ބައްދަލުކުރި މެޗު ރަށުން ބޭރުގައި 4-1 އިން ކާމިޔާބު ކުރީ ޕޯޓޯއެވެ.