26 Oct 2023, 18:18
ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް ޖީގައި އެންމެ ފަހުގެ ޗެމްޕިއަން އިންގްލިޝް ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީ އާއި ސްވިޓްޒަލަންޑްގެ ޔަންގް ބޯއިސް ބައްދަލުކުރި މެޗް ސިޓީ ކާމިޔާބުކޮށްފިއެވެ.
ޔަންގް ބޯއިސްގެ ދަނޑުގައި ކުޅުނު މިމެޗު ސިޓީ ކާމިޔާބުކުރީ ތިން ލަނޑު އެއް ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. މިމެޗްގެ ފުރަތަމަ ހާފުގައި ސިޓީއިން ކޮންޓްރޯލްކޮށް، ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ޔަންގް ބޯއިސްގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއްނުވިއެވެ. އަދި ޔަންގް ބޯއިސްގެ ކީޕާ އެންތޮނީ ރެކިއޯޕީ ވަނީ ސިޓީގެ ގިނަ ހަމަލާތަކެއް މިމެޗްގައި ދިފާއުކޮށްފައެވެ.
މިމެޗްގައި ސިޓީއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިންވަނަ މިނެޓުގައި ޖަހާދިނީ މެނުއަލް އަކާންޖީއެވެ. މިއީ އޭނާ ސިޓީއާ ގުޅުނު ފަހުން އެޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. ނަމަވެސް ސިޓީއަށް މިލީޑު ދެމެހެއްޓޭވަރުވީ އެންމެ ހަތަރު މިނެޓް ވަންދެނެވެ. މިގޮތުން މެޗްގެ 52 ވަނަ މިނެޓްގައި ޔަންގް ބޯއިސްއިން އުފެއްދި ކައުންޓާ އެޓޭކެއްގައި އެޓީމުންވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ މެޝާކް އެލިއާއެވެ.
މިމެޗްގައި ސިޓީއިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗްގެ 67 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އާލިން ހާލަންޑްއެވެ. މިއީ އޭނާ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗްގައި ކާމިޔާބު ކުރެވުނު ފުރަތަމަ ލަނޑެވެ. އަދި މެޗްގެ 86 ވަނަ މިނެޓްގައި ސިޓީގެ ތިންވަނަ ލަނޑުވެސް ޖަހާދިނީ ހާލަންޑްއެވެ.
މިކާމިޔާބީއާއެކު ސިޓީ މިހާރު އުޅެނީ ގްރޫޕް ޖީގައި މިހާތަނަށް ކުޅުނު ތިން މެޗުން ލިބިފައިވާ ނުވަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. އަދި ޔަންގް ބޯއިސް އުޅެނީ އެއް ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ.