މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި 23 އަހަރުގެ އަންހެނެއްގެ ބަންދަށް ކުރިމިނަލް ކޯޓުން މިދިޔަ އަންގާރަ ދުވަހު، ފަސް ދުވަސް ޖަހައިފިއެވެ.

ކުރިމިނަލް ކޯޓުން ބުނީ މާރާމާރީ ހިންގި ކަމުގެ ތުހުމަތު ކުރެވޭ މިންވަރަށް ފުލުހުންގެ ފަރާތުން، އެ ކޯޓަށް ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ.

އެހެންވެ، އަންގާރަ ދުވަހު އެ ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް ޖަހައިފައެވެ.

އޭނާ ބަންދުގައި ބަހައްޓަން އަމުރު ކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާއާއި، 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރިވެދާނެތީ ކަމަށް ބަލާފައި ކަމަށެވެ.

މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި އަންހެނަކަށް ފަސް ދުވަހުގެ ބަންދެއް ޖަހައިފައިވާއިރު، މިދިޔަ އަންގާރަ ދުވަހު އިތުރު އަންހެނަކު ވެސް ފިރިހެނަކަށް ހަމަލާދިން މައްސަލައެއް ފުލުހަށް ވަނީ ރިޕޯޓުކޮށްފައެވެ.