16 May 2012, 16:19
މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "ވޯލްޑް އެތުލެޓިކްސް ޑޭރަން" އަންނަ ހުކުރު ދުވަހު ޅ.ކުރެންދޫގައި ބޭއްވުމަށް އެތްލެޓިކްސް އެސޯސިއޭޝަނުން ނިންމައިފި އެވެ.
އެތުލެޓިކްސް ޑޭރަންއަކީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް މީގެ 100 އަހަރު ކުރިން ފެށިގެން ފާހަގަ ކުރަމުން ގެންދާ ދުވަހެކެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ، މިއަހަރުގެ އެތްލެޓިކްސް ޑޭގެ ހަރަކާތްތަކުގައި ގާތްގަނޑަކަށް ފަންސާހަކަށް އެތްލީޓުން ބައިވެރިވާ ކަމަށާއި މިދުވަސް ކުރެންދޫގައި ފާހަގަ ކުރުމަށް ނިންމާފައި ވާއިރު، އެރަށުގެ ކައުންސިލުން ވަރަށް ބޮޑު އެއްބާރުލުމެއް އެސޯސިއޭޝަންއަށް ދެމުން އަންނަ ކަމަށެވެ.
ކުރެންދޫ ކައުންސިލް އިދާރާގެ ރައީސް އަހުމަދު އިބްރާހިމް (މޭޖާ) ވިދާޅުވީ، އެތުލެޓިކްސް އެސޯސިއޭޝަންއާއި ކުރެންދޫގެ ކައުންސިލް އިދާރާ ގުޅިގެން ބޭއްވުމަށް ނިންމާފައިވާ ވޯލްޑް އެތުލެޓިކްސް ޑޭރަންގެ ހަރަކާތްތައް ބޭއްވުމަށް ނިންމާފައި ވަނީ ކުރެންދޫގެ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކަމަށެވެ. އަދި މިހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް ހަނދާނީ ލިޔުމާއި ދުވަހާ ގުޅޭ ޓީޝާޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނަ ވިދާޅުވި އެވެ.