19:30


ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާ ބެހޭ ގޮތުން ދޮގު ވާހަކަތަކެއް ދައްކަވާ ކަމަށް ބުނެ، ޏ. ފުވައްމުލަކު އަތޮޅުވެރިޔާގެ އެހީތެރިޔާގެ އިސްތިއުފާ އަށް ގޮވައި ޏ. އަތޮޅު އޮފީސް ދޮށަށް ބަޔަކު އެއްވެ މުޒާހަރާކޮށްފި އެވެ.


ސަންއެފްއެމް ބްރޭކިން ނިއުސް އަށް މަޢުލޫމާތު ދެއްވަމުން ފުވައްމުލަކު އަތޮޅު ކައުންސިލަރު ހަސަން ސައީދު މިއަދު ވިދާޅުވީ 250 އެއްހާ މީހުން ަތޮޅު އޮފީސް ދޮށަށް އެއްވެ މުޒާހަރާކޮށްފައި ވަނީ ފުވައްމުލަކު އަތޮޅުވެރިޔާގެ އެހީތެރިޔާ އަހުމަދު މުހައްމަދު ރައީސް ނަޝީދާ ބެހޭ ގޮތުން ޕޯޑިއަމް ތަކުގައި ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ދައްކަވައި، އަދި އެމަނިކުފާނުގެ އިސްތަށިފުޅުގައި ވައްކަމުގެ ދޮގު އިލްޒާމް އަޅުވާ ވާހަކަ ދައްކަވަމުން ގެންދަވާތީ ކަމަށެވެ. އަދި އޭނާ އެ މަގާމުގައި ހުންނަވައި އަޚްލާގީ ގޮތުން ދަށް ފެންވަރުގެ ވާހަކަ ދެއްކެވި ކަމުގެ ތުހުމަތުގައި ފިޔަވަޅު އަޅައިދިނުމަށް ވެސް އެއްވި މީހުން އެދެފައިވާ ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.


ކައުންސިލަރު ވިދާޅުވީ އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމަކީ ސިވިލް ސާވިސްގެ މަގާމަކަށް ވާތީ އެކަން ސިވިލް ސާވިސް ކޮމިޝަނަށް އަންގާފައިވާ ކަމަށާއި އަދި އޭނާއާ މެދު ސީއެސްސީން ޒިންމާދާރު ފިޔަވަޅެއް އަޅާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި މަސްލަހަތު ގޯސްވާނަމަ އޭނާއާ ދޭތެރޭ ކޮންމެ ވެސް ފިޔަވަޅެއް އަޅުއްވާނެ ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ. ކައުންސިލަރު ވިދާޅުވީ އެކަން މިހާރު ފުލުހުންނަށް ވެސް ހުށަހަޅުއްވައިފައިވާ ކަމަށެވެ.


މިކަމާ ގުޅިގެން ބްރޭކިން ނިއުސް އަށް މަޢުލޫމާތު ދެއްވަމުން ފުވައްމުލަކު އަތޮޅުވެރިޔާގެ އެހީތެރިޔާ އަހުމަދު މުހައްމަދު ވިދާޅުވީ އެމީހުން ގޮވީ ހަމައެކަނި އޭނާގެ އިސްތިއުފާއަށް އެކަނި ނޫން ކަމަށާއި އަތޮޅު ވެރިޔާގެ މުއާވިންގެ އިސްތިއުފާއަށް ވެސް އެމީހުން ގޮވާފައިވާ ކަމަށެވެ. އަދި އެއީ އާ ކަމެއް ނޫން ކަމަށާއި މީގެ ކުރިން ވެސް އެމީހުން ވަނީ އޭނާ ދަންޖެއްސުމަށް ވެސް މުޒާހަރާއެއްގައި ގޮވައިފައި ކަމަށެވެ. އަހުމަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ބަދުނާމުވާ ގޮތަށް އޭނާ ދައްކަވައިފައިވާ ކަމަށް އެމީހުން ބުނެފައިވާ ވާހަކަތަކަކީ ދޮގެއް ކަމަށެވެ.