ކުޑަ ކުއްޖަކަށް އަނިޔާ ކުރިކަމުގެ ތުހުމަތުގައި އިންޑިއާ އަންހެނެއް ހައްޔަރު ކޮށްފިއެވެ.

ކުޑަ ކުއްޖަކަށް އަނިޔާ ކުރުމުގެ ތުހުމަތުގައި މާލެއިން ހައްޔަރު ކުރި، 22 އަހަރުގެ އިންޑިއާ އަންހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފައެވެ.

ބަންދު އަމުރުގައި ވާގޮތުން، ތުހުމަތެއް ވުޖޫދު ކުރެވޭ ވަރަށް ފުލުހުން ވަނީ ހެކި ހުށަހަޅައިފައެވެ. އެގޮތުން، ހެކީގެ ގޮތުގައި އެ އަންހެން މީހާގެ ވީޑިއޯއެއް ފުލުހުން ވަނީ ކޯޓަށް ހުށަހަޅައިފައެވެ.

އެހެންވެ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބުނެ، ކްރިމިނަލް ކޯޓުން ވަނީ އެ އަންހެން މީހާ ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

އެ އަންހެން މީހާގެ ބަންދަށް 15 ދުވަސް ދީފައެވެ.

އެ އަމުރުގައި ބުނެފައިވަނީ މި ހާދިސާގައި އަނިޔާ ލިބިފައިވަނީ އެ އަންހެން މީހާ ބަލަހައްޓަމުންދާ ކުއްޖަކައި މެދު ހިނގާފައިވާ ކަމެއް ކަމަށެވެ. އެހެންވެ، އަންހެން މީހާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަށް ގަބޫލު ކުރެވޭ ކަމަށް އެ އަމުރުގައި ވަނީ ބުނެފައެވެ.

މި ފަހަކަށް އައިސް، ކުޑަކުދިން ބަލަން ވަރަށް ގިނަ ގޭގޭގައި ބޭރު މީހުން ގެންގުޅެއެވެ. އެ މީހުންގެ ފަރާތުން ކުދިންނަށް ގޯނާވާ ކަމުގެ ޝަކުވާތައް މަދުން ނަމަވެސް ލިބެއެވެ.