މެއިން (26 އޮކްޓޯބަރު 2023): އެމެރިކާގައި އާންމުންގެ ގަޔަށް ބަޑިޖަހައި ހިންގަމުން ގެންދާ ސިލްސިލާ ހާދިސާތަކުގެ ތެރެއިން ހާދިސާއެއްގައި އެމެރިކާގެ އާންމުންގެ 22 މީހަކު މަރާލައި 60 މީހަކު ޒަޚަމް ކޮށްލައިފިއެވެ.

މި ހާދިސާ ހިންގާފައިވަނީ އެމެރިކާގެ އިރު އުތުރުގެ ސްޓޭޓެއް ކަމަށްވާ "މެއިން" ސިޓީއެއް ކަމަށްވާ ލުއިސްޓަންގެ އަވަށެއް ގައެވެ. ލުއިސްޓަންގެ ފުލުހުން ބުނާ ގޮތުން މިއީ ގަތުލުއާންމަކާ އެއްގޮތަށް ގޮތެއް ފޮތެއް ނުބަލައި މީހަކު ތިން ތަނެއްގައި އާންމުންގެ ތެރެއަށް ބަޑިޖަހައިގެން ހިންގި ބޮޑު ކަތިލުން ގަނޑެކެވެ. މަރުވި 22 މީހުންގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ ބޮލަށް ވަޒަން އަރައިގެން ކަމަށް ފުލުހުން ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން ގަތުލުއާންމު ހިންގި މީހާ އަދިވެސް އުޅެނީ ފިލައިގެންނެވެ. އަދިވެސް އަތުނުވެއެވެ. ލުއިސްޓަންގެ އެންޑްރޮސްކޮޖީން އަވަށުގެ މުނިސިޕަލް އޮފީސް ބުނާގޮތުން މި ގަތުލުއާންމު ހިންގީ އޮޓަމެޓިކް ރައިފަލެއް ހިފައިގެން ހުރި ދޮން ނަސްލުގެ މީހެކެވެ. އޭނާ އޭނާގެ ރައިފަލުގެ ވަޒަން ހުސްވަންދެން އާންމުގެ ގަޔަށް ބަޑިޖަހި ސަބަބެއް ނޭންގެއެވެ. އެ މީހާ ވަނީ ފިލާފައެވެ.

އެމެރިކާގެ މީޑިއާ ބުނާގޮތުން ރައިފަލު ހިފައިގެން ހުރި މި މީހާ ތިން ތަނެއްގައި އާންމުންގެ ގަޔަށް ބަޑިޖެހިއެވެ. އެއްތަނަކީ މީހުން ފުރިފައި އޮތް ރެސްޓޯރެންޓެކެވެ. އަނެއްތަނަކީ ބޮވްލިންގް ހޯލެކެވެ. ތިންވަނަ ތަނަކީ މަޝްހޫރު ގްރޯސަރީ ސްޓޯރެކެވެ. މިއީ ވެސް މީހުން ފުރިބާރުވެފައި އޮތް ތަނެކެވެ.

އެއްތަނުގައި ބަޑިޖަހައި މީހުން މެރުމަށް ފަހު އަނެއް ތަނަށް ގޮސް ބަޑިޖެހިއިރު ވެސް އޭނާ ހުއްޓުވާނެ ބަޔަކުނެތެވެ. ފުލުހުންގެ ޚަބަރެއް ނުވެއެވެ. ފުލުހުން އައިކަމަށް ވަނީ މި ތިންތަނަށް ބަޑިޖަހައި މަރާނެބަޔަކު މެރުމަށް ފަހު ރައިފަލު ހިފައިގެން ހުރިމީހާ ފިލިފަހުންނެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް ބުނާގޮތުން މިއީ ވަރަށް ހިތާމަވެރި ހާދިސާއެކެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެންއަށް ވަނީ މި ހާދިސާއާ ބެހޭ މައުލޫމާތު ފޯރުކޮށްދީފައެވެ. ކަން ހިނގިގޮތުގެ ތަފުސީލު ސާފުކޮށްދީފައެވެ.

އެމެރިކާއަކީ އާންމު ތަންތަނަށް ބަޑިން ހަމަލާދީ މީހުން މީހުން މެރުމުގެ ހާދިސާތައް ވަރަށް ގިނައިން ހިނގާ ގައުމެކެވެ. އެމެރިކާގައި ބަޑި ގެންގުޅުމަކީ ހުއްދަ ކަމެކެވެ. އަދި އަމިއްލަ ނަފުސުގެ ދިފާއުގައި ކަމަށް ބުނެ ބަޑީގެ ބޭނުން ކުރުން ވެސް އެމެރިކާގައި ހުއްދައެވެ. ނަމަވެސް މިގޮތަށް ބަޑި ގެންގުޅުމާއި ބަޑީގެ ބޭނުންކުރަން ހުއްދަކޮށްފައި އޮތް އޮތުމުގެ ނަތީޖާ އެމެރިކާގެ ރައްޔިތުންނަށް ވަރަށް ހިއްޗެވެ.

އަހަރެއްގެ ތެރޭގައި މި ބާވަރުގެ އެތައް ސަތޭކަ ހާދިސާއެއް އެމެރިކާގައި ހިނގައި އަހަރެއްގެ މައްޗަށް ވިހި ތިރީސް ހާސް ކުށެއްނެތް އާންމުން މިފަދަ ބަޑީގެ ހަމަލާތަކުގައި މަރުވަމުން ދެއެވެ. މި ފަރާތްތަކަށް އިންސާފު ހޯދައިދޭނެ ފަރާތެއް އަދި އިދާރާއެއް އެމެރިކާގައި ނެތެވެ.

މިފަދަ ހާދިސާތައް ގިނަވާތީ އެމެރިކާގައި ބަޑިގެންގުޅުން މަނާކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް އެމެރިކާގެ ބާރުގަދަ ފަރާތްތަކާ މަހުޖަނުން ގެންދަނީ ހުރަސް އަޅަމުންނެވެ. މިކަމުގައި މަހުޖަނުން ބޭނުންކުރަނީ އެ މީހުންގެ ޚަރަދުގައި ކޭންޕޭން ކޮށްގެން އިންތިޚާބު ކޮށްފައިވާ ކޮންގްރެސްގެ މެންބަރުންނެވެ.

އެމެރިކާގެ ކޮންގްރެސްގެ މެންބަރުންނަކީ އާންމުންގެ ހައްގުތަކަށްވުރެ މުއްސަނދި މަހުޖަނުންނާއި ހަތިޔާރު އުފައްދާ ކުންފުނިތަކުގެ މަސްލަހަތަށް އިސްކަންދޭ ބައެއް ކަމަށް އެމެރިކާގެ އާންމުން ދެކެއެވެ.