ލޮނުޒިޔާރަތް ކޮޅުގައި އެމްޑީޕީ އިން ޖެހި ކޭމްޕްތައް ރޫޅާލުމުން، ސިވިލް ކޯޓަށް އެޕާޓީން ހުށަހަޅާފައިވާ މައްސަލައިގައި ޕާޓީގެ ރައީސްގެ ހައިސިޔަތުން ޑރ. އިބްރާހިމް ދީދީ (ޑރ.ޑީޑީ) ސޮއިކުރައްވާފައި ވުމަކީ މައްސަލަ ކުރިއަށް ގެންދިއުމަށް އޮތް ހުރަހެއް ނޫން ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.

ސިވިލް ކޯޓުން މި ގޮތައް ކަނޑައެޅީ ޑރ ޑީޑީ ޕާޓީގެ ރައީސް ކަމަށް އިންތިހާބުކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުކޮށްފައިވާ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ނޫން ކަމަށް ބުނެ، އެޓާނީ ޖެނަރަލް އޮފީހުން ސިވިލް ކޯޓުގައި ނެގި އިޖްރާއީ ނުކުތާއާމެދު ސިވިލް ކޯޓުން މިއަދު ގޮތެއް ނިންމެވި އިރު އެވެ.

ފުލުހުންނާއި ސިފައިންގެ މައްޗަށް އެމްޑީޕީން އުފުލި ދައުވާގެ އަޑު އެހުމުގައި މިދިޔަ އާދިއްތަ ދުވަހު ސިވިލް ކޯޓުގައި ދައުލަތުން ބުނެފައިވަނީ އެމްޑީޕީގެ ރައީސް ކަމަށް ޑީޑީ އިންތިހާބު ކޮށްފައިވަނީ އެޕާޓީގެ އަސާސީ ގަވާއިދަށް ގެނައި ބަދަލަށްފަހު ކަމަށާއި އެ ބަދަލު ގެނައުމަށްފަހު އިލެކްޝަނުގައި ދަފުތަރު ކޮށްފައިނެތުމަކީ ޑީޑީއަކީ ޕާޓީގެ ރައީސްގެ ހަސިޔަތާއިމެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

އަދި އެމްޑީޕީގެ އަސާސީ ގަވާއިދަށް ގެނައި ބަދަލު ގާނޫނީ ގޮތުން ބަލައި ގަނެވޭނީ އިލެކްޝަންސް ކޮމިޝަނުގައި އެބަދަލާއެކު އަސާސީ ގަވާއިދު ދަފުތަރު ކުރެވުމުން ކަމަށް އެދުވަހު ނެގި އިޖްރާއީ ނުކުތާގައި ދައުލަތުން ބުންޏެވެ.

ނަމަވެސް މައްސަލަ ބެއްލެވި ގާޒީ ހާތިފް ހިލްމީ ވިދާޅުވީ އަސާސީ ގަވާއިދަށް ގެނެސްފައިވާ ބަދަލު އިލެކްޝަންސް ކޮމިޝަނުގައި ހިމެނިފައިނެތުމަކީ އެ ބަދަލު ބަލައި ނުގަނެވޭނެ ސަބަބެއް ކަމަށް ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައި ބުނެފައިނުވާ ކަމަށެވެ.

އަދި އެހެންމެ އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުގައި އެޕާޓީއަށް ގެނެސްފައިވާ ބަދަލު މިހާރު ދަފްތަރުކޮށްފައިވާއިރު އިލެކްޝަން ކޮމިޝަނުން ވެސް "އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމް ދީދީ" އެގޮތަށް މުހާތަބު ކުރާތީ ކޯޓަށް ހުށަހަޅާފައިވާ މައްސަގައި ޑީޑީ ސޮއިކޮށްފައިވުމަކީ މައްސަލަ ކުރިއަށް ނުގެންދެވެންވީ ސަބަބެއް ނޫން ކަމަށެވެ.

ހުކުމަށްފަހު ދައުލަތު ވަކީލު އަހްމަދު އުޝާމް ވިދާޅުވީ ގާޒީ ނިންމެވި ހުކުމް ދައުލަތުން ދިރާސާ ކުރަން ބޭނުންވާ ކަމަށެވެ. އަދި އެ ނިންމެވި ނިންމުން އިސްތިއުނާފް ކުރާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް މައްސަލަ ކުރިއަށް ނުގެންގޮސް ވަގުތު ކޮޅެއް ބޭނުންވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެހެން ނަމަވެސް އެމްޑީޕީގެ ވަކީލް ހިސާން ހުސެއިން ކޯޓުގައި ވިދާޅުވީ ކޯޓުން ނިންމެވި ހުކުމަށްފަހު އިތުރަށް އެ ހުކުމް ދިރާސާ ކުރުމުގެ ފުރުސަތު ދޭން ނުޖެހޭނެ ކަމަށާއި މައްސަލަ ކުރިއަށް ދާންޖެހޭނެ ކަމަށެވެ.

އަދި ދައުލަތުން ބޭނުންވަނީ މައްސަލަ ދިގުދައްމަން ކަމަށާއި މި މައްސަލަ ދިރާސާ ކުރުމަށް ދައުލަތަށް ވަގުތު ނުދީ މައްސަލަ ފަސް ކޮށްފައި ބޭއްވުމަކީ އެމްޑީޕީން ގަބޫލު ކުރާނެ އުސޫލެއް ނޫން ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

އެހެން ނަމަވެސް ކޯޓަށް ވަޑައިގަތީ އެމްޑީޕީން ހުށަހަޅާފައިވާ މައްސަލަ އަށް ޖަވާބުދާރީ ވުމަށް ތައްޔާރުވެގެން ނޫންކަމަށް އުޝާމް ވިދާޅުވުމުން ގާޒީ ވަނީ ދެން އޮންނަ އަޑު އެހުމެއްގައި ޖަވާބު ދާރީވާންޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

މިއަދުގެ އަޑު އެހުން ނިންމާލައްވަމުން ގާޒީ ހާތިފް ވިދާޅުވީ ދެން އޮންނަ އަޑު އެހުމެއްގައި އެމްޑީޕީން ހުށަހަޅާފައިވާ މައްސަލަގައި ދައުލަތުން ޖަވާބު ދާރީ ވާންޖެހޭނެ ކަމަށާއި ދެން ލިބޭނީ މައްސަލަގައި އިޖްރާއީ ނުކުތާއެއް ނެގުމަށް ވެސް ލިބޭނެ އެންމެ ފަހު ފުރުސަތު ކަމަށެވެ.

ލޮނުޒިޔާރަތް ކޮޅުގައި އެމްޑީޕީ އިން ޖެހި ކޭމްޕްތައް ރޫޅާލުމުން، ސިފައިންނާއި ފުލުހުންގެ މައްޗަށް އެމްޑީޕީން ހުށަހެޅި ދައުވާ ފުރަތަމަ އެ ޕާޓީން ހުށަހެޅީ ޕާޓީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކު ސޮއި ކުރުމަށްފަހުގަ އެވެ.

އެހެން ނަމަވެސް އެމްޑީޕީ އިން ދައުވާ ކުރާ މައްސަލަތަކުގެ ދައުވާ ފޯމްގައި ސޮއިކުރުމުގެ ބާރު ރީކޯ މޫސަ މަނިކަށް ލިބިފައިނުވާ ކަމަށް ކަނޑައަޅައި، ކޯޓުން އެ ފަހަރު އެ މައްސަލަ ބޭރުކޮށްލުމުން ޕާޓީގެ ރައީސް ޑީޑީ ސޮއިކުރައްވައި އަލުން މައްސަލަ ހުށަހެޅީ އެވެ