ހަމާސް އަކީ ޓެރަރިސްޓު ޖަމާއަތެއް ނޫން ކަމަށާއި އެއީ ފަލަސްތީނާއި ރައްޔިތުންގެ ދިފާއުގައި މަސައްކަތްކުރާ ޖަމާއަތެއް ކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.

އަލްމަޔާދީން ނޫހުން ރިޕޯޓުކުރާ ގޮތުގައި ވެރިކަންކުރާ ޕާޓީ ކަމަށްވާ އޭކޭ ޕާޓީގެ މެމްބަރުންނާ ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވަނީ މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލަން ގޮވާލައްވާފައެވެ. އެ ސަރަހައްދަށް ދާއިމީ ގޮތެއްގައި ހައްލު ގެނެސް ސުލްހަ ގާއިމުކުރުމަށްޓަކައި މުސްލިމް ގައުމުތައް އެއްބައިވަންތަވެ އެކަތިގަނޑަކަށް ވުމަށްވެސް އުރުދުޣާން ގޮވާލެއްވިއެވެ.

އިސްރާއީލުން ޣައްޒާގައި ހިންގާ ލާއިންސާނީ އަމަލުތަކަށް ހުޅަނގުގެ ގައުމުތަކުން ތާއީދުކުރާތީ، އެ ގައުމުތަކަށް އުރުދުޣާން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެއްވެސް ބަޔަކަށް ގާނޫނުތަކަށްވުރެ މަތިނުވެވޭނެ ކަމަށްބުނެ ހަނގުރާމަ ހުއްޓާލުމަށް އދ އިންވެސް ވަނީ ގޮވާލައްވާފައެވެ.

އިސްރާއިލުން ދޭ ހަމަލާތަކަށް ކުޑަ ހިނދުކޮޅަކަށް ނަމަވެސް މެދުކެނޑުމެއް އައިސްފައިނުވާއިރު، ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 6000 ން މަތިވެފައެވެ.