އިސްރާއީލުން ފަލަސްތީނަށް މިހާރު ދެމުންގެންދާ ހަމަލާތަކުގައި އިންސާނިއްޔަތުކަން ދެއްކުމުގެ ގޮތުން ޣައްޒާގެ އުތުރު ސަރަހައްދު ހުސްކޮށް ދެކުނަށް ބަދަލުވުމަށް އިސްރާއީލުން އެންގީ ހަނގުރާމަ ފެށި ހަފްތާގައެވެ.

އެގޮތުން ޣައްޒާގެ ގިނަ ބަޔަކު ވަނީ އޮކްޓޫބަރު މަހު 13 ވަނަ ދުވަހު އުތުރު ސަރަހައްދު ދޫކޮށް އުތުރާއި ދެކުނު ގުޅުވައިދޭ މައި ހައިވޭ ކަމަށްވާ ސަލާހު އަލް ދީން މަގުން ދެކުނަށް ދަތުރުކުރަ ފަށާފައެވެ. މިގޮތަށް ދަތުރު ފެށި އެތައް ފަލަސްތީނުގެ އެތައް ބައެއްގެ ތެރޭގައި އަބްދުއްރަހްމާނާއި އޭނާގެ އާއިލާ ވެސް ހިމެނެއެވެ. ހަމަ އެ ދުވަހުގެ މެންދުރު ފަހު އިސްރާއީލުން ވަނީ އެގޮތަށް ދަތުރުކުރި ޓްރަކަކަށް ހަމާލާދީ 70 މީހުން ޝަހީދުކޮށްލާފައެވެ.

މި ހަމަލާއިން ހަނި ގޮތަކަށް ސަލާމަތްވި އެއް އާއިލާއަކީ އަބްދުއްރަހްމާނުގެ އާއިލާއެވެ. އޭނާ އެ ވަގުތު ދަތުރުކުރަމުން ދިޔައީ އެއްބަނޑު އެއްބަފާ ފަސް ދައްތައާ މަންމަ އާއި ބައްޕަ ގޮވައިގެން ކާރެއްގައި ޣައްޒާގެ ދެކުނަށެވެ.

"އެ ހަމަލާއިން ސަލާމަތް ވުމަކީ މުއުޖިޒާތެއް،" 26 އަހަރުގެ އަބްދުއްރަހްމާނު އަލްޖަޒީރާއަށް ބުންޏެވެ.

ހަމަލާއަށް ފަހު މީހުންތައް ވެއްޓި ބުރަ ބުރައިގެން ގޮސްފައިވާ ތަން ފެނުމުން އެ މީހުން ވެސް ފުރަތަމަ ތިބީ ޝޮކެއްގައި ކަމަށް އަބްދުއްރަހްމާނު ބުންޏެވެ. އަދި، ތިބީ ހަދާނެ ގޮތް ހުސްވެފައި ކަމަށާއި ނަމަވެސް އެންމެ ފަހުން ދެކުނަށް ދަތުރުކޮށް އދ އިން ޣައްޒާގައި ހިންގާ ރެފިއުޖީ ސްކޫލް ތެރެއަށް ވަނީ ކަމަށް އަބްދުއްރަހްމާނު ކިޔައިދިނެވެ.

އެ ތަނަށް ވަދެވުނު ނަމަވެސް ބޭނުންވާ ކާނާއާއި، ފެން ނުލިބި، އަމިއްލަ މިނިވަންކަން ވެސް ގެއްލުނީ ކަމަށް އަބްދުއްރާހްމާނުގެ 25 އަހަރުގެ އަންހެން ކޮއްކޮ ކިޔައިދިނެވެ. އާއިލާގައި ހަ އަންހެނުން ހިމެނޭއިރު ފާޚާނާ ކުރުމާއި، ފެންވެރުން އަދި ކެއުމާއި އަމިއްލަ ކޮޓަރި ވެސް ގެއްލުނީ ކަމަށް އޭނާ ބުންޏެވެ. އަދި، އެ މީހުން މިހާރު މި ތިބީ 65 އަކަ ފޫޓުގެ ކްލާސް ރޫމެއްގައި އިތުރު 30 މީހުންނާ އެކުގައި ކަމަށް ވެސް އޭނާ ކިޔައިދިނެވެ. އަންހެނުންނާއި ކުޑަކުދިން އެތެރޭގައި ނިދާއިރު، ފިރިހެނުން ނިދަނީ ބޭރުގައެވެ.

ޣައްޒާގެ ހާން ޔޫނުސްގައި ހުންނަ އދ ގެ ރެފިއުޖީ ސްކޫލްގައި އަންހެނަކު ކައްކަނީ ފޮޓޯ/އަލްޖަޒީރާ

އެ ވަރުން އަދި ނިދެނީކީ ނޫނެވެ. ދެން އިވެނީ 24 ގަޑިއިރު ކަހަލަ ގޮތަކަށް އިވޭ ބޮމުގެ ހަމަލާތަކުގެ އަޑެވެ. ބައެއް ފަހަރު ބިންގަނޑު ނަށާހެން ހީވާ ކަމަށް ވެސް އަބްދުއްރަހްމާނު ކިޔައިދިނެވެ.

ސްކޫލަށް ބަދަލު އެހެން އާއިލާއެއް ކަމަށްވާ އައްމާރުގެ އާއިލާއަކީ ޣައްޒާގެ އުތުރުން ދެކުނަށް އެންމެ ފުރަތަމަ ބަދަލުވި މީހުންގެ ތެރޭގައި ހިމެނޭ އާއިލާއެކެވެ. ނަމަވެސް ސްކޫލަށް ވެސް ދެންމެ ދެންމެ ބޮން އަޅާފާނެހެން ހީވުމާއި، ކޮންމެހެން ބޭނުންވާ ތަކެތި ނުލިބުމުގެ ސަބަބުން ސްކޫލްގައި ދެތިން ދުވަހު ތިބެފައި އެ މީހުން ވަނީ އަނެއްކާ އެނބުރި އުތުރުގައި ހުންނަ އެ މީހުންގެ ގެއަށް ބަދަލުވެފައެވެ.

އޭގެ ފަހުން އަބްދުއްރަހްމާނުގެ އާއިލާއިން ވެސް ވަނީ ގެއަށް ބަދަލުވެފައެވެ. ޓެކްސީއެއް ނުލިބުމުން އެ މީހުން ވަނީ ހަ ކިލޯމީޓަރަށް ފައިމަގުގައި ދަތުރުކޮށްފައެވެ. އަންނައުނު ކޮޅާއި އަދިވެސް ބޭނުންވާ މަދު އެތިކޮޅެއް ހިފައިގެން މަގުމަތީގައި ހިނގީ ޒިގްޒެގްކޮށް ކަމަށް ވެސް އަބްދުއްރަހްމާނު ބުންޏެވެ. އެގޮތަށް ހިނގީ ބޮން އަޅާފާނެތީ ކަމަށާއި ވަކި ހިސާބަކުން ޓެކްސީއެއް ލިބިގެން ޓެކްސީގައި ދިޔައިރު ވެސް ކައިރި ހިސާބުތަކަށް ބޮން އަޅަމުން ދިޔަ ކަމަށް އަބްދުއްރަހްމާނާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކުރެއެވެ.

ގެއާ ހަމައަށް ފޯރުމާ އެކު އެ މީހުންގެ ގަޔަށް ބޮން އެޅި ނަމަ ދެން ވާނީ ކިހިނެއްތޯ އަބްދުއްރަހްމާނުގެ ބައްޕަ ސުވާލުކުރިއެވެ. އެއާ އެކު 20 އަހަރުގެ ވަލާ ބުނީ ވާނީ މަރު ކަމަށެވެ. އެއީ އެހާ ވެސް ފަސޭހަ ކަމެއް ކަމަށާއި، އޭރުން މާ ރަނގަޅުވާނެ ކަމަށް ވެސް ވަލާ ބުންޏެވެ. ބަނޑުހައި ހޫނުކަމެއް، ކަރު ހިއްކުމެއް، އަދި ބިރުވެރިކަމެއް އޭރުން ނޯންނާނެ ކަމަށާއި ކޮންމެ ދުވަހަކު މަޑު މަޑުން މިވާ މަރުން މިންޖުވާނެ ކަމަށް ވާލާ ބުންޏެވެ.

އަވަށްޓެރި ސަރަހައްދަކަށް އިސްރާއީލުން ބޮން އެޅުމުން އެހެން ސަރަހައްދަކަށް ދާން ފަލަސްތީނުގެ އަންހެނަކަށް މީހަކު އެހީވަނީ ފޮޓޯ/އަލްޖަޒީރާ

މިއީ ޣައްޒާގެ ހަމަ ކޮންމެ އާއިލާއެއް ވެސް މިއަދު ތަހައްމަލު ކުރަމުންދާ ވޭނެވެ. ކުށެއްނެތި، ކުށް ކުރި ކަމަށް އަދަބު ލިބެނީއެވެ.

އިސްރާއީލުން ޣައްޒާގައި ދެމުންގެންދާ ލާއިންސާނީ އަމަލުތަކުގައި މިހާތަނަށް 5791 މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަނީ އަންހެނުންނާ ކުޑަކުދިންނެވެ. ޣައްޒާގެ 2.3 މިލިއަން އާބާދީއެއްގެ ތެރެއިން އެއް މިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.