ތިލަފުށީގެ ބިން ހިއްކުމަށް، ހަވާލުކޮށްފައިވާ ހެވީ ލޯޑުން ޕްރޮޖެކްޓް ގެރެންޓީއެއްގެ ގޮތުގައި ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) އަށް ދޫކޮށްފައިވާ 16.1 މިލިއަން ރުފިޔާގެ ޗެކް ބައުންސް ވެފައިވާތާ މަސްދު ވަސް ފާއިތުވީއިރު ވެސް އެ ގެރެންޓީ ޗެކް އިއާދަ ކޮށްދީފައި ނުވާ ކަމަށް ޓީސީއެލްއިން ބުނެފި އެވެ.

ހެވީލޯޑުން ތިލަފުށީ ބިން ހިއްކުމުގެ މަޝްރޫއު މިދިޔަ އަހަރުގެ ފަހުކޮޅު ހުއްޓާލުމުން އަލުން މަޝްރޫއު ފެށުމުގެ ގެރެންޓީއެއްގެ ގޮތުން ޓީސީއެލްއަށް ދޫކޮށްފައިވާ އެ ޗެކް ބައުންސްވީ ޗެކްގެ މުއްދަތު ހަމަވާތީ ކޭޝްކުރަން ބޭންކަށް ހުށަހެޅުމުން މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ. ފިނޭންސް މިނިސްޓްރީން އޭރު ބުނެފައިވަނީ އެ ޗެކް ކޭޝްކުރަން ހުށަހެޅީ ވެސް ޗެކްގެ މުއްދަތު އިތުރުކޮށްދިނުމަށް އެ ދުމުން ހެވީލޯޑުން އެކަމަށް އިޖާބަ ނުދިނުމުން ކަމަށެވެ.

ޓީސީއެލްގެ ހެޑް އޮފް ކޯޕަރޭޓް އެފެއާޒް މުހަންމަދު ލަތީފް ސަން އޮންލައިން އަށް މިއަދު ވިދާޅުވީ އެ މަޝްރޫއަށް އަދި ވަކި ގޮތެއް ނުނިމޭތީ 16.1 މިލިއަން ރުފިޔާގެ ގެރެންޓީއެއް ބެހެއްޓުން ހެވީލޯޑުގެ މައްޗަށް ލާޒިމް ކުރާ ކަމަށާއި އެ ގެރެންޓީ އިއާދަކުރުމަށް ހެވީލޯޑުގައި އެދިފައިވާނެ ކަމަށެވެ.

"ގެރެންޓީ ބަހައްޓަން ޖެހޭނެ، އަޅުގަނޑުމެން ދަންނަވާފައި އޮންނާނީ އެގޮތައް، އެކަމަކު އަދި އެބޭފުޅުން އައު ޗެކެއް ވެސް އިޝޫއެއް ނުކުރައްވާ، ހަމަ އެ ޗެކް ބައުންސްވި ގޮތައް އޮތީ،" ލަތީފް ވިދާޅުވި އެވެ.

މީގެ ކުރިން ފިނޭންސް މިނިސްޓްރީން ވެސް ބުނެފައިވަނީ އެ މަޝްރޫއުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން އެ ގެރެންޓީ ދަމަހައްޓަން ޖެހޭނެ ކަމަށާއި ގެރެންޓީ ދޫކޮށް ލެވެން ނޯންނާނެ ކަމަށެވެ. އަދި އެކަމުގައި ގާނޫނީ ލަފައެއް ހޯދަމުން އަންނަ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން އޭރު ބުންޏެވެ.

ފިނޭންސް މިނިސްޓްރީން އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލައިގައި ހެވީލޯޑާ އެކު މަޝްވަރާތަކެއް ކުރިއަށް ދާތީ އެ މައްސަލައިގައި މީޑިޔާއަށް ހާމަކުރެވޭނެ މައުލޫމާތެއް އަދި ނެތް ކަމަށެވެ.

އެ މަޝްވަރާތަކާ ގުޅޭގޮތުން ލަތީފް ވިދާޅުވީ އެ މަޝްރޫއު އަލުން ފެށުމާ މެދު ގޮތެއް ނިންމުމަށް ހެވީލޯޑާއި ޓީސީއެލްއާއި ދެމެދު މަޝްވަރާތަކެއް ކުރިއަށް ދާ ކަމަށާއި އެ މަޝްވަރާތައް ކުރިއަށް ދަނީ ފިނޭންސްގެ އިރުޝާދުގެ ދަށުން ކަމަށެވެ. އަދި އެ މަޝްވަރާތަކުގައި އެ ގެރެންޓީ އަލުން އިއާދަކޮށް ދިނުމަށް ހެވީލޯޑްގައި އެދެމުންދާކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިތުރު މައުލޫމާތެއް އޭނާ ނުދެއްވި އެވެ.

"އެ މަޝްވަރާތައް ނިމުނީމަ އެ ވާހަތައް މީޑިޔާއާ ހިއްސާކުރެވެން އަންނަނީ، އަދި އަޅުގަނޑަށް އެ މަޝްވަރާތަކުގެ ނަތީޖާއާ މެދު އެއްޗެއް ބުނަން އަވަސް،" ލަތީފް ވިދާޅުވި އެވެ.

ތިލަފުށީ ފަޅުން 130 ހެކްޓަރުގެ ބިން ހިންކަށް ހެވީލޯޑް މޯލްޑިވްސްއާ އެ މަޝްރޫއު ހަވާލުކުރީ 269.85 މިލިއަން ރުފިޔާ އަށް 2010 އެއްގެ ސެޕްޓެމްބަރުގެ ފަހުކޮޅު އެވެ. އެ މަޝްރޫއު ހެވީ ލޯޑާ ހަވާލުކުރީ، ސަރުކާރުގެ ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީ އިން ހުށަހެޅި 167.4 މިލިއަން ރުފިޔާ އަށް އެ މަސައްކަތް ކުރުމަށް ހުށަހަޅާފައި ވަނިކޮށެވެ.

އެ މަސައްކަތް ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ވަނީ ޓީސީއެލްއަށް އަންގާފަ އެވެ. އެ ޕްރޮޖެކްޓާ ގުޅޭ މައްސަލަތަކެއް އޭސީސީ އަދިވެސް ބަލަމުންދާ އިރު ސިވިލް ކޯޓުގައި ވެސް އެ ޕްރޮޖެކްޓާ ގުޅޭ މައްސަލައެއް ކުރިއަށްދެ އެވެ.