ރިޝްވަތު ދިން ކަމުގެ ދައުވާ އުފުލާފައިވާ ބާސެލޯނާގެ ކުރީގެ ރައީސުންނާ މިހާރުގެ ރައީސް ޖޮއާން ލަޕޯޓާ ބައްދަލުކޮށްފިއެވެ.

ރިޝްވަތު ދިން ކަމުގެ ދައުވާ އުފުލާފައިވަނީ ބާސާގެ ރައީސަކަށް މިހާރު ހުރި ލަޕޯޓާގެ އިތުރުން ކުރީގެ ރައީސުން ކަމަށްވާ ޖޮއާން ގެސްޕާޓާއި ސެންޑްރޯ ރޮސެލް އާއި އެންރިކް ރޭނާ އަދި ޖޯސެޕް މާރިއާ ބާޓޮމެއުއާ ދެކޮޅަށެވެ.

ބާސާއިން ރިޝްވަތު ދިން ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ. އެ ތުހުމަތުތައް ކޮށްފައިވަނީ ސްޕެނިޝް ފުޓްބޯލް ރެފްރީން ކޮމިޓީގެ ނައިބު ރައީސް ހޯސޭ މާރިއާ އެންރީކޭޒް ނެގްރެއިރާއާ ހިންގި ފައިސާގެ މުއާމަލާތްތަކާ ގުޅިގެންނެވެ.

ބާސާއިން ނެރުނު ބަޔާނެއްގައި ބުނީ ލަޕޯޓާ އާއި ކުރީގެ ރައީސުން ބައްދަލުކޮށްފައިވަނީ އެ މައްސަލައިގައި ވަކާލާތުކުރުމަށް އެކުގައި މަސައްކަތްކުރުމަށް ކަމަށާއި އެ ކްލަބާ ދެކޮޅަށް ކުރަމުންދާ އެއްވެސް ހަގީގަތެއް ނެތް ތުހުމަތުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ފަސް ރައީސުން ވެސް އެއްބަސްވެފައިވާ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ތަހުގީގުން 2016 އިން 2018ގެ ނިޔަލަށް ނެގްރެއިރާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ބާސާއިން ވަނީ ފައިސާ ދީފައެވެ. އެ މުއްދަތުގެ ތެރޭގައި 33 މުއާމަލާތެއް ހިންގާފައިވާ އިރު، އެއީ 1.6 މިލިއަން ޔޫރޯގެ އަދަދެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހާރު އެ ތަހުގީގު އިތުރަށް ފުޅާކޮށް، 2008 އިން ފެށިގެން ބާސާއިން ހިންގާފައިވާ މުއާމަލާތްތައް ބެލުމަށް ވަނީ ނިންމައިފައެވެ. އެއީ، ބާސާގެ ރައީސްކަމުގައި ލަޕޯޓާ ހޭދަކުރި ފުރަތަމަ ދައުރެވެ.

ތަހުގީގު އިތުރަށް ފުޅާކުރުމުން ބާސާގެ ކުރީގެ ރައީސުން ކަމަށްވާ ސެންޑްރޯ ރޮސެލް އާއި ޖޯސެޕް މާރިއާ ބާޓޯމެއުއާ އެކު ލަޕޯޓާއަށް ވެސް ދައުވާކުރަން ވަނީ ނިންމައިފައެވެ. އޭގެ އިތުރުން ބާސާގެ ކުރީގެ ޑިރެކްޓަރުން ކަމަށްވާ އޮސްކާ ގްރައު އަދި އަލްބާޓް ސޮލާއަށް ވެސް ދައުވާކުރެއެވެ.

ސްޕެނިޝް ފުޓްބޯލް ރެފްރީން ކޮމިޓީގެ ނައިބު ރައީސްގެ މަގާމުގައި ނެގްރެއިރާ ހުރުމުން އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ، 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި، ލަޕޯޓާ އާއި ބާސާގެ ކުރީގެ ރައީސުންނަށް ކުށް ސާބިތުވެއްޖެ ނަމަ، ދިހަ އަހަރު ދުވަހުގެ ހުކުމެއް އަންނާނެއެވެ.