26 Oct 2023, 10:33
އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގެ އާސީޒަންގެ ފުރަތަމަ މެޗް އެންމެފަހުގެ ޗެމްޕިއަން ޑެންވާ ނަގެޓްސް ކާމިޔާބުކޮށްފިއެވެ.
ނަގެޓްސް އިން މި މެޗް ކާމިޔާބުކޮށްފައިވަނީ ލޮސް އެންޖަލިސް ލޭކާސްއާ ބައްދަލުކޮށް 119 ޕޮއިންޓް 107 ޕޮއިންޓުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި އެންމެ ބޮޑު ތަފާތެއް ފެނިގެންދިޔައީ ފުރަތަމަ ކުއާޓާގައެވެ. މި ގޮތުން ފުރަތަމަ ކުއާޓާގައި ނަގެޓްސްއިން 34 ޕޮއިންޓް ހޯދިއިރު ލޭކާސްއަށް ހޯދުނީ 20 ޕޮއިންޓެވެ. މިއާއެކު ޖެހިގެން އައި ދެ ކުއާޓާގައި ލޭކާސްއިން ކުޅުން ރަނގަޅު ކޮށް ތަފާތު ކުޑަކުރި ނަމަވެސް ފުރަތަމަ ކުއާޓާގައި ވެއްޓުނު އަޑިގަނޑުން އަރައިގަނެވޭގޮތެއް ނުވިއެވެ.
މި މެޗްގައި ނަގެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 29 ޕޮއިންޓް ހޯދާދީ 13 ރީބައުންޑް ނަގާދީ 11 އެސިސްޓް ދީ ޓްރިޕްލް ޑަބަލް ހެދި ނިކޮލާ ޔޮކިޗްއެވެ. މީގެ އިތުރުން ޖަމާލް މަރީ 21 ޕޮއިންޓް ހޯދާދިން އިރު ކެންޓަވިއަސް ކޯލްޑްވެލް ޕޯޕް ވަނީ 20 ޕޮއިންޓް ހޯދާދީފައެވެ.
ލޭކާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެން.ބީ.އޭ. ގައި 21 ވަނަ ސީޒަން ކުޅެމުންދިޔަ ލެބްރޮން ޖޭމްސްއެވެ. އޭނާވަނީ 21 ޕޮއިންޓް ހޯދާދީ 8 ރީބައުންޑް ނަގާދީ ފަސް އެސިސްޓް ކޮށްފައެވެ.
މި މެޗް ފެށުމުގެ ކުރިން ވަނީ ނަގެޓްސްއިން މިދިޔަ ސީޒަންގައި ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ރަސްމިއްޔާތެއް ބާއްވާފައެވެ.
މި މުބާރާތުގައި މިއަދު ހެނދުނު ކުޅުނު ދެވަނަ މެޗްގައި ފީނިކްސް ސަންސް ވަނީ ގޯލްޑަން ސްޓޭޓް ވޮރިއާސްގެ މައްޗަށް ކުރި ހޯދާފައެވެ. މި މެޗް ސަންސް ކާމިޔާބުކުރީ 108 ޕޮއިންޓް 104 ޕޮއިންޓުންނެވެ. މި މެޗްގައި ސަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 32 ޕޮއިންޓް ހޯދާދީ ހަ ރީބައުންޑް ނަގާދީ އަށް އެސިސްޓް ދިން ޑެވިން ބޫކާއެވެ. އަދި ވޮރިއާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 27 ޕޮއިންޓް ހޯދާދީ ފަސް ރީބައުންޑް ނަގާދީ އެއް އެސިސްޓް ދިން ސްޓެފަން ކަރީއެވެ. އެން.ބީ.އޭ. އާ ސީޒަން ފޯރިގަދަ މި ދެކުރިމަތިލުމާއެކު ފެށިއިރު ގިނަ މެޗްތަކެއް މާދަމާ ކުޅުމަށްވަނީ ހަމަޖެހިފައެވެ.