ބޮލީވުޑްގެ އެކްޝަން ތަރި ސަނީ ޑިއޯލްގެ ޙަޔާތުގައި ކުރިމަތިލާ އަނދިރި ދަނޑިވަޅުތަކުގައި އެންމެ ބޮޑު އެއްބާރުލުމެއް ލިބެނީ އަނބިމީހާ ޕޫޖާ ޑިއޯލް ކަމަށް ސަނީ ބުނެފިއެވެ.

ސަނީއަކީ އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް އާއްމުންނާ ހިއްސާ ކުރަން ބޭނުން ނުވާ އެކްޓަރެއް ނަމަވެސް އަނބިމީހާ ޕޫޖާއާ ބެހޭ ގޮތުން ސަނީ ވާހަކަ ދައްކާފައިވަނީ ދާދި ފަހުން ފާހަގަ ކުރި 66ވަނަ އުފަން ދުވަހާ ގުޅުވައިގެންނެވެ.

ޕޫޖާ ޑިއޯލްއާއި ދެ ކުދިން ކަރަން ޑިއޯލް އަދި ރާޖްވީރު ޑިއޯލް

މި ފަހުން ކެރިއަރުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ގަދަރު 2"އަށް ފަހު ސަނީ އަކީ އާއްމުންގެ މެދުގައި ވަރަށް މަގުބޫލު އެކްޓަރަކަށް ވަނީ ވެފައެވެ. ސަނީއާއި ޕޫޖާގެ ކައިވެންޏަށް 39 އަހަރު ވެފައިވާއިރު މިހާތަނަށް ސަނީ ދުވަހަކު ވެސް ޕޫޖާއާ ބެހޭ ގޮތުން މީޑިއާގައި ހާމަކަން ބޮޑު ގޮތަކަށް ވާހަކަ ދައްކާފައެއް ނުވެއެވެ.

ފިލްމީ ކެރިއަރުގެ ކުރީކޮޅު ސަނީ އަކީ ވަރަށް ގިނަ އަންހެން ކުދިންގެ ހިތުން ޖާގަ ހޯދި އެކްޓަރެކެވެ. ފިލްމު "ބޭތާބް"އަށް ފަހު ސަނީގެ ޕޯސްޓަރުތައް އަމިއްލަ ކޮޓަރީގައި ބެހެއްޓި ޒުވާނުން ވެސް މަދެއް ނޫނެވެ.

ހިންދީ ސިނަމާގެ އެހެން ފިލްމީ ތަރިންނެކޭ އެއްގޮތަށް ސަނީ އަކީ ވެސް އެކީގައި މަސައްކަތް ކުރި ކޯ-ބަތަލާއިންނާ ލޯބީގެ ގުޅުން ބޭއްވި ކަމުގެ ތުހުމަތު އެޅުވުނު އެކްޓަރެކެވެ. ފިލްމު ފެއާއިން މިކަމާ ގުޅިގެން މީގެ ކުރިން ސުވާލަކަށް ޖަވާބު ދެމުން ސަނީ ބުނީ، އެފަދަ ވާހަކަ ތަކުން ޕޫޖާއަށް މާ ބޮޑު އަސަރެއް ނުކުރާ ކަމަށާއި ފިލްމީ ދާއިރާގެ ޕްރޮފެޝަން މާ ބޮޑަށް ވެސް ޕޫޖާއަށް ވިސްނިފައި އޮތުމުން އަންހެނުން މާ ކުރިން ހުރީ އެފަދަ ކަންކަމަށް ތައްޔާރުވެފައި ކަމަށް ސަނީ ވަނީ ބުނެފައެވެ. ބައެއް ފަހަރު ޕޫޖާއަށް އެއީ ފަސޭހަ ކަމަކަށް ނުވާނެކަން ވިސްނޭ ކަމަށާއި އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް އަންހެނުން ޕޫޖާގެ ފަރާތުން އެފަދަ ޝަކުވާއެއް ނުކުރާ ކަމަށް ސަނީ ވަނީ ބުނެފައެވެ.

ކުރީގެ އެކްޓަރު އަދި ސަނީގެ ބައްޕަ ދަރުމެންދުރަ އަންހެނުންނާއެކު. ސަނީ ޑިއޯލް އާއި ޕޫޖާ ދަރިފުޅު ކަރަން ޑިއޯލްގެ ކައިވެނީގެ ޙަފްލާ ގައި

ސަނީ ޑިއޯލް އަކީ ފިލްމީ އާއިލާއަކަށް އުފަން ފަރާތަކަށް ވެފައި އާއިލާގައި ދެން ވެސް ތިބި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ އެކްޓަރުންނެވެ.

ނަމަވެސް ޕޫޖާ ޑިއޯލް އަބަދު ވެސް މަސައްކަތް ކޮށްފައި ވަނީ މީޑިއާތަކާ ދުރުގައި އުޅުމަށެވެ. އާއްމުންނަށް ޕުޖާ އެންމެ ފަހުން އާއްމުންގެ ތެރެއިން ފެނިފައިވަނީ ދާދި ފަހުން ބޭއްވި ކަރަން ޑިއޯލްގެ ކައިވެނީގެ ޙަފްލާގެ ތެރެއިންނެވެ. ސަނީގެ ޢާއިލާގެ އިތުރުން ފިލްމީ ދާއިރާގެ ވެސް ގިނަ ފަންނާނުން ބައިވެރިވި މި ކައިވެނީގެ ޙަފްލާ ތަކުގައި ސަނީގެ މަންމަ ވެސް ވަނީ ފެނިފައެވެ. އަދި، މަންމަ އާއި އަންހެނުން ޕޫޖާ ޑިއޯލް މިހާތަނަށް މީޑިއާއާ ދުރުގައި އުޅުމަކީ އެ ދެމައިންގެ އަމިއްލަ ނިންމުމެއް ކަމަށް ސަނީ ވަނީ ބުނެފައެވެ. ސަނީގެ އަންހެނުން ޕޫޖާ ޑިއޯލްގެ މަންމަ އަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ ފަރާތެކެވެ. އަދި، ބައްޕަ އަކީ އިންޑިއާ މީހެކެވެ.