ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ޓަވަރުތަކުން ނުވިކި ހުރި ފްލެޓުތަކަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ވިނަރެސްއިން ފްލެޓް ގަންނަން ފުރަތަމަ ހުޅުވާލީ މިދިޔަ އަހަރުގެ ޖުލައި 17ގައެވެ.

އާބަންކޯއިން މިއަދު ކުރިއިއުލާނެއްގައިވަނީ، ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން ފްލެޓް އިޚްތިޔާރުކުރާ މީހުންނާއި ފްލެޓު ދޫކޮށްލުމަށް ނިންމާ މީހުންގެ އަދަދަށް ބަލާއިރު، ވިނަރެސްގެ ފްލެޓުތަކެއް ނުވިކި ހުންނާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އަދި އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް، ފްލެޓާ ގުޅުންހުރި މަރުހަލާތައް ނިމުމުން މާލީ ގާބިލިއްޔަތުކަން ފުރިހަމަނުވާ ފަރާތްތަކާއި ފްލެޓް އިޚްތިޔާރު ކުރަން ހާޒިރުނުވާ މީހުންގެ ފޯމް ބާތިލުކުރާނެ ކަމަށް އެ އިއުލާނުގައިވެއެވެ.

އެއާއެކު ބާކީވާ ފްލެޓުތައް ވިއްކަން ހުޅުވާލުމަށް ހަމަޖެހިފައިވާ ކަަމަށާއި ފޯމް ހުށަހަޅަން ހުޅުވާލާނީ އަންނަ މަހުގެ ފަހެއްގައި ކަމަށް އެ އިއުލާނުގައިވެއެވެ.

އާބަންކޯއިން ބުނީ ފޯމް ހުށަހެޅޭނީ އާބަންކޯގެއޮންލައިން ޕޯޓަލްގައި 'ހައުސިން' ޖަހާފައިވާ ލިންކް މެދުވެރިކޮށް ކަމަށެވެ. ފޯމް ހުށަހެޅޭނީ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ.

އެކަމާ ބެހޭ އިތުރު މައުލޫމާތު އާބަންކޯގެ ހޮޓްލައިން ނަންބަރު 1516އަށް ގުޅުމުން ލިބޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

މިދިޔަ އާދިއްތަ ދުވަހު އާބަންކޯއިން ވަނީ، ވިނަރެސް ފްލެޓްތަކަށް ދިގު މުއްދަތަށް ބަހާލައިގެން ފައިސާދައްކާ ފަރާތްތަކުން ދައްކަން ހަމަޖެހިފައިވާ އިންޓްރެސްޓް ރޭޓް ކުޑަކޮށްފައިވާކަން އިއުލާންކޮށްފައެވެ. އެގޮތުން މީގެ ކުރިން އިންޓްރެސްޓްގެ ގޮތުގައި ނުވަ ޕަސެންޓް ނަގަން އޮތް ނަމަވެސް އެ އަދަދު ހަ ޕަސެންޓަށް ކުޑަކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ވިނަރެސް މަޝްރޫއުގެ ދަށުން އިމާރާތް ކުރި 10 ޓަވަރުގައި ޖުމްލަ 1344 ޔުނިޓު ހިމެނެއެވެ. އެ މަޝްރޫއުގައި ފްލެޓު ދީފައިވަނީ މާލޭ ރައްޔިތުންގެ އިތުރުން، މާލޭގައި އުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށެވެ.

މީގެ އިތުރުން ސީލައިފްގެ ޚިޔާނަތުގައި ގެއްލުންވި 92 މީހަކަށާއި، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ "ވެށިފަހި މާލެ" މަޝްރޫއުގެ ދަށުން ފްލެޓު ލިބި، ފަހުން އެ ފްލެޓުތައް އަތުލި މީހުންގެ ތެރެއިން 100 މީހަކަށް ވިނަރެސްގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވެއެވެ.

މިދިޔަ އޮގަސްޓު މަހުގެ 21ވަނަ ދުވަހު ސަރުކާރުން ވަނީ ގުޅީފަޅު، ސީލައިފް އަދި ހިޔާ ކެޓަގަރީން ފްލެޓު ލިބުނު މީހުންނާ ރަމްޒީގޮތުން ތަޅުދަނޑި ހަވާލުކޮށްފައެވެ. އެ ފްލެޓުތައް ލިބުނު މީހުންގެ ތެރެއިން 288 މީހަކާއެކު މިހާތަނަށް އެއްބަސްވުން ހަދައިފައިވާ ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ.

އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ވިނަރެސްގައި ދިރިއުޅެން ފަށައިފައެވެ.