16 May 2012, 15:03
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާ ދާއިރާއެއްގައި އޭގެ ވިޔަފާރި ކުރާ ނެޓްވޯކެއް ފަޅާ އަރުވާލައި އެކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން އެކަކު ހައިކޯޓުން ދޫކޮށްލައިފި އެވެ.
ހައިކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނަނީ ށ. ކޮމަންޑޫ، ސިތުރާ، ހަސަން ސާބިރު، 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުމުގައި އަމަލުކޮށްފައި ވަނީ ކުށެއްގެ ތުހުމަތުގައިވާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ ގަވާއިދުގައި ކަނޑައަޅާފައިވާ އިޖުރާއަތްތަކާއި ޚިލާފަކަށް ކަމަށެވެ. އެހެންކަމުން އޭނާ ބަންދުގައި ބެހެއްޓުމަށް ނެރުނު ކޯޓުއަމުރަކީ ބާތިލް އަމުރެއްކަމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައެޅީކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފް ވިދާޅުވީ ކުށެއްގެ ތުހުމަތުގައިވާ މީހަކު ކޯޓުން ދޫކޮށްލި ނަމަވެސް ފުލުހުން ކުރަމުންގެންދާ ތަހުގީގު ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ.
ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތެވެ. މިމަހުގެ ދެވަނަ ދުވަހު ފުލުހުން އޭނާ ހައްޔަރުކުރިއިރު އޭނާގެ އަތުން ފެނިފައި ވަނީ މަސްތުވާތަކެތި ބަންދުކުރާ ޒާތުގެ ގިނަ ރަބަރު ޕެކެޓުތަކެކެވެ.
ފުލުހުން ބުނީ އޭނާ އަކީ ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ރާއްޖެ އެތެރެކުރާ ކަމަށް ތުހުމަތު ކުރެވޭ ހއ. ދިއްދޫ އަލިމަސްވިލާ އަދުނާން މޫސާ ގެ އެހީތެރިއެއް ކަމަށެވެ.
ރާއްޖެ އަށް މުދާ ގެންނަ އެމްވީ ރަނިޔާ ބޯޓުގެ އޭ.ބީ (ޑެކް މަސައްކަތުގައި ސްޕަވައިޒަރެއްގެ) ވަޒީފާ އަދާކުރާ އަދުނާނު މަގުމަތިން ހިނގާފައި ދަނިކޮށް ހުއްޓުވާ ފުލުހުން ބަލާ ފާސްކުރިއިރު އޭނާގެ އަތުން ކެނަބިސް ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި އޮތް ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ މަސައްކަތްކުރާ ބޯޓުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފަހުރި ފިލްމުހުސްކުރި 12 ދަޅު ފެނިފައިވާއިރު އޭނާގެ ދަބަހުން ވެސް ފިލްމް ހުސްކުރި ފަސްދަޅު ފެނުނިފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ. އެ ދަޅުތަކުގެ ތެރޭގައި ހުރީ ކެނަބިސް ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
އަދުނާނުގެ މަސައްކަތަށް އެހީތެރިވާ ކަމުގެ ތުހުމަތުގައި ހ. އޯލްވޭސްހެޕީ ހައުސް، އަހުމަދު ރަޝީދު ހައްޔަރަން އުޅުމުގެ ތެރޭގައި މަސްތުވާތަކެތި އަޅާފައި ހުރި ކަމަށް ބެލެވޭ ފިލްމު ހުސްކުރި ދަޅެއް އޭނާގެ ޖީބުން ނަގާ އެއްލާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ މަސައްކަތް ކުރާ އޮފީހަށް ވަދެ ޗެކްކުރިއިރު އެ އޮފީހުގައި އޭނާ ބޭނުން ކުރާ ލޮކަރެއްގެ ތެރެއިން ކެނަބިސް ކަމަށް ތުހުމަތު ކުރެވޭ އަށް ދަޅާއި ހެރޮއިން ކަމަށް ތުހުމަތު ކުރެވޭ ބޮޑު ޕެކެޓެއް ފެނުނު ކަމަށް ވެސް ފުލުހުން ބުންޏެވެ.