25 Oct 2023, 20:06
ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތަކުގެ ރަސްމީ ލިޔެކިޔުންތައް ގާނޫނާ ޚިލާފަށް ނައްތާލާކަމުގެ ނުވަތަ ނައްތާލި ކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ، އެފަދަ ފަރާތްތަކާމެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ބުނެފިއެވެ.
މިއަދު ޕީސީބީން ނެރުނު ބަޔާނެއްގައި ވަނީ ދިވެހިރާއްޖޭގެ ގައުމީ އަރުޝީފުގެ ގާނޫނުގައި ވާގޮތުން، ދައުލަތުގެ މުއައްސަސާތަކާ ސަރުކާރުގެ ކުންފުނިތަކުން އެއްވެސް ބާވަތެއްގެ ރަސްމީ ލިޔުންތަކާއި ފޮޓޯތަކާއި ޗާޓުތަކާއި ރިކޯޑުތަކާއި މައުލޫމާތު ނައްތާލަން ބޭނުން ވެއްޖެ ނަމަ ގައުމީ އަރުޝީފުގެ ޑިރެކްޓާ ޖެނެރަލަށް އެކަން އަންގަން ވާނެކަމަށެވެ. އަދި އެ ތަކެތި ނައްތާލެވޭނީ އެ ގަވާއިދުގައި އަންގާފައި ވާގޮތައް ކަމަށް ވެސް ޕީސީބީން ނެރުނު ބަޔާނުގައި ވެއެވެ.
އެހެންކަމުން މި ގަވާއިދާ ޚިލާފަށް އެއްވެސް ލިޔެކިޔުމެއް ނައްތާލުމުގެ އަމަލެއް ނުހިންގުމަށް ޕީސީބީން ވަނީ އެދިފައެވެ. އަދި އެތަކެތި ނައްތާލާނަމަ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމަށް ޕީސީބީން ވަނީ އެދިފައެވެ.
މީގެ އިތުރުން، އެތަކެތި ނައްތާލަނީ ގަވާއިދާ އެއްގޮތަށްތޯ ޔަގީން ކުރުމަށް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށާއި މެނޭޖްމެންޓަށް ވެސް ޕީސީބީން ވަނީ ގޮވާލާފައެވެ.
ދާދި ފަހުން ވަނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)އިން ގައުމީ އަރުޝީފުގެ ލަފާ ހޯދުމެއް ނެތި، ގަވައިދާ ޚިލާފަށް ލިޔެކިޔުންތަކެއް ނައްތައިލި މައްސަލައެއް ފެންމަތި ވެފައެވެ. ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއެއްގައި ފެންނަނީ އެެފްއެސްއެމްގެ ލިޔެކިޔުންތަކެއް ސިމެންތި ގަށާ މެޝިނަކަށް އަޅައި، އެ ނައްތައިލައި ތަނެވެ.
މި މައްސަލައިގައި ގައުމީ އަރުޝީފުން ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.
މިކަމާ ގުޅިގެން އެފްއެސްއެމުން ބުނެފައިވަނީ ވީޑިއޯއިން ފެންނަ ލިޔެކިޔުންތަކަކީ ގިނަ ދުވަސްތަކެއް ވަންދެން ގުދަން ކުރެވިފައިހުރި ލިޔެކިޔުންތަކެއް ކަމަށެވެ. އަދި މިހާރު އެފްއެސްއެމަށް އެ ލިޔެކިޔުންތަކުގެ އެއްވެސް ބޭނުމެއް ނުހިފޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.