ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް ބީގައި އިންގްލިޝް ޕްރިމިއާ ލީގުގެ އާސެނަލް އާއި ސްޕެނިޝް ލަލީގާގެ ސެވިއްޔާ ބައްދަލުކުރި މެޗް އާސެނަލް ކާމިޔާބުކޮށްފިއެވެ.

ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗް އާސެނަލް ކާމިޔާބުކުރީ ދެ ލަނޑު އެއް ލަނޑުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ސެވިއްޔާއިން ގިނައިރު ބޯޅަ ގެންގުޅުނުއިރު ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލްއިންނެވެ. އެންމެ ފަހުން ކުޅުނު މެޗްގައި ލޯންސް އަތުން ދެ ލަނޑު އެއްލަނޑުން ބަލިވެފައިވުމުން މިމެޗުން މޮޅުވުން އޮތީ އާސެނަލްއަށް ވަރަށް މުހިންމު ވެފައެވެ. ނަމަވެސް މި މެޗް ވެސް ވެގެން ދިޔައީ އަނެއްކާވެސް ވަރަށް އުނދަގޫ މެޗަކަށެވެ.

މި މެޗްގެ ފުރަތަމަ ހާފް ލަނޑެއް ނުޖެހި ނިމިގެން ހިދާނެކަމަށް ހީވެފައިވަނިކޮށް މި މެޗްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޖަހާ ލީޑު ނެގީ އާސެނަލްއިންނެވެ. އާސެނަލްއިން އުފެއްދި ކައުންޓަ އެޓޭކެއްގައި މި ލަނޑު ކާމިޔާބުކޮށްދިނީ ގެބްރިއެލް މާޓިނެއްލީއެވެ.

މެޗްގައި އާސެނަލްގެ ދެވަނަ ލަނޑު މެޗްގެ 53 ވަނަ މިނެޓްގައި ޖަހާދީ އެޓީމްގެ ލީޑު ފުޅާކޮށްދިނީ ގެބްރިއެލް ޖޭސުސްއެެވެ. މި ލަނޑާއެކު އާސެނަލްއިން ހަމަޖެހިލި ނަމަވެސް ސެވިއްޔާއިން ވަނީ އޭގެ ފަސް މިނެޓް ފަހުން ލަނޑެއް ޖަހާ ދެ ޓީމްގެ ފަރަގު ކުޑަކޮށްފައެވެ.

މި ލަނޑު އެ ޓީމަށް ޖަހާދިނީ ނެމަންޔާ ގުޑެލްޔީއެވެ. މި ލަނޑާއެކު އާސެނަލް ކޮންމެވެސް ވަރަކަށް ޕްރެޝަރަށް ވެއްޓިގެންދިޔައެވެ. ނަމަވެސް ސެވިއްޔާއިން ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބު ވާގޮތެއް ނުވިއެވެ.

މި މެޗްގައި އާސެނަލްއަށް މެޗް ކާމިޔާބު ވި ނަމަވެސް ފަހު ވަގުތު ޖޭސުސްއަށް އަނިޔާވެގެން ބާލަށް ޖެހުމުން ކޮންމެވެސް ވަރެއްގެ ބޮލުގެ ރިހުމެއް އާސެނަލްގެ ކޯޗް މިކޭލް އާޓޭޓާއަށް މިވަނީ ކުރިމަތިވެގެން ގޮސްފައެވެ.

މި ކާމިޔާބީޢާއެކު އާސެނަލް މިހާރު އުޅެނީ ކުޅުނު ތިން މެޗުން ލިބިފައިވާ ހަ ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި ސެވިއްޔާ އޮތީ ތިން މެޗުން ލިބުނު ދެޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ. މި ގްރޫގައި ތާވަލްގެ ދެވަނައިގާ އުޅޭ ލޯންސް އާއި ޕީއެސްވީ އެއިންދްހޯވެން ރޭ ބައްދަލުކުރިމެޗް އެއްލަނޑު އެއްލަނޑުންވީ ދެ ޓީމް އެއްވަރެވެ.