ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް އޭގައި އިންގްލިޝް ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑާއި ޑެންމާކްގެ އެފްސީ ކޯޕެންހޭގަން ބައްދަލުކުރިމެޗް ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ. މިއީ މިފަހަރުގެ މުބާރާތުގައި ޔުނައިޓެޑް މޮޅުވި ފުރަތަމަ މެޗެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗް ފެށުމުގެ ކުރިންވަނީ ޔުނައިޓެޑް ދުއް އެންމެ ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިޔާ ސާ ބޮބީ ޗާލްޓަންއަށް އެންމެ ފަހުގެ އިހްތިރާމް އަދާކޮށްފައެވެ. ދެޓީމްގެ ފަރާތުން ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މިމެޗްގައި ޔުނައިޓެޑްއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗްގެ 72 ވަނަ މިނެޓްގައި ޖަހާދިނީ ހެރީ މެގުއާ އެވެ. މިއީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުން މެގުއާ ޔުނައިޓެޑަށް ކާމިޔާބުކޮށްދިން ފުރަތަަމަ ލަނޑެވެ. އަދި މިއީ ފަހަކަށް އައިސް ޔުނައިޓެޑްގައި ކުޅުމުގެ ފުރުސަތު އެއްކޮށް ހެން ކަހަލަ ގޮތަކަށް ގެއްލި މިސީޒަން ފެށުމުގެ ކުރިން އެ ކްލަބުން ވިއްކާލަންވެސް ބޭނުންވެފައިވި ކުޅުންތެރިއެކެވެ. ނަމަވެސް މެގުއާ ބޭނުންވީ ޔުނައިޓޭޑްގައި މަޑުކޮށް އޭނާގެ މުހިންމުކަން ހާމަކޮށްދިނުމަށެވެ.

މެގުއާގެ މިލަނޑާއެކު ޔުނައިޓެޑް މިމެޗުން މޮޅުވެދާނެކަމަށް ހީވެފައިވަނިކޮށް މެޗްގެ އިތުރު ވަގުތުގައި ކޯޕެންހޭގަންއަށް ޕެނަލްޓީއެއް ލިބި މެޗްގެ ނަތީޖާ ހަމަހަމަ ކުރުމުގެ ފުރުސަތު އެޓީމަށް ލިބުނެވެ. ނަމަވެސް ކޯޕެންހޭގަންގެ ޖޯޑަން ލާސަން ފޮނުވާލި ޕެނަލްޓީ ވަނީ ޔުނައިޓެޑްގެ ކީޕާ އަންޑްރޭ އޮނާނާ ދިފާއުކޮށް މިމެޗުން ޔުނައިޓެޑް މޮޅުކޮށްދީފައެވެ.

މިއާއެކު މިމެޗުން ޔުނައިޓެޑް މޮޅު ކޮށްދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްފައިމިވަނީ ފަހަކަށް އައިސް އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އެކްލަބްގައި އަމާޒުވެފައިވާ ދެކުޅުންތެރިން ކަމަށްވާ މެގުއާ އާއި އޮނާނާގެ އެހީތެރިކަމާއެކުއެވެ. މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ޔުނައިޓެޑް މިހާރު އުޅެނީ ގްރޫޕް އޭގެ ތިންވައިގައެވެ. މިގްރޫޕްގެ އެއްވަނަ އަދި ދެވަނައިގައި އޮތީ ބަޔޭން މިޔުނިކާއި ގަލަތަސަރާއީއެވެ. އަދި ކޯޕެންހޭގަން އޮތީ އެއް ޕޮއިންޓާއެކު ގްރޫޕްގެ އެންމެ ފުލުގައެވެ.