މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ފޭރުމުގެ ހާދިސާތައް އިތުރުވެފައިވާ ކަމަށާއި ފޭރޭ މީހުންނާމެދު ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފު މިއަދު ވިދާޅުވީ މިދިޔަ މަހެއްހާ ދުވަސް ތެރޭގައި ފޭރުމުގެ ހާދިސާތައް ވަރަށް ގިނައިން ހިނގާފައިވާ ކަމަށާއި އެފަދަ ކުށްތައް މަދުކުރުމަށް ފުލުހުން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

" މިދިޔަ މަހެއްހާ ދުވަހު އެފަދަ ހާދިސާތައް ގިނައިން ހިނގާފައިވޭ، ފޭރިގަތް ބައެއް ތަކެތި އަޅުގަނޑުމެން ހޯދާފައި ވެސް ވާނެ، އެފަދަ ކުށްތައް މަދުކުރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަންތައް ވެސް އެކަމަށް ސަމާލުކަން ދީގެން ކުރިއަށް މިގެންދަނީ،" ހަނީފު ވިދާޅުވި އެވެ.

އަދި ވިދާޅުވީ މީހުންގެ އަތުން ދަބަހާއި ގަހަނާ ފަދަ ތަކެތި މަގުމަތިން ފޭރުމުގެ ހާދިސާތައް ގިނައިން ހިނގާފައި ވަނީ ރޭގަނޑުގެ ވަގުތުތަކުގައި ކަމަށެވެ. ނަމަވެސް ދުވާލުގެ ވަގުތުގައި ވެސް އެފަދަ ބައެއް ހާދިސާތައް ހިނގާފައިވާ ކަމަށެވެ.

" ގިނައިން މިފަދަ ހާދިސާތައް ހިނގަނީ ރޭނގަޑުގެ ވަގުތުތަކުގައި، ނަމަވެސް ދުވާލު ވެސް އެފަދަ ބައެއް ހާދިސާތައް ހިނގާފައި އެބަހުރި، ހަމަ މަގުމަތީގައި" ހަނީފު ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ދިޔަ މީހަކަށް ބަޔަކު ހަމަލާދީ ރޭވެސް ވަނީ ދަބަހެއް ފޭރިގެންފަ އެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ މިހާތަނަށް ފޭރުމުފެ 40 މައްސަލައެއް ފުލުހުންނަށް ހުށައަޅާފައި ވެއެވެ. އަދި މިއަހަރުގެ މިހާތަނަށް އެފަދަ 379 މައްސަލައެއް ވަނީ ހުށައަޅާފަ އެވެ. ފޭރުމުގެ މައްސަލަތައް ހުށައެޅި އަދަދު މިދިޔަ އަހަރަ އަޅާ ބަލާއިރު 105 މައްސަލަ ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މިހާތަނަށް ހުށައަޅާފައި ވަނީ އެފަދަ 274 މައްސަލައެވެ.