25 Oct 2023, 13:25
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބައެއް ވީއައިޕީ ޚިދުމަތްތައް ނުލިބޭތީ މެންބަރުން ނުރުހުންވެ، އެއާޕޯޓު ހިންގާ އެމްއޭސީއެލް ކުންފުންޏާއި ފުލުހުންގެ ޚިދުމަތާ ބައްދަލުކުރަން މިއަދު ނިންމައިފިއެވެ.
މިއަދު ބޭއްވި މަޖިލީހުގެ އާންމު ކޮމިޓީގެ 10 ވަނަ ބައްދަލުވުމުގައި އެޖެންޑާކޮށްފައި އޮތީ މަޖިލީހުގެ މެންބަރުންނަށް އެއާޕޯޓުގެ ވީއައިޕީ ލޯންޖުގެ ޚިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭ މައްސަލަ ދިރާސާކޮށް، އެ މައްސަލަ ހައްލު ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށެވެ.
މެންބަރުންގެ ކަންބޮޑުވުމަކަށްވީ، މެންބަރުން ބަލައި އަދި ގޮވައިގެން އެއާޕޯޓަށް ދާ ކާރުތައް ބައެއް ފަހަރު ސެކިއުރިޓީން ހިފަހައްޓާތީއެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން މަޖިލީހުގެ އެސިސްޓެންޓް ސެކެޓަރީ ޖެނެރަލް މުހައްމަދު ރަޝީދު ވަނީ އެއާޕޯޓްސް ކޮމްޕެނީއާއި އެއާޕޯޓުގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކާ އެކު މަޝްވަރާ ކުރުމަށް ފަހު، މެންބަރުންނަށް ވެސް އަދި އެއާޕޯޓުގެ ސެކިއުރިޓީއަށް ވެސް ދަތިނުވާނެ ފަދަ ހައްލެއް ހޯދަން އެދިވަޑައިގެންފައެވެ.
"މެންބަރަކު ވަޑައިގަންނަވާއިރު، މެންބަރަށް ވަރަށް ބޮޑަށް ދަތިވާ ގޮތަށް ކަންތައްތައް އިންތިޒާމު ކުރެވިފައި ހުންނަނީ. އެހެންވެ، އަޅުގަނޑުގެ ވިސްނުމަށް އަންނަނީ އެ ބޭފުޅުންނާ ވާހަކަދައްކައިގެން ކޮންމެ މެންބަރަކަށް ވެސް ސްޓިކާއެއް ކަހަލަ އެއްޗެއް ލިބޭނެ ގޮތް ހަމަޖެއްސުން،" މުހައްމަދު ރަޝީދު ވިދާޅުވިއެވެ.
ކޮމިޓީގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ، މެންބަރުން ވިޔަސް އަދި އެހެން ބައެއް ވިޔަސް އެއާޕޯޓުގެ މަނާ ސަރަހައްދަށް ވެހިކަލް ވައްދައި ނަމަ، ކުރިއާލައި ހުއްދަ ނަގަން ޖެހޭނެ ކަމަށެވެ. އަދި، އެ ނޫން ގޮތަކަށް އެ ކަން ނުކުރެވޭނެ ކަމަށާއި އެއާޕޯޓުގެ ސެކިއުރިޓީ ބަލަހައްޓައި ފަރާތަށް ސަލާމަތީ ކަންކަމުގައި ދަތިނުވާނެ ގޮތަކަށް ދެ ފަރާތުން މަޝްވަރާ ކޮށްގެން މެންބަރުންނަށް ލުއި ގޮތެއް ހޯދަން އިލްޔާސް ވެސް ވަނީ ތާއީދު ކުރައްވައިފައެވެ.
އެ މައްސަލައިގައި ވާހަކަދައްކަވަމުން އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ، މަޝްވަރާތައް ވީހާ ވެސް ހަލުވިކަމާ އެކު ކުރިއަށް ގެންގޮސް، މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ޖެހޭ ކަމަށެވެ.
ކޮމިޓީން މަޝްވަރާ ކުރުމަށް ފަހު ނިންމީ މަޖިލީހުގެ އިދާރާއިން އެއާޕޯޓްސް ކޮމްޕެނީއާއި ފުލުހުންނާ އެކު ބައްދަލު ކުރުމަށް ފަހު، އެ ބައްދަލުވުމުގެ ކަންކަން ކޮމިޓީއަށް ހުށަހެޅުމުން ދެން ކޮމިޓީން މައްސަލައިގައި ވަކި ގޮތެއް ނިންމާށެވެ.