ރ. ދުވާފަރަށް މަސްތުވާތަކެތި ގެންދަން އުޅުނު ދެ މީހަކު މަސްތުވާތަކެއްޗާއެކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރު ކުރީ ބ. އޭދަފުށު އުފާ، ނާޝިކް އަހުމަދު 33، އާއި ރ. އިނގުރައިދޫ ގުރަހާގޭ، އާރިފް ގާސިމް 27 އެވެ.

ފުލުހުން މި ދެމީހުން އަތުލައިގެންފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއެކު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެމީހުން އިނގުރައިދޫން ލޯންޗެއްގައި ދުވާފަހަރަށް ދިޔަ ތަނުންނެވެ. އަދި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެހިތައް އަޅާފައިވާ ޕެކެޓް ފެނިފައިވަނީ އެ ދެމީހުން ގެނައި ތަކެއްޗާއި ލޯންޗް ބަލާ ފާސްކުރިއިރު ލޯންޗުގެ ކޯޕައިލެޓް އިންނަ ސީޓްގެ ފަހަތުގައި ހުރި ސީޓްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅާފައިހުރި އެދެޕެކެޓް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އޮތީ ކަޅުކުލައިގެ އިންސްލޭޝަން ޓޭޕުކޮޅަކުން އޮޅައި ތައްކޮށްފައިވާތީ އެ ދެމީހުންގެ ހާޒިރުގައި އެޕެކެޓު ކަނޑައި ބެލިއިރު އެރަބަރު ޕެކެޓްގެ ތެރެއިން މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި 2 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.