އައު ސަރުކާރަށް ބަދަލުވުމުގެ މަރުހަލާގައި ކުރިއަށްދާ އިންތިގާލީ އެއްވެސް މަސައްކަތެއްގައި ޑިމޮކްރެޓްސްގެ އެއްވެސް ބައިވެރިިވުމެއް ނޯންނާނެ ކަަމަށް އިންތިގާލީ މަސައްކަތުގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.

އައު ސަރުކާރުގެ ތެރޭގައިި ޑިމޮކްރެޓުންގެ ބައިވެރިވުން ހިމެނިދާނެ މިންވަރަކާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފިރުޒުލް ވިދާޅުވީ އިންތިގާލީ މަސައްކަތުގެ ޓީމުތަކުގައި ހިމެނެނީ ޕީޕީއެމް ޕީއެންސީގެ ތެރޭ ހިމެނޭ ބޭފުޅުން ކަމަށެވެ.

"އިންތިގާލީ ޓީމްތަކުން ކުރެއްވި މަސައްކަތުގެ ތެރޭގައި ހިމެނިފައިވަނީ ހަމަ އަޅުގަނޑުމެންގެ ޓީމްތައް. އޭގެ ތެރޭގައި ޝާމިލުވާ ގޮތަށް އެ ކުރެއްވި ފަންނީ މަސައްކަތްތައް އަދި އިދާރީ މަސައްކަތްތައް،" އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު މި ވަގުތު ޑިމޮކްރެޓުންނާއެކު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާކަމަށް ފިރުޒުލް ވިދާޅުވިއެވެ.

އެގޮތުން މި މަރުހަލާގައި ހިނގި ހަމައެކަނި މަޝްވަރާއަކީ ޑިރެކްޓަ އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ އާއެކު ކުރިއަށް ދިޔަ ބައްދަލުވުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މިވަގުތަކު ޑިމޮކްރެޓްސްއާ އެކީގައި އިތުރު މަޝްވަރާތަކެއް ހިނގަމުންނެއް ނުދޭ،" އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމާއެކު ކުރިއަށްދިޔަ މަޝްވަރާގައި ޑިމޮކްރެޓުން ހުށަހެޅި ސިޔާސަތުތަކުގެ ތެރޭގައި އައު ސަރުކާރުން ނަގަހައްޓާނެ، އެ ބޭފުޅުން ހުށަހެޅުއްވި ކަންކަމާ އެއްގޮތް ސިޔާސަތުތައް ހުރިކަމަށް ފިރުޒުލް ވިދާޅުވިއެވެ.

އެ ކަންކަމުގެ ތެރޭގައި ހާމަކަން ބޮޑުކޮށް ސަރުކާރެއް ހިންގުމާއި، ކޮރަޕްޝަނާއި ފަސާދައާ ދުރުވުން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމާ އެ ބައްދަލުވުމަށްފަހު އިތުރު ތަފްސީލީ މަޝްވަރާތަކެއް މި އިންތިގާލީ މަރުހަލާތަކުގައި ޑިމޮކްރެޓްސްއާއެކީގައި ހިނގަމަކުން ނުދޭ،" އޭނާ ތަކުރާރުކުރެއްވިއެވެ.

މި ފަހުން ޑިމޮކްރެޓްސްގެ އިންތިގާލީ ޗެއާޕާސަން ހަސަން ލަތީފްވަނީ އައު ސަރުކާރުން މަގާމުތަކެއް ލިބުން މުހިންމު ނޫންކަމަށް ވިދާޅުވެފައެވެ.

ނަމަވެސް މުހިންމީ ޑިމޮކްރެޓުން ބައިވެރިކުރާނަމަ ޑިމޮކްރެޓުންގެ ހަމަތައް ހިފެހެއްޓުންކަމަށް ވިދާޅުވިއެވެ.