25 Oct 2023, 14:59
ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް އޭގައި ޖަރުމަނު ބުންޑަސްލީގާގެ ބަޔާން މިޔުނިކާއި ޓާކިޝް ސުޕާ ލީގްގެ ގަލަތަސަރާއީ ބައްދަލުކުރި މެޗް ބަޔާންއިން ކާމިޔާބުކޮށްފިއެވެ.
ގަލަތަސަރާއީގެ ދަނޑުގައި ކުޅުނު މި މެޗް ބަޔާން ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު އެއް ލަނޑުންނެވެ.
ދެ ޓީމްގެ ފަރާތުން ވަރަށް ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ގަލަތަސާއީ އިންނެެވެ. ނަމަވެސް މި މެޗްގައި ލިބުނު ފުރުސަތު ތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފިތަން ފެނިގެންދިޔައީ ބަޔާންއިންނެވެ.
މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ އަށް ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ބަޔާންއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކިންގްލީ ކޯމަންއެވެ. ނަމަވެސް ގަލަތަސަރާއީއިން ހިތްވަރު އެލުވާނުލާ ލަނޑެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗްގެ 30 ވަނަ މިނެޓްގައި އެ ޓީމަށް ޕެނަލްޓީއެއް ލިބިގެންދިއުމެވެ. މި ޕެނަލްޓީ ކާމިޔާބު ކޮށްދީ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ގަލަތަސަރާއީގެ ފޯވަޑް މައުރޯ އިކާޑީއެވެ.
ފުރަތަމަ ހާފްގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނދު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ. މި މެޗްގެ ދެވަނަ ހާފްގެ ކުރީކޮޅުވެސް މޮޅަށް ކުޅެފައިވަނީ ގަލަތަސަރާއީއިންނެވެ. މި ގޮތުން ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބިގެންދިޔަ ނަމަވެސް ފުރުސަތު ތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.
މި މެޗްގައި ބަޔާންއިން ދެވަނަ ފަހަރަށް މެޗްގެ ލީޑު ނެގީ މެޗްގެ 73 ވަނަ މިނެޓްގައި ހެރީ ކޭން ޖަހާދިން ލަނޑުންނެވެ. މިލަނޑާއެކު ބަޔާންއިން ހަމަޖެހިލިއިރު ގަލަތަސަރާއީގެ ހިތްވަރު އެލިގެންދިޔަ ތަން ފެނިގެންދިޔައެވެ. ނަތީޖާއަކަށް ވެގެންދިޔައީ އޭގެ ހަ މިނެޓް ފަހުން ބަޔާންގެ ތިން ވަނަ ލަނޑު ޖަމާލް މުސިއެލާ ކާމިޔާބުކޮށްދިނުމެވެ.
މި ކާމިޔާބީއާއެކު ބަޔާން މިހާރު ވަނީ ގްރޫޕް އޭގައި އެ ޓީމް ކުޅުނު ތިން މެޗްވެސް ކާމިޔާބުކޮށް ލިބިފައިވާ ނުވަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި ހަމަޖެހިލާފައެެވެ. މި މެޗުން ބަލިވުމުން ގަލަތަސަރާއީ އުޅެނީ ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ދެ ވަނައިގައެވެ.