އިންތިގާލީ ކޮމިޓީތަކުން މިހާތަނަށް ބެލި ބެލުމުން ޚާއްސަ އޮޑިޓުތަކެއް ހަދަން ޖެހޭ ބައެއް އިދާރާތައް ފާހަގަކުރެވިފައިވާކަމަށް އިންތިގާލީ މަރުހަލާގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.

އިންތިގާލީ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިރުޒުލް ވިދާޅުވީ ޚާއްސަ އޮޑިޓުތަކެއް ހަދަންޖެހޭ އިދާރާތަކަކީ ކަންބޮޑުވުން ހުރި މައްސަލަތަކެއް ފާހަގަވެފައި ހުރި ތަންތަން ކަމަށެވެ.

"މީގެ ތެރެއިން އަޅުގަނޑުމެންނަށް ފާހަގަވެފައި އެބަހުރި ޚާއްސަ އޮޑިޓުތަކެއް ހަދަންޖެހޭ އިދާރާތަކަކާއި ކުންފުނިތަކެއް ނުވަތަ މުއައްސަސާތަކެއް،" ފިރުޒުލް ވިދާޅުވިއެވެ.

އެ އިދާރާތަކާ ގުޅޭ ތަފްސީލެއް ފިރުޒުލް ނުދެއްވައެވެ. އޭނާ ވިދާޅުވީ ފަހުން އެ މައުލޫމާތު ހާމަކުރައްވާނެކަމަށެވެ.

އޭނާ ވިދާޅުވީ ކުރިއަށްހުރި ދުވަސްތަކުގެ ތެރޭގައި މި އިދާރާތަކުގެ އޮޑިޓް ހެދުމަށް އޮޑިޓް އޮފީހުގައި އެދޭނެ ކަމަށެވެ.

އިންތިގާލީ ކޮމިޓީތަކުން ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް، އެ ރިޕޯޓުތައް ހިއްސާކޮށްފައިވާކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދެކެނީ އޮކްޓޯބަރު ހަތަރުވަނަ ދުވަހު ޑީޖީ އޮފް ޓްރާންސިޝަން އައްޔަންވެ އެ ހިސާބުން ފެށިގެން މަސައްކަތް ފަށައިގެން އައިސް 21 ދުވަހުގެ ތެރޭގައި މިހައި ބޮޑު މަސައްކަތެއް ނިންމައިލެވުމަކީ އަޅުގަނޑުމެންނަށް ހާސިލްކުރެވުނު ރަނގަޅު ކާމިޔާބެއްކަން،" ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ މި ރިޕޯޓުތަކުގެ މަސައްކަތަށްފަހު ދެން ކުރިއަށްދާނީ ސިޔާސަތުތައް އެކުލަވައިލުމުގެ މަސައްކަތް އިތުރަށް އަވަސްކުރުންކަމަށެވެ.

އެގޮތުން ރިޕޯޓުތަކުން ލިބުނު މައުލޫމާތުން އިދާރާތަކުގެ ހާލަތު ހުރި ގޮތުގެ ތަފްސީލީ މައުލޫމާތު ލިބިފައިވާއިރު ދެން އޮންނާނީ އެ މައުލޫމާތުތަކަށް ބިނާކޮށް ސިޔާސަތުތައް އިތުރަށް ފުރިހަމަ ކުރުންކަމަށް އޭނާ ވިދާޅުވިއެވެ.

"މިގޮތުން އަޅުގަނޑު ފާހަގަކޮށްލަން ފިސްކަލް ސިޔާސަތުތައް، މަނިޓަރީ ސިޔާސަތުތައް، ހަމައެހެންމެ 100 ދުވަހުގެ ޕްލޭން، ޓޭކް އޯވާ ޕްލޭން އަދި ހަމައެހެންމެ ސަރުކާރުގެ އޮނިގަނޑާ ގުޅޭގޮތުން ފުރިހަމަކުރަންޖެހޭ ތަފްސީލީ މަސައްކަތްތައް މި ރިޕޯޓުތަކުގެ ތެރެއިން އަޅުގަނޑުމެންނަށް އެއްކުރެވުނު މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އެ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ،" ފިރުޒުލް ވިދާޅުވިއެވެ.

މީގެ ކުރިން ވެސް އިންތިގާލީ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފިރުޒުލް ވަނީ ބައެއް އިދާރާތަކުން އަމަލުކުރަމުން އަންނަ ގޮތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ނަމަވެސް ޖުމްލަ ގޮތެއްގައި އެއްބާރުލުން ލިބޭކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ އިންތިގާލީ މަސައްކަތްތައް ކުރިއަށްދަނީ ރަނގަޅު ދުވެއްޔެއްގައި ހިތްހަމަޖެހޭ މިންވަރަށް ކަމަށެވެ.