ބެއިޖިންގް (25 އޮކްޓޯބަރު 2023) : ޗައިނާގެ ދިފާއީ ވަޒީރު ޖެނެރަލް ލީ ޝަންފޫ މަގާމުން ދުރުކޮށްފިއެވެ.

ޖެނެރަލް ލީ މަގާމުން ދުރުކޮށްފައި މިވަނީ ކޮރަޕްޝަންގެ އަމަލުތަކެއްގެ ތުހުމަތުތަކެއް އޭނާގެ މައްޗަށް ކުރެވިފައިވާ ކަމުގެ އަޑުތައް މީޑިއާގައި ފެތުރިފައިވާ ދުވަސްތަކެއް ފަހުންނެވެ. ލީގެ މައްޗަށް ކުރެވުނީ އަސްކަރީ ތަކެތި ގަތުމާއި ވިއްކުމުގައި ކޮރަޕަޝްނުގެ ކަންތައްތަކެއް ހިނގިކަމުގެ ތުހުމަތުތަކެކެވެ.

ޗައިނާ ސަރުކާރުގެ މީޑިއާއިން މިކަން ކަށަވަރުކޮށް ދީފައިނުވިނަމަވެސް އިތުރުބާރު ހުރި ގިނަ މަސްދަރުތަކަކުން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. ލީ މަގާމުން ވަކިކުރި ސަބަބު ޗައިނާ ސަރުކާރުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

މީގެ ތިން މަހެއްހާ ދުވަސްކުރިން ޗައިނާގެ ޚާރިޖީ ވަޒީރު ކަމުގައި ހުންނެވި ޗިން ގަންގް ވެސް ވަނީ މަގާމުން ދުރުކޮށްފައެވެ. ޗިން ގަންގް ޗައިނާގެ ޚާރިޖީ ވަޒީރު ކަމުގެ މަގާމުން ދުރުކުރީ ކައިވެނިން ބޭރު ލޯބީގެ ގުޅުންތަކެއް އަންހެނަކާއެކު އޭނާ ހިންގެވިކަމަށް ކުރެވުނު ތުހުމަތުތަކަކަށް ފަހުއެވެ.

ޗައިނާގެ ޚާރިޖީ ވަޒީރުގެ މައްޗަށް އެދުވަސްވަރު ކުރެވުނު މިތުހުމަތު ތަކުގެ ސައްހަކަން ނުވަތަ ނޫންކަން ޗައިނާގެ ރަސްމީ ފަރާތަކުން ކަށަވަރުކޮށްދީފައި ނުވިނަމަވެސް ޗައިނާގެ ރަސްމީ ފަރާތްތަކުން އެކަން ދޮގުކޮށްފައެއްވެސް ނުވެއެވެ.

މަގާމުން ދުރުކުރާ ޗައިނާގެ ވަޒީރުންނާއި އިސް އޮފިޝަލުން މަގާމުން ރަސްމީކޮށް ދުރުކުރުމުގެ ކުރިން އާންމުންގެ ލޯމަތިން ގެއްލެއެވެ. މަގާމުން ދުރުކުރަނީ މިގޮތަށް އާންމުންގެ ލޯމަތިން އެބޭފުޅަކު ގެއްލޭތާ ގާތްގަނޑަކަށް ދޭއް ނުވަތަ ދޮޅުމަސް ފަހުންނެވެ.

ޗައިނާގެ ޕަބްލިކް ސާވިސް މަގާމުތަކަކީ ވަރަށް ނަޒާހަތްތެރި އަދި ރައްޔިތުންނަށް ނަމޫނާ ދެއްކުމުގެ ގާބިލުކަން ލިބިފައިވާ ބޭފުޅުން ތިއްބަވަންޖެހޭ މަގާމުތަކެއްކަން އެގައުމު ގެންދަނީ ކަށަވަރު ކުރަމުންނެވެ. ޚާއްސަކޮށް ޗައިނާގެ މަތީ ފެންވަރުގެ ބޭފުޅުންނަކީ ނަޒާހަތްތެރި ކަމުގެ އިތުރުން އަޚްލާގީ ސިފަތަކުންވެސް ޒީނަތްތެރި ވެފައިވާ ބަޔަކަށް ހެދުމަށް އެގައުމުގައި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީ ޚާއްސަ ސަމާލުކަމެއް ދެއެވެ.

މަގާމުން ދުރުކުރި ޗައިނާގެ ދިފާއީ ވަޒީރު ލީ ޝަންފޫ އަކީ އެ ގައުމުގެ ރައީސް ޝީ ޖިންޕިންގެ ވަރަށް އަރިސް ބޭފުޅެއްކަމަށް ވެއެވެ. އަދި ލީ އަކީ ތައުލީމާއި ތަޖުރިބާގެ ގޮތުންވެސް ވަރަށް ގާބިލު ބޭފުޅެކެވެ.