25 Oct 2023, 12:01
ފެނަކައާ ގުޅުންހުރި 75 މުއާމަލާތަކާ ގުޅިގެން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ހޯދަން އެންގި 20 މިލިއަން ރުފިޔާއަކީ 2011 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ދެމެދު ހިނގާފައިވާ ޖުމުލަ ހަތަރު މުއާމަލާތަކާ ގުޅުންހުރި މައްސަލައެއް ކަމަށް ފެނަކަ ކުންފުނިން މިއަދު ބުނެފިއެވެ.
އޭސީސީން އިއްޔެ ބުނީ މިހާތަނަށް ތަހުގީގު ކުރެވިފައިވާ މައްސަލަތަކަށް ފަހު، އެ މައްސަލަތަކުގައި ހިމެނޭ ފައިސާ ތަކުގެ ތެރެއިން 20 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް އެ ކުންފުންޏަށް އޭސީސީގެ ފަރާތުން މިހާރު އަންގައިފައިވާ ކަމަށެވެ. އަދި، އެ ކުންފުންޏާ ގުޅޭ ތަފާތު އެކި މައްސަލަތަކުގައި 92 ކަމެއް އިސްލާހު ކުރަން ވެސް އެ ކޮމިޝަނުން މިހާތަނަށް ފެނަކައަށް އަންގައިފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.
އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ތަފުސީލު ކޮށްދޭން ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮރަޕްޝަނާ ގުޅުންހުރި މައްސަލަތަކުގައި ހޯދަން އޭސީސީން އެންގި 20 މިލިއަނަކީ 2012 ވަނަ އަހަރު އެ ކުންފުނި އުފެދުނީއްސުރެ މިއަދާ ހަމައަށް ހުރި އަދަދުތައް ކަމަށެވެ. އެއީ، 2011 އިން ފެށިގެން 2017 އާ ހަމައަށް ހިންގާފައިވާ ޖުމުލަ ހަތަރު މުއާމަލާތަކާ ގުޅުންހުރި މައްސަލަތައް ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
ފެނަކައިން ބުނި ގޮތުގައި އެ މުއާމަލާތްތަކަކީ:
ސަދަން ޔުޓިލިޓީ ކުންފުނީގެ ކުރީގެ ފިނޭންސް ޑިރެކްޓަރު ކިޔަވަން ދިއުމަށް ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކުންފުނީގެ ބަޖެޓުން ދޫކޮށްފައިވާ ކަމަށް ބުނާ 240،000 ރުފިޔާ
- ޑޮލަރު ގަތުމަށް 2016 ވަނަ އަހަރު އަމިއްލަ ކުންފުންޏަކާ އެކު ކުރި މުއާމަލާތަކުން ލިބެން ޖެހޭ 17 މިލިއަނަށް ވުރެ ގިނަ ރުފިޔާ
- އަމިއްލަ ކުންފުންޏަކާ އެކު 2015 ވަނަ އަހަރު ކޮށްފައިވާ މުއާމަލާތަކާ ގުޅިގެން ކުންފުނީގެ ޕްރިކިއުމަންޓް ޕޮލިސީއާ އެއްގޮތަށް އުނިކުރަން ޖެހޭ ޖޫރިމަނާ ފައިސާ އުނިނުކޮށް އެ ކުންފުންޏަށް ފައިސާ ދޫކުރުމުގެ ސަބަބުން ފެނަކައަށް ލިބުނު ގެއްލުމަށްވާ އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ
- ކުންފުންޏަށް ބޭނުންވާ ބިލިން ސޮފްޓްވެއާއެއް ހޯދަން 2017 ވަނަ އަހަރު އަމިއްލަ ކުންފުންޏަކާ އެކު ކޮށްފައިވާ މުއާމަލާތަކުން ކުންފުންޏަށް ގެއްލިފައިވާ އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ
އޭސީސީން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ ފެނަކަ ހިންގުމުގައި ކޮރަޕްޝަންގެ ރިސްކު ހުރި މިންވަރާއި، އެ ރިސްކު ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، ތަޙުޤީގުކުރުމަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ރިޕޯޓެއް އެކުލަވާލައި، އެ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތަކެއް ފެނަކައިގެ ވެރިންގެ މައްޗަށް އަބަދު ވެސް ކުރެވޭ އިރު އެ ކުންފުނިން އަމިއްލަ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނީގެ އަދަދު 2.8 ބިލިއަނަށް ވުރެ މައްޗަށް ވަނީ އަރައިފައެވެ. އަދި، އެ ދަރަނި ދެއްކުމަށް ފަސޭހަކުރަން އިސްލާމިކް ބޭންކުން 400 މިލިއަން ރުފިޔާގެ ލޯނެއް ވެސް މި ފަހުން ފެނަކައިން ނަގާފައިވެއެވެ.