ކުއާލަލަންޕޫރު (25 އޮކްޓޯބަރު 2023) : ފަލަސްތީނުގެ މައްސަލާގައި ހުޅަނގުގެ ފިއްތުންތަކަށް ބޯ ނުލަނބާނެކަމަށް މެލޭޝިއާއިން ބުނެފިއެވެ.

އިސްރާއީލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތަކާއި ގަތްލުއާންމުތަކާ ދެކޮޅު ހަދައި ފަލަސްތީނުގެ ހައްގުތަކާއި މިނިވަންކަމަށް ގޮވާލައި އެކަމަށް ތާއީދުކުރުމުގެ ގޮތުން މެލޭޝިއާގެ ވެރިރަށް ކުއާލަލަންޕޫރުގެ އަޒިޔާޓާ ސްޓޭޑިއަމްގައި އިއްޔެ ބޭއްވި ބޮޑު އެއްވުމުގެ ކުރީ ސަފުގައި ހުންނެވީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް އާއި އޭނާގެ އަނބިކަނބަލުން ވަން އަޒީޒާ ވަން އެވެ.

އަންވަރުގެ އިތުރުން މެލޭޝީއާ ސަރުކާރުގެ އިސްވެރިންވެސް އިސްރާއީލުގެ އަނިޔާވެރިކަން ކުށްވެރިކުރުމުގައި މިއެއްވުމުގެ ކުރީ ސަފުގައި ހަރަކާތްތެރިވެ ވަޑައިގެންނެވިއެވެ. މި އެއްވުމުގައި ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ ފަލަސްތީނުގެ މައްސަލާގައި ހުޅަނގުގެ ފިއްތުންތައް ކިތަންމެ ބޮޑުވިޔަސް އެފިއްތުންތަކަށް މެލޭޝިއާ ދިލާނުލާނެކަމަށް ވިދާޅުވެފައެވެ.

އިސްރާއީޅާ ދެކޮޅަށް ބޭއްވި މުޒާހަރާގައި މެލޭޝިއާގެ އިސްވެރިން

އަންވަރު ވިދާޅުވިގޮތުގައި ފަލަސްތީނުގެ މިނިވަންކަމާއި ހައްގުތަކުގެ މައްސަލައަކީ މެލޭޝިއާ ރައްޔިތުންގެ ޒަމީރެވެ. ހުޅަނގުގެ ފިއްތުންތަކަށް އެކަން ގުރުބާން ނުކުރެވޭނެކަމުގައެވެ.

އަންވަރާއި އޭނާގެ އަނބިކަނބަލުންނާ އަދި މެލޭޝިއާގެ މަސްއޫލުވެރިން މި އެއްވުމުގައި ތިއްބެވީ ފަލަސްތީނުގެ މިނިވަންކަމުގެ ޖިހާދު ރަމްޒުކޮށްދޭ ކޫފިއްޔާ ފޮތިގަނޑުވެސް ކަރުގައި އަޅުއްވައިގެންނެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސްއިން މި މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރާ ދެކޮޅަށް ދިން ހިއްވަރުގަދަ އަދި ކާމިޔާބު ހަމަލާގެ ސަބަބުން އިސްރާއީލަކީ އަސްކަރީ ހައިބަތާއި ގަދަރުވަނީ ފުނޑުފުނޑުވެ ވެއްޔާ މޮޑެވިފައެވެ. ބާރުގަދަކަމަށް ބުނާ އިސްރާއިލުގެ ލަޝްކަރުތައްވަނީ ކުޑަކަކޫ މައްޗަށް ތިރިވެފައެވެ. ހަމާސްއިން ވަނީ އިސްރާއީލުގެ ލަޝްކަރުތައް ފޫއަޅުވާލައި އެ ލަޝްކަރުތަކުގެ އެތަށް ހާހަކަށްވުރެ ގިނަ މީހުން މަރާލައި އެތަށް ސަތޭކަ ބަޔަކު އަސީރުންގެ ގޮތުގައި ހައްޔަރުކޮށް އިސްރާއީލުގެ ޔަހޫދީ ވިއްސަކަަށް އަވަށް ހިފާފައެވެ.

ހަމާސްގެ މި ހިއްވަރުގަދަ ކުޅަދާނަ ހަމަލާތައް ކުށްވެރިކުރުމަށް އެމެރިކާ ވަނީ އިސްލާމީ އެހެން ގައުމުތަކެކޭ އެއްގޮތަށް މެލޭޝިއާއަށް ވެސް ބޮޑެތި ފިއްތުންތަކެއް ކުރިމަތިކޮށްފައެވެ. ނަމަވެސް މެލޭޝިއާ ސަރުކާރުން ހަމާސްގެ ހަމަލާ ކުށްވެރި ކުރުމުގެ ބަދަލުގައި ކުށްވެރިކުރަމުން ގެންދަނީ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ފަލަސްތީނުގެ އާންމުންގެ ގެދޮރަށާއި ހޮސްޕިޓަލްތަކަށާއި ސްކޫލްތަކަށް ދީ އާންމުން މެރުމަށް ހިންގާ ގަތުލުއާންމުތަކެކެވެ. މި ހަމަލާތައް އިސްރާއީލަށް އަމާޒުވީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައި ރައްޔިތުން އަޅުވެތި ކުރުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށާ މިއީ އިސްރާއީލު އަނިޔާވެރިކަމުގެ ނަތީޖާކަމުގައެވެ.

މެލޭޝިއާގެ އިތުރުން އިއްޔެވެސް ދުނިޔޭގެ އެތަށް ގައުމެއްގައި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށާ އަދި އިސްރާއީލުގެ އަނިޔާވެރިކަމަށް އެމެރިކާ ދެމުންގެންދާ ވާގިވެރިކަމާ ދެކޮޅަށް އެތަށް ހާސްބަޔަކު މުޒާހަރާކޮށް އަޑުއުފުލިއެވެ.

ދުނިޔޭގެ އާންމުންގެ ތާއީދު ފަލަސްތީނުގެ ރައްޔިތުންނާ އަދި ހަމާސް ފަދަ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ މުޖާހިދުންނަށް އިތުރުވެ އެމެރިކާއާ އިސްރާއިލު ގުޅިގެން ފަލަސްތީނުގެ އާންމުންނާ އަދި ޚާއްސަކޮށް ކުޑަކުދިންނާ ދެކޮޅަށް ހިންގަމުންގެންދާ ގަތުލުއާންމުތަކާ ދެކޮޅަށް އެމެރިކާއާއި ޔޫރަޕްގެ އާންމުންވެސް ހިމެނޭގޮތަށް ދުނިޔޭގެ އާންމުން ތެދުވަމުންދާތީ އިސްރާއީލާއި އެމެރިކާއާއި ޔޫރަޕްގެ ލީޑަރުންވަނީ ރުޅިގަދަވެ ގޮތްހުސްވާގޮތް ވެފައެވެ.

ދުނިޔޭގެ ރައްޔިތުންގެ ޒަމީރު ކޮންޓްރޯލްކޮށް އިސްރާއީލުގެ ޖަރީމާތައް ފޮރުވުމުގައި މިހާރު އެމެރިކާއާއި ޔޫރަޕް ދަނީ ވަރަށް ބޮޑަށް ނާކާމިޔާބުވަމުންނެވެ. އަދި ދުނިޔޭގެ ޕަބްލިކް އޮޕީނިޔަން މިހާރުވަނީ ވަރަށް ބޮޑަށް ހުޅަނގާއި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅުވެ ފަލަސްތީނުގެ މިނިވަންކަމާއި ހައްގުތަކަށް އާދަޔާ ޚިލާފަށް ތާއީދު ކުރަން ފަށާފައެވެ.

ހަމާސް ބުނާގޮތުން އެޖަމާއަތުން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގައި އަސީރު ކޮށްފައިވާ އިސްރާއީލުގެ ސިފައިންނާއި ޔަހޫދީ ވަޒަންވެރިން މިނިވަންކުރެވޭނެ ގޮތަކީ އިސްރާއީލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ މުޖާހިދުންނާއި އާންމުން މިނިވަން ކުރުމެވެ. ނަމަވެސް މިކަމާ ދެކޮޅު ހަދައި އެމެރިކާއާއި ޔޫރަޕްގެ އިސްތިއުމާރީ ބާރުތަކުގެ އެހީގައި އިސްރާއީލު ގެންދަނީ ޣައްޒާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންގެ ގެދޮރަށާއި ޣައްޒާގެ ހޮސްޕިޓަލްތަކަށާއި މަދަނީ ތަންތަނަށް ހަމަލާދީ ހާހުން މީހުން މަރައި ބިރުވެރި ގަތުއާންމުތައް ހިންގަމުންނެވެ.