ފަތުރުވެރިކަން ދަށް ހިސާބުތަކުން ނަގައި އިމްޕޯޓު ޑިއުޓީ 10 އަހަރުގެ މުއްދަތަކަށް މައާފުކުރަން، ފަތުރުވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް މިއަދު އިސްލާހެއް ހުށަހަޅުއްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އޮތީ ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ހުށަހަޅުއްވާފައިވާ ފަތުރުވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އެޖެންޑާ ކޮށްފައެވެ.

އެ ބިލަށް އިސްލާހެއް ހުށަހަޅުއްވަމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަލީމް ވިދާޅުވީ، ގެސްޓް ހައުސް ވިޔަފާރި ފުޅާވެގެން ގޮސްފައިވަނީ މާލޭއާ ކައިރި ސަރަހައްދުތަކުގައި ކަމަށެވެ. އަދި، ރިސޯޓުތައް ވެސް ތޮށްޖެހިފައިވަނީ މާލޭ ސަރަހައްދުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ވަނީ ކީއްވެތޯ ބަލަން ޖެހޭކަން ފާހަގަކުރައްވައި ސަލީމް ވަނީ މާލެއާ ދުރު ސަރަހައްދުތަކުގައި ވެސް ފަތުރުވެރިކަން ފުޅާ ކުރަން މަގުފަހިކޮށްދޭން ޖެހޭކަން ފާހަގަކުރައްވައިފައެވެ.

ސަލީމް ހުށަހެޅުއްވީ، ރާއްޖޭގައި އެންމެ ކުޑަކޮށް ފަތުރުވެރިކަން ތަރައްގީވެފައި ހުރި އެންމެ އުތުރުގެ އަތޮޅުތަކާއި އެންމެ ދެކުނުގެ ހިސާބުތަކުން އިމްޕޯޓު ޑިއުޓީ 10 އަހަރަށް ކަނޑައިލުމަށެވެ. އަދި، އެ މުއްދަތުގައި ފަތުރުވެރިކަމުގެ އެހެން ޓެކްސްތަކުން ވެސް އެ ސަރަހައްދުތަކުގެ ރިސޯޓުތަކަށް 50 އިންސައްތައިގެ ލުޔެއް ދޭން އޭނާ ހުށަހެޅުއްވިއެވެ.

"ދަތުރުފަތުރުގެ އަގު އިންތިހާއަށް ބޮޑުވީމާ މި ސަރަހައްދުތަކަށް ފަތުރުވެރިން ދާން އެބަ ފަސް ޖެހޭ،" ސަލީމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް -- ފޮޓޯ/ މަޖިލިސް

އޭނާ ވިދާޅުވީ، ފަތުރުވެރިކަމަށް މަގުފަހި ކުރަން ރާއްޖޭގެ އެތައްމިތަނުގައި އެއާޕޯޓުތައް ތަރައްގީ ކުރި ނަމަވެސް ދަތުރުތަކުގެ އަގުތައް ބޮޑުވުމުން ފަތުރުވެރިކަން ފުޅާ ވެދާނެތޯ އެއީ ކުރަން ޖެހޭ ސުވާލެއް ކަމަށެވެ. އެހެންވެ، ފަތުރުވެރިކަން ދަށް ދާއިރާތަކުން ޓެކްސް ކަނޑައިލަން އޭނާ ވަނީ ހުށަހަޅުއްވައިފައެވެ.

"މާލެ ސަރަހައްދަށް މި އެޕްލައިވާ ޓެކްސްތައް ފަތުރުވެރިކަން ވަރަށް ކުޑަކޮށް ތަރައްގީވެފައި ހުރި ސަރަހައްދުތަކަށް އެޕްލައި ކުރީމާ އެ ސަރަހައްދުތަކަށް އިންވެސްޓަރުން ޝައުގުވެރިއެއް ނުވޭ. އަދި ރިސޯޓެއް ހެދުމުގެ ނިޔަތުގައި ރަށެއް ހޯދި ކަމުގައި ވިޔަސް، އެ ރަށެއް ތަރައްގީ ކުރުމުގެ އަގު އިންތިހާއަށް ބޮޑުވެގެން ދާތީ 13،14،15،16 އަހަރު ވެގެން ދާއިރު ވެސް ނުހެދި ހުރި ކިތަންމެކިތަންމެ ރަށެއް އެބަހުރި،" އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގައި ވަނީ ޗާޓަރު އުސޫލުން އެނދު ކުއްޔަށް ދޭއިރު ނަގައި ޖީއެސްޓީ ނިމުމަކަށް ގެނެސް، އޭގެ ބަދަލުގައި ފަތުރުވެރިކަމުގެ ރިއަލްއެސްޓޭޓު ޓެކުހެއް ތައާރަފުކުރާށެވެ.