25 Oct 2023, 13:44
ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތައް މި ވަގުތުން ވަގުތަށް ހުއްޓާލުމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އިއްޔެ ގޮވާލައްވައިފިއެވެ.
ގުޓަރެސް މިހެން ވިދާޅުވީ މެދުއިރުމައްޗާއި ފަލަސްތީނުގެ މައްސަލައާ ގުޅޭ ގޮތުން ބޭއްވި އދ. ގެ ސަލާމަތީ މަޖިލީހުގެ ސެޝަންގެ ކުރިން ދެއްވި އިންޓަވިއުއެއްގައެވެ. ހަނގުރާމައާ ގުޅިގެން ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު ކަންތައްތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާ ކުޑަކުރުމަށް މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލަން ޖެހޭ ކަމަށާއި ޣައްޒާގެ އާންމުންނަށް އިންސާނީ އެހީ ފޯރުކޮށްދެވޭތޯ ކަށަވަރުކުރަން ޖެހޭ ކަމަށްވެސް ގުޓަރެސްއާ ހަވާލާދީ ފަލަސްތީނުގެ ވަފާ ނޫހުން ރިޕޯޓުކުރެއެވެ.
މީގެ އިތުރުން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ދެމުންދާ ހަމަލާތަކެއްކަން ސާފުކޮށް އެގޭ ކަމަށާއި އެއްވެސް ބަޔަކީ ގާނޫނުތަކަށްވުރެ މަތީގައި ތިބެވޭނެ ބައެއް ނޫން ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ސުލްހައާއި ހަމަޖެހުމުހެ އަސްލަކީ "ޓޫ ސްޓޭޓް ސޮލިޔުޝަން" ކަމާ ޣައްޒާގައި މިވަގުތު ހިނގަމުންދާ ގާތުލު އާންމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށްވެސް ގުޓަރެސް ވަނީ ވިދާޅުވެފައެވެ.
ޣައްޒާއަށް އިތުރު އިންސާނީ އެހީ ފޯރުކޮށްދީ މިހާތަނަށް އެ ސިޓީއަށް ލިބުނު އެހީއަކީ ހަމަ އެހީ ބޭނުންވެފައި އޮތް ބޮޑު ކަނޑަކަށް ޖެހި ކުޑަ ފެން ތިއްކެއް ކަމަށްވެސް ގުޓަރެސް ވިދާޅުވިއެވެ. އަދި ޣައްޒާއިން ވަރަށް އަވަހަށް ތެޔޮ ހުސްވާނެ ކަމަށާއި މިއީ އަނެއްކާވެސް އިތުރު ކާރިސާއެއް ކުރިމަތިވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ގުޓަރެސްގެ މި ވާހަކަފުޅާއެކު އިސްރާއީލްގެ ހާރިޖީ ވަޒީރު އެލީ ޗޯހެން ގުޓަރެސް އާ ބައްދަލު ނުކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އަދި ހަމަހަމަ ކަމަށް އެއްވެސް ފުރުސަތެއް ނެތް ކަމަށާއި ހަމާސް ވުޖޫދުން ނައްތާލަން ޖެހޭ ކަމަށްވެސް ޗޯހެން ވަނީ ވިދާޅުވެފައެވެ.