ހޮސްޕިޓަލްތަކުން ތެޔޮ ހުސްވުމުގެ ސަބަބުން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އެ ތަންތަނުގެ މަސައްކަތްތައް ހުއްޓި، އާންމުނަށް ފަރުވާދިނުން ހުއްޓައިލަން ޖެހިދާނެ ކަމަށް ދުނިޔޭގެ ފަގީރުކަން ނައްތާލައި އިންސާފު ގާއިމުކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ އެކްޝަން އެއިޑް ފަލަސްތީނާ ހަވާލާދީ ވަފާ ނޫހުން ރިޕޯޓު ކޮށްފިއެވެ.

ޣައްޒާއަށް ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ކޮށްދިނުމަށް އެދި ބައިނަލްއަޤްވާމީ ޖަމިއްޔާތަކަށް އެކްޝަން އެއިޑުން ވަނީ ގޮވާލައިފައެވެ.

ތެޔޮ ހުސްވުމުގެ ސަބަބުން، ކުޑަކުދިންނާއި ދުވަސްވީ މީހުން ހިމެނޭ ގޮތަށް ހޮސްޕިޓަލްތަކުގައި ތިބި ބަލި މީހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅޭނެ ކަމަށް އެ ޖަމިއްޔާއާ ހަވާލާދީ ވަފާ ނޫހުން ބުނެއެވެ.

އދ. އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ޣައްޒާގެ ހޮސްޕިޓަލްތަކުގައި އިންކިއުބޭޓަރުތަކުގައި ފަރުވާ ދެމުންދާ، މަދުވެގެން 120 އަލަށް އުފަން ކުދިންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށާއި އޭގެ ތެރެއިން 70 ކުދިން ތިބީ މެކޭނިކަލް ވެންޓިލޭޝަންގައި ކަމަށެވެ. އިންކިއުބޭޓަރަށް ނުލައިފިނަމަ ތުއްތު ކުދިން ފުރާނަ ހިނގައިދާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ޣައްޒާގެ ހޮސްޕިޓަލްތަކުން އާންމުކޮށް ކިޑްނީ ފެއިލްވެފައިވާ 1،100 ބަލި މީހުންނަށް ހިދުމަތް ދޭއިރު، އޭގެ ތެރޭގައި 38 ކުޑަކުދިން ހިމެނެއެވެ. ކޮންމެ މަހަކު 13،000 ޑައިލިސިސް ސެޝަން ހަދައެވެ. ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމުގައިވާ، އަލް ޝިފާ ހޮސްޕިޓަލް ގައި 5،000 އަށް ވުރެ ގިނަ ބަލިމީހުންނަށް ފަރުވާ ދެމުންދާއިރު، އެއީ ހޮސްޕިޓަލްގެ ކެޕޭސިޓީއަށް ވުރެ 700 ބަލިމީހުންގެ އިތުރު އަދަދެކެވެ. މީގެ އިތުރުން އިސްރާއީލުން ދޭ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ 45،000 މީހުން ވެސް ޝިފާ ހޮސްޕިޓަލްގައި އެބަ ތިއްބެވެ.

އެކްޝަން އެއިޑުން ބުނާ ގޮތުގައި މި މައްސަލައަށް ވަގުތުން ފިޔަވަޅު އެޅިއްޖެނަމަ ޣައްޒާގެ އެތައް ހާސް ބައެއްގެ ފުރާނަ ސަލާމަތްވާނެއެވެ. އަދި، މިއީ މަސައްކަތް ފަށަންވީ ވަގުތު ކަމުގައި ވެސް އެ ޖިމިއްޔާއިން ބުންޏެވެ.

މީގެ އިތުރުން މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލައި، ޣައްޒާއިން މީހުން ހުސްކުރުމުގެ އަމުރު އިސްރާއީލުން އަނބުރާ ގެންދަން ޖެހޭ ކަމަށް ވެސް އެކްޝަން އެއިޑުން ބުނެއެވެ. އާންމުންގެ ފުރިހަމަ ރައްކާތެރިކަމާއި ހިމާޔަތްތެރިކަން ކަށަވަރުކޮށް އެ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް އިންސާނީ އެހީތެރިކަން ލިބޭނެކަން ކަށަވަރުކުރަން ކުރަން ހުރި ހުރިހާ ކަމެއް ކުރަން ޖެހޭ ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.