އެމޭޒަން ޕްރައިމްގެ ކާމިޔާބު ވެބް ސީރީސް "ދަ ފެމިލީ މޭން"ގެ ދެ މޭސްތިރިން ކަމަށްވާ ރާޖް އާއި ޑީކޭއަށް މާވެލް ސިނެމެޓިކް ޔުނިވާސްއަށް ފިލްމެއް އުފެއްދުމުގެ ފުރުސަތު ލިބިއްޖެ ކަމަށް ރިޕޯޓު ތަކުން ބުނެފިއެވެ.

އެމެރިކާގެ މަޝްހޫރު ފްރެންޗައިޒް މާވެލް ޔުނިވާސްއަށް ތައްޔާރު ކުރާ މި ފިލްމަކީ ސުޕަ ހީރޯ ފިލްމެއް ކަމަށާއި ރާޖް އާއި ޑީކޭ އާއެކު ފިލްމުގެ ވާހަކަ ބިނާ ކުރުމުގައި މަޝްހޫރު ފިލްމު އެޑިޓަރު ސީތާ މެނޮން ވެސް ބައިވެރިވާނެ ކަމަށް ރިޕޯޓު ތަކުން ވަނީ ބުނެފައެވެ.

ދާދިފަހުން އެމޭޒަން ޕްރައިމްއިން ސްޓްރީމް ކުރަން ފެށި ވެބް ސީރީސް "ގަންސް އެންޑް ގުލާބްސް" އަކީ ރާޖް އާއި ޑީކޭގެ އެންމެ ފަހުގެ އުފެއްދުމެވެ. ރާޖް އާއި ޑީކޭ މި ވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދީގެން އުފައްދަމުން އަންނަ ސީރީސް އަކީ އެމެރިކަން ސްޕައި އެކްޝަން ތުރިލާ "ސިޓަޑެލް"ގެ އިންޑިއާ ވާޝަން އެވެ.

މާވެލް ސިނަމާގައި މަސައްކަތް ކުރާ ރުސޯ ބްރަދާސްގެ "ސިޓަޑެލް"ގެ އިންޑިއާ ސީރީސްއިން ފެންނާނީ އެކްޓަރު ވަރުން ދަވަން އަދި ބަތަލާ ސަމަންތާއެވެ.

ރާޖް އާއި ޑީކޭ "ސިޓަޑެލް އިންޑިއާ"ގެ ކާސްޓުންނާ އެކު

ރާޖް އާއި ޑީކޭ މިހާތަނަށް އުފައްދާފައިވާ ވެބް ސީރީސް ތަކުގެ މަސައްކަތް މާވެލްގެ ހިންގުންތެރިންނަށް ވަރަށް ކަމު ގޮސްފައިވާ ކަމަށާއި މާވެލްއަށް ތައްޔާރު ކުރާ ފިލްމުގެ ސްކްރިޕްޓް ފައިނަލް ވެއްޖެ ނަމަ އެ ފިލްމު ޑައިރެކްޓް ކުރުމުގެ ޒިންމާ ވެސް ރާޖް އާއި ޑީކޭއަށް ލިބުމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ޝާހިދު ކަޕޫރާއި ސައުތު ސިނަމާގެ މަޝްހޫރު އެކްޓަރު ވިޖޭ ސެތުޕަތިއާ މުހިއްމު ރޯލް ކުޅުނު "ފަރުޒީ" ގެ އުފެއްދުންތެރިންގެ "ސިޓަޑެލް" އަކީ ބެލުންތެރިން އެންމެ އިންތިޒާރު ކުރާ ވެބް ސީރީސް ވެސް މެއެވެ.