25 Oct 2023, 13:22
އެން.ބީ.އޭ. ދުއް އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މިލްވައުކީ ބަކްސްގެ ތަރި ޖިއާނިސް އެންޓެޓޮކޮއުންޕޯ އެކްލަބްގައި އިތުރު ތިން އަހަރު މަޑުކުރަން ނިންމައިފިއެވެ.
މައުލޫމާތު ލިބޭގޮތުގައި މި އެއްބަސްވުމުގެ އަގު 186 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެއެވެ. މިކަން ޔަގީން ކޮށްދެމުން އެންޓެޓޮކޮއުންޕޯ އެކްސްގައި ހާމަކޮށްފައިވަނީ "މިލްވައުކީ ލެޓްސް ޓެޓް އިޓް" ކަމަށެވެ. އަދި ހޭޝް ޓެގްގެ ގޮތުގައި ބަކްސް އިން ސިކްސް އަދި އެކްސްޓޭންޑަޑް ހިމަނާފައިވެއެވެ.
ވަރަށް ފަހަކާ ޖެހެންދެންވެސް އެންޓެޓޮކޮއުންޕޯ ވަނީ އާ އެއްބަސްވުމެއްގައި ސޮއި ކުރަން އަދި ވަގުތު ނުޖެހޭކަން ހާމަކޮށްފައެވެ. އަދި އެންމެ އަވަހަށްވެސް އާ އެއްބަސްވުމެއްގައި ސޮއިކުރާނީ މިއަންނަ އަހަރު ކަމަށް ހާމަކޮށްފައެވެ.
އެންޓެޓޮކޮއުންޕޯ މިހާތަނަށް ހާމަކުރަމުންދިޔައީ އޭނާ ބަކްސް އާއެކު އާ އެއްބަސްވުމެއްގައި ސޮއިކުރާނީ އެ ކްލަބުން އިތުރު ޗެމްޕިއަންޝިޕެއް ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާއަށް ގަބޫލް ކުރެވުމުންނެވެ.
އޭނާގެ މި ބަސްތަކާއެކު ބަކްސްއިން ވަނީ މި ފަހަރުގެ ސީޒަނަށް އޯލް އެން.ބީ.އޭ. ގާޑް ޑެމިއަން ލިލާޑް އެ ޓީމަށް ސޮއިކުރުވާފައެވެ. މިއާއެކު މި ސީޒަންގައި އެން.ބީ.އޭ ކާމިޔާބު ކުރާނެކަމަށް އެންމެ ގިނަ ބަޔަކު ބުނަމުންދާ ޓީމަކަށް ބަކްސް ވަނީ ވެގެން ގޮސްފައެވެ.
ބަކްސްއިން މިދިޔަ ސީޒަންގެ ނިންމާލީ ރެގިއުލާ ސީޒަން އެއްވަނައިގާ އޮވެގެންނެވެ. ނަމަވެސް ސީޒަން ނިންމާލުމަށްފަހު ޕްލޭ އޮފްގައި އަށް ވަނައަށް ސީޑް ކުރެވިފައިވި މައޭމީ ހީޓް އަތުން ބަލިވިއެވެ.
މިއީ ގްރީސްއަށް ނިސްބަތްވާ މި ކުޅުންތެރިޔާ އެން.ބީ.އޭ. ގައި ކުޅޭ 11 ވަނަ ސީޒަނެވެ. އަދި އެންޓެޓޮކޮއުންޕޯ ވަނީ ބާސްކެޓްގެ އެންމެ ފާހަގަ ކޮށްލެވޭ ތަރިންގެ ތެރޭގައި ހިމެނިގެން ގޮސްފައެވެ. އޭނާގެ މޮޅު ކުޅުމާއެކު ބަކްސްއިން ވަނީ 2021 ވަނަ އަހަރުގެ އެން.ބީ.އޭ. ތަށި ކާމިޔާބުކޮށްފައެވެ. އެ ތަށި ވެގެންދިޔައީ ބަކްސްގެ ތާރީހްގައި އެން.ބީ.އޭ. ގެ ތަށި އުފުލާލެވުނު ދެވަނަ ފަހަރަށެވެ. އަދި ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ކާމިޔާބު ކުރެވުނު ފުރަތަމަ ތައްޓަށް ވެގެން ގޮސްފައެވެ.
ބަކްސްއިން އެން.ބީ.އޭގެ އާސީޒަންގައި ކުޅޭ ފުރަތަމަ މެޗްގައި މިއަންނަ ބުރާސްފަތި ދުވަހުގެ ރޭ ބައްދަލުކުރާނީ ފިލަޑެލްފިއާ ސެވަންޓީ ސިކްސާސް އާއެވެ.