ފެބުރުއަރީ ހަތެއްގެ ހާދިސާ ތަހުގީގުކުރާ ނޭޝަނަލް އިންކުއަރީ ކޮމިޝަން (އެންއައިސީ)ގައި ޕީޕީއެމް ތަމްސީލް ކުރާނެ މެންބަރަކު އެ ކޮމިޝަނުގައި ހިމަނުއްވައި ދެއްވުމަށް އެދި ރައީސުލް ޖުމްހޫރިއްޔާއަށް ޕީޕީއެމުން މިއަދު ހުށައަޅައިފި އެވެ.

ޕީޕީއެމް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެޕާޓީގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ވިދާޅުވީ ޕީޕީއެމްގެ މެންބަރަކު އެ ކޮމިޝަނުގައި ތަމްސީލް ކުރަން ފުރުސަތު ދިނުމަށް ހުށައެޅީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ގޮތުންނަމަ އިންގާލުބުގެ އަޑީގައި ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމް ހުންނެވި ކަމަށް ތުހުމަތު ކުރައްވާތީ ނަޝީދުގެ ފަރާތްޕުޅުން މެންބަރަކު އެކޮމިޝަނުގައި ހުންނަވާނަމަ ރައީސް މައުމޫނުގެ ފަރާތްޕުޅުން ވެސް މެންބަރަކު ހުންނަވަން ޖެހިވަޑައިގަންނާވާނެ ކަމަށް އެޕާޓީ އަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

"މިކަމުގެ އަޑީގައި ހުރި އިސްފަރާތަކީ އަޅުގަނޑުމެންގެ އިންތިގާލީ ރައީސްކަމަށް ބުނެ ދޮގު ތުހުމަތު ތަކެއް އަޅުގަނޑުމެންގެ ޕާޓީއާއި ޕާޓީގެ ރައީސްގެ ބޮލުގައި އަޅުވާފައިވާތީ ރައީސް ނަޝީދު ތަމްސީލް ކުރައްވާ ބޭފުޅަކު އެކޮމިޝަނުގައި އިންނަވާ ކަމުގައި ވަނީނަމަ އަޅުގަނޑުމެން ތަމްސީލް ކުރާ ފަރާތެއް ވެސް އެކޮމިޝަނުގައި އިންނަން ޖެހޭނެ،" އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތުހުމަތުކުރާ ފަރާތުގެ ބޭފުޅަކަށް އެ ކޮމިޝަނުގައި ތަމްސީލު ކުރެވޭނެނަމަ ތުހުމަތު ލިބޭ ފަރާތުގެ ބޭފުޅަކަށް ވެސް ކޮމިޝަނުގައި ނުހިމެނޭ ކަމަށް ވާނަމަ އިންކުއަރީ ކޮމިޝަންގެ އިންސާފުވެރިކަމާމެދު ސުވާލު އުފެއްދުމުގެ ފުރުސަތު އޮތް ކަމަށެވެ.

"އެހެން ވީމަ މިއަދު ރައީސް އަރިހު އެދިފައި އޮންނާނެ ރައީސް ނަޝީދު އެދިލައްވާ ފަރާތެއް ކޮމިޝަނުގައި އިންނަވާ ކަމުގައި ވާނަމަ އަޅުގަނޑުމެން [ޕީޕިއެމް] އެދޭ ފަރާތެއް ވެސް ކޮމިޝަނުގައި އިންނަވަން ޖެހޭ ކަމަށް،" އުމަރު ވިދާޅުވި އެވެ.

އިންކުއަރީ ކޮމިޝަނަށް މީގެ ކުރިން ރައީސް އައްޔަން ކުރައްވާފައިވާ ތިން މެންބަރުން ތިއްބެވުމަކީ އިންސާފުވެރި ގޮތެއް ކަމަށް ނުބެލޭވަކަމަށް ކޮމަން ވެލްތުން ބުނުމާ ގުޅިގެން ސަރުކާރާއި ކޮމަން ވެލްތާއި ދެމެދު ކުރެވުނު މަޝްވަރާގެ މަތިން މިހާރުވަނީ އެކޮމިޝަނުގެ މެންބަރުންގެ އަދަދު ފަހަކަށް އިތުރުކޮށް އަލަށް ކޮމިޝަނަށް އައްޔަންކުރާ ދެ މެންބަރުންގެ ތެރެއިން އެއްބޭފުޅަކީ ރައީސް ނަޝީދު އައްޔަން ކުރައްވާ ބޭފުޅެއްކަމަށް ހަމަޖައްސަވާފަ އެވެ. އަދި ކޮމިޝަނަށް އައްޔަން ކުރައްވާ އަނެއް ބޭފުޅަކީ ސިންގަޕޫރޫގެ ރިޓަޔާރޑް ފަނޑިޔާރެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އިންކުއަރީ ކޮމިޝަނުގެ މަސައްކަތް މިމަހު ނިންމަން ކުރިން ހަމަޖެހިފައިވީ ނަމަވެސް މިހާރު އެ ކޮމިޝަނުގެ މަސައްކަތް ނިންމުމަށް ތާވަލްކޮށްފައި ވަނީ ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައެވެ.