ހުޅުމާލޭ ފުލެޓުތަކުގެ ވަށައިގެންވާ ހުސް ޖާގަތައް ބޭނުން ކުރެވޭނެ ގޮތުގެ އުސޫލެއް އާބަންކޯއިން ގާއިމުކޮށްފިއެވެ.

އާބަންކޯއިން ބުނީ މި އުސޫލުގެ ދަށުން ޕާކް ކުރުމަށް ވަކި ހާއްސަ ޖާގަތަކެއް ކަނޑައެޅިގެންދާނެ ކަމަށެވެ. އަދި، ކޯޓްޔާޑް ސްޕޭސްގެ ހުސް ޖާގަތަކަށް ވަންނަން އޮންނަ މަގު ވެހިކަލަށް ނުވަދެވޭ ގޮތަށް ބަންދު ކުރެވިގެން ދާނެ ކަމަށެވެ.

އާބަންކޯގެ އުސޫލުގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރެއިން އެ ކޮމިއުނިޓީއެއްގައި އުޅޭ ފަރާތައް ބޭނުންވާ ކޮންމެ ވެސް އެއް ކަމެއްް ކުރުމުގެ އިހްތިޔާރު ވަނީ ދީފައެވެ.

އެގޮތުން އެ ޖާގަ އަކީ އެ ސަރަހައްދުގެ މީހުން އެއްވުންތައް ބާއްވާނެ ތަނެއްތޯ ނުވަތަ ކުޑަކުދިން ކުޅުމަށް ޕާކެއް ހަދާނެ ތަނެއްތޯ ނުވަތަ ޖޯލިފަތި ބަހައްޓާނެ ތަނެއްތޯއެވެ. އަދި، ކަސްރަތު ކުރުމަށާއި ގަސް އިންދުމަށް ހާއްސަ ކުރާނެ ތަނެއްކަން ނިންމާނީ އެ ކޮމިއިނުޓީއަކުން ކަމަށް އާބަންކޯއިން ބުންޏެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފްލެޓުތައް _ސަން ފޮޓޯ/ ފަޔާޒު މޫސާ

އާބަންކޯގެ އެސިސްޓެންޓު ޑިރެކްޓަރު އަބްދުﷲ ފިރާގު ވިދާޅުވީ، އެއްވެސް އުސޫލެއް ނެތި ފުލެޓުތަކުގެ އެއްމެދު ސަރަހައްދުގައި ތަކެއްޗާއި ގަސްތައް އިންދުމުގެ ސަބަބުން އެކި ކަހަލަ ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

"އެ ކޮމިއުނިޓީއެއްގައި އުޅޭ ބޭފުޅުން އަޅުގަނޑުމެންނަށް ޕްރޮޕޯސަލްއެއް ލާންވީ ގައިޑްލައިންގައި ހިމަނާފައިހުރި ކަންތައްތަކުގެ ތެރެއިން ކޮންމެ ވެސް ކަމެއް އެ ބޭފުޅުން އަމިއްލައަށް އިސްނަގައިގެން ކުރުމަށް. ކުޑަކުދިން ކުޅުމަށް ސްޕޭސްއެއް ހެދުމަށް، ނޫނީ އަވައްޓެރިން އެއްވެލައި އިށީނދެލައި ހަދަން ޖޯލިތަކެއް ބަހައްޓާލައި...،" އޭނާ ވިދާޅުވިއެވެ.

ގަސް އިންދުމަށް ހުއްދަ ދެވިފައިވަނީ ހަމައެކަނި ފޭސް އެކެއްގެ ކޮމިއުނިޓީ ތަކަށެވެ. ނަމަވެސް ޕޮޓުގައި ގަސް އިންދުމުގެ ހުއްދަ ފޭސް އެކެއް އަދި ދޭއްގެ ކޮމިއުނިޓީތަކަށް ވެސް ވަނީ ދީފައެވެ.

ބިމުގައި އިންދަން ހުއްދަދެވިފައިވާ ގަސްތަކުގެ ތެރޭގައި:

  • ވިލާތު ކުންނާރު ގަސް

  • ޖަނބުރޯލު ގަސް
  • ޖޭމު ގަސް
  • ލެމަން ގްރާސް
  • ހުވަނދު މާ ގަސް
  • މުރަނގަ ގަސް
  • ފަޅޯ ގަސް
  • ބިލިމަގު ގަސް
  • ލުނބޯ ގަސް
  • ހިކަނދިފަތް ގަސް
  • ކާމަރަނގަ ގަސް
  • ރާނބާ ފަތް
ހިޔާ ފްލެޓް_ ސަން ފޮޓޯ

މިހާރު ހެދިފައިވާ އުސޫލުގެ ދަށުން އެކި ކަހަލަ އުނދަގޫތައް ދިމާވާން މެދުވެރިވާ ގަސްތައް ނެގުމަށް ނިންމާފައިވާ ކަމަށް ވެސް އާބަންކޯއިން ބުނެއެވެ. އެހެންނަމަވެސް އެ ގަހުގެ ވެރިފަރާތުގެ ހުއްދައާ އެކު ހުޅުމާލެތެރޭ ހުންނަ ކޮންމެ ވެސް ޕާކެއްގައި އިންދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހުސް ޖާގަ ތަކުގައި ކުރުން މަނާ ބައެއް ކަންތައްތަކުގެ ތެރޭގައި ގުދަން ކުރުމާއި އަލިފާން ހިފާނެ ތަކެތި ބެހެއްޓުމާއި ކުނި ޖަމާކޮށްފައި ބެހެއްޓުން ހިމެނެއެވެ. މިއުސޫލުމިހާރު ވަނީ އާންމުކޮށް، އަމަލު ކުރަން ފަށެމަށް ކުރަން ޖެހޭ މަސައްކަތްތައް ފަށައިފައެވެ.