25 Oct 2023, 13:16
އިންގްލިޝް ޕްރިމިއާ ލީގުގެ ފުލަމްގެ ކޯޗް މާކޯ ސިލްވާ އެކްލަބްގައި އިތުރު ތިން އަހަރު މަޑުކުރަން ނިންމާ އެއްބަސްވުން އާކޮށްފިއެވެ.
ދެހާސް އެކާވީސް ވަނަ އަހަރު ފުލަމްގެ ކޯޗް ކަމާ ހަވާލުވި ސިލްވާ އެ ޓީމާއެކު ހަދާފައިވި އެއްބަސްވުން މިފަހަރުގެ ސީޒަންގެ ނިޔަލަށް އޮތީ ހަމަވާގޮތަށެވެ. ނަމަވެސް މި އާ އެއްބަސްވުމާއެކު 2025- 2026 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް ފުލަމްގެ ކޯޗްކަމުގެ މަގާމުގައި ސިލްވާ ދެމިހުންނާނެއެެވެ.
ޕޯޗުގަލަށް ނިސްބަތްވާ އުމުރުން 46 އަހަރުގެ ސިލްވާ ފުލަމްގެ ކޯޗް ކަމާ ހަވާލުވެ އެ ޓީމް ޗެމްޕިއަންޝިޕުން ޕްރިމިއާ ލީގަށް ޕްރޮމޯޓް ކޮށްދިނުމުގެ އިތުރުން މިދިޔަ ސީޒަންގައި ޕްރިމިއާ ލީގަށް އަނބުރާ އައުމަށްފަހު ކުޅުނު ފުރަތަމަ ސީޒަންގައިވަނީ ތާވަލްގެ 10 ވަނައިގާ އޮވެގެން ސީޒަން ނިންމާލާފައެވެ.
މިއީ 2012 ވަނަ އަހަރަށް ފަހު އެ ޓީމަށް ޕްރިމިއާ ލީގުގެ ގަދަ ދިހައެއްގެ ތެރޭގައި އޮވެގެން ސީޒަން ނިންމާލެވުނު ފުރަތަމަ ފަހަރެވެ. މިފަހަރުގެ ސީޒަންގައި މިހާތަނަށް 9 މެޗް ކުޅެފައިވާއިރު އެޓީމް އުޅެނީ ތާވަލްގެ 13 ވަނައިގައެވެ.
މި ސީޒަން ފެށުމުގެ ކުރިން ސައުދީ ޕްރޯ ލީގުގެ ގިނަ ކްލަބް ތަކަކުން ވަނީ ސިލްވާ ގެންދިއުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އޭނާ ނިންމީ ފުލަމްގައި މަގުކޮށް އެކްލަބާއެކު ކުރިއަށް ދާށެވެ.
ފުލަމް އާއެކު އާ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ވާހަކަ ދައްކަމުން ސިލްވާ ހާމަކުރިގޮތުގައި އޭނާ ހުރީ އާ އެއްބަސްވުމެއްގައި ސޮއިކުރެވުމުން ވަރަށް ހިތްހަމަ ޖެހިފައިކަމަށެވެ. އަދި އާ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ވާހަކަ ކްލަބާއި އެކު ދައްކާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ ކަމަށްވެސް ސިލްވާ ހާމަކުރިއެވެ.
އޭނާ ހާމަކުރިގޮތުގައި ކްލަބަކަށް ކޯޗް ކޮށްދޭއިރު ދެފަރާތްވެސް ހިތްހަމަ ޖެހިފާ ތިބުން އެއީ ވަރަށް މުހިންމު ކަމެއް ކަމަށާއި މީގެން ދައްކާދެނީ ދެފަރާތްވެސް ހިތްހަމަ ޖެހިފައިވާކަން ކަމަށްވެސް އޭނާ ހާމަކުރިއެވެ.
ސިލްވާ ހާމަކުރިގޮތުގައި އޭނާއަށް ފުލަމްގައި ކާމިޔާބު ދެ ސީޒަން ހޭދަ ކުރެވިއްޖެ ކަމަށާއި ނަމަވެސް މިހާ ހިސާބުން އަދި މަސައްކަތް ފުރިހަމަ ނުވާ ކަމަށެވެ. އަދިވެސް މި ކްލަބް އިތުރު ހަރުފަތެއް ކުރިއަށް ޖެއްސުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަމުގައި ސިލްވާ ހާމަކުރިއެވެ.
އޭނާ މިހިރީ ކްލަބާއެކު މިދަތުރުގައި ކުރިއަށްދާން ތައްޔާރަށް ކަމަށްވެސް ސިލްވާ ހާމަކުރިއެވެ.