ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މުސްލިމް އަޚުންނާއި އުޚްތުންނަށް ދެ މިލިއަން މަސްދަޅު ހަދިޔާކުރަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ.

މި މަހު ހަތެއްގައި ހަމާސް ޖަމާއަތުން ދިން ކުއްލި ހަމަލާއަށް ފަހު، އިޒްރޭލުން ދަނީ މެދުކެނޑުމެއް ނެތި ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގައި ފަލަސްތީނުގެ ކުށެއް ނެތް އެތައް ބަޔަކު ވަނީ ޝަހީދު ކޮށްލައިފައެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ އަޚުންނާއި އުޚްތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދެ މިލިއަން މަސްދަޅު ހަދިޔާ ކުރަން ރައީސް ޞާލިޙް ނިންމަވާފައިވާ ކަމަށެވެ.

"މި ހަދިޔާއަކީ ދިވެހީން ފަލަސްތީނާ އެކު ތިބިކަން ހާމަކޮށްދޭ އަލިގަދަ ދަލީލެއް،" ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދިވެހީންނާއި ދިވެހި ސަރުކާރުން އަބަދު ވެސް ދެމިއޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަމަށެވެ. އަދި، އެ ގައުމަށް ހަމަޖެހުން ލިބުމަށް ދިވެހީން އަބަދު ވެސް ވަކާލާތު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިޒްރޭލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 5،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި 2035 ކުޑަކުދިން ހިމެނޭއިރު، 1119 މީހުންނަކީ އަންހެނުންވެ. އިތުރު 15273 މީހުން ޒަޚަމްވެފައި ކަމަށް ވެސް ޣައްޒާގެ ސިއްހީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ހަމަލާތަކުގެ މެދުގައި ތާށިވެފައިތިބި ޣައްޒާގެ ނިކަމެތި ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުން އިސްރާއީލުން މަނާކޮށްފައި އޮތުމަށް ފަހު، އެހީގެ ޓްރަކްތަކަށް ޣައްޒާއަށް ވަނުމުގެ ހުއްދަ ދިނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ފެނާއި ކާބޯތަކެތި އެ ނޫން ވެސް އެހީ ޣައްޒާއަށް އެތެރެކުރުމުގެ ހުއްދަ ދިން ނަމަވެސް ތެޔޮ އެތެރެ ނުކުރެވޭނެ ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.

ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވާ އދ. ގެ އޭޖެންސީން އާދީއްތަ ދުވަހު ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ޣައްޒާގައި ހުރި ތެޔޮ ހުސްވާނެއެވެ.