25 Oct 2023, 09:29
ޖެނުއަރީ ޓްރާންސްފާގައި އިނގިރޭސި ފޯވަޑް ޖޭޑަން ސަންޗޯއަށް ކޮންމެ އަގެއް ހުށަހެޅި ކަމުގައިވިޔަސް، މެންޗެސްޓާ ޔުނައިޓެޑުން އޭނާ ވިއްކާލުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އާސެނަލާ ދެކޮޅަށް ކުޅެ، 3-1ގެ ނަތީޖާއަކުން ޔުނައިޓެޑް ބަލިވި މެޗަށްފަހު އިންސްޓަގްރާމް މެދުވެރިކޮށް، ކޯޗު އެރިކް ޓެން ހާގްއަށް ސަންޗޯ ރައްދުދިން މައްސަލައިގައި އޭނާ ވަނީ ސްކޮޑުން ބޭރުކޮށްފައެވެ.
ތަމްރީނުތަކުގައި ސަންޗޯ ރަނގަޅަށް މަސައްކަތްނުކުރާ ކަމަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓެން ހާގް ބުނުމާއެކު، އެކަމަށް ރައްދުދެމުން ސަންޗޯ ބުނެފައިވަނީ އެ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށެވެ. އެއާއެކު މިދިޔަ އަހަރުގެ އޮގަސްޓް 26 އަށްފަހު ޔުނައިޓެޑުގެ އެއްވެސް މެޗަކުން ސަންޗޯއަށް ފުރުސަތު ލިބިފައެއް ނުވެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި މިހާތަނަށް އައި އިރުވެސް، އުމުރުން 23 އަހަރުގެ ސަންޗޯ އެކަމަށް މައާފަށް އެދިފައި ނުވާތީ، ޔުނައިޓެޑުން ވަނީ އޭނާ ވިއްކާލުމަށް ނިންމައިފައެވެ. އަދި ޖެނުއަރީ ޓްރާންސްފާގައި ކްލަބަކުން އޭނާއަށް ކޮންމެ އަގެއް ހުށަހެޅި ނަމަވެސް، އޭނާ ދޫކޮށްލަން ޔުނައިޓެޑު ތައްޔާރަށް އޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޔުނައިޓެޑާއެކު ޖެހުނު މައްސަލައާ ގުޅިގެން ސަންޗޯ ވެސް ދަނީ އެހެން ކްލަބަކަށް ބަދަލުވުމުގެ މަސައްކަތްކުރަމުންނެވެ. އެހެންކަމުން އަންނަ ޖެނުއަރީ މަހުގެ ޓްރާންސްފާގައި އޭނާ އެހެން ކްލަބަކުން ފެނުން ވަރަށް ގާތް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޔުނައިޓެޑާ ސަންޗޯ ގުޅުނީ ބޮރޫޝިއާ ޑޯޓްމަންޑުގައި ހަތަރު އަހަރު ހޭދަކުރުމަށްފަހު 2021 ވަނަ އަހަރުއެވެ. އޭނާއަކީ އިނގިރޭސި ގައުމީ ޓީމުގެ ވެސް މުހިންމު ކުޅުންތެރިއެކެވެ.