މިއަހަރު ތެރޭގައި އަވަސް އިންތިހާބެއް ނުބޭއްވިއްޖަނަމަ ދެން ދުވަހު ވެސް އިންތިހާބެއް ނުބޭއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އިންތިހާބަށް ހުރަސްއެޅުމަށްޓަކައި މިސަރުކާރުން އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވަމުން ގެންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޒުވާނުންތަކެއް އިސްނަގައިގެން މއ. އޮޗާޑް ގޭގައި ގާއިމްކުރި " އޮޗަޑް ޖަގަހަ" ހުޅުވައި ދެއްވުމަށްފަހު، ރައީސް ނަޝީދު ވިދާޅުވީ މިއަހަރު އަވަސް އިންތިހާބެއް ނުބޭއްވިއްޖެނަމަ ދެން ދުވަހަކު ވެސް އިންތިހާބެއް ބޭއްވޭނެ ކަމަށް ދެކެވަޑައިނުގެންނަވާ ކަމަށެވެ. އަދި އަވަސް އިންތިހާބެއް ބޭއްވުމަށް އެމްޑީޕީން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅިގެން، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގަށް ސަރުކާރުން އެކި ގޮތްގޮތުން ނުފޫޒު ފޮރުވަމުން ގެންދަވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

" އަޅުގަނޑުމެން ކަންބޮޑުވަނީ މިހާރު އަވަސް އިންތިހާބެއް ނުބޭއްވިއްޖެ ނަމަ ދެން ދުވަހަކު ވެސް އިންތިހާބެއް ނުބޭއްވިދާނެތީ، އަޅުގަނޑު އަޑުއެހިން އިލެކްޝަން ކޮމިޝަނަރަށް އެކި ބާވަތްތަކުގެ ކަންކަން ކޮށްދޭނެ ކަމާއި އެކި ގައުމުތަކަށް އެންބެސެޑަރު ކަމުގައި ވަޑައިގެންނެވުމަށް އެދި އެކި ގޮތް ގޮތުން އިލެކްޝަނަށް ނުފޫޒު ފޯރުވުމުގެ މަސައްކަތް ސަރުކާރުން ކުރަމުންގެންދާ ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި ކޮމަންވެތްލްގެ ބާރު އެޅުމާ އެކު 7 ފެބްރުއަރީގައި ކަންކަން ހިނގައިދިޔަ ގޮތް ބެލުމަށްޓަކައި ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން އުފައްދާފައިވާ ނޭޝަނަލް އިންކުއަރީ ކޮމިޝަން (އެންއައިސީ) އަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމަވާތީ އެކަން ފާހަގަކުރައްވައި، ވިދާޅުވީ އަވަސް އިންތިހާބެއް ބާއްވައިދިނުމަށް އެދި ރައްޔިތުން ގޮވާ އަޑު ކޮމަންވެލްތަށް ވެސް އެނގޭ ކަމަށެވެ.

" ކޮމަންވެލްތުގެ ބޭފުޅުން އެއްވެސް ހާލެއްގައި އެ އަރަނީ އަޅުގަނޑާ އެއްކޮޅަކަށް ނޫން، ކޮމަންވެލްތް ބޭފުޅުންނަށް ވެސް އެބޭފުޅުން ކޮޓަރީގެ ބެލްކަންޏަށް ނުކުމެލީމަ އެބަފެނޭ ރީނދޫ ބުރުގާއި އަދަދު، ޑޯން މެކިނަން ވެސް ހުންނެވީ އަންތަރީސްވެފައި ވެރިކަން ބަދަލުވި ދުވަހު ނުކުތް މީހުންގެ އަދަދު ފެނިފައި،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އަވަސް އިންތިހާބަކަށް ގޮވާލާ އެމްޑީޕީން ކުރިއަށް ގެންދާ ހަރަކާތްތައް ހުއްޓާ ނުލާނެ ކަމަށެވެ. އެމްޑީޕީގެ އޮޗާޑް ޖަހަގަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ޔެލޯ ފޯސް އިފްތިތާހުކޮށްދެއްވާފަ އެވެ.