24 Oct 2023, 20:35
ލަވަކިޔުންތެރިޔާ އިސްމާއީލް އައްފާން، ފަސް އަހަރު ފަހުން ބެލުންތެރިންނާ ހަމައަށް ހުށަހަޅައިދޭ ލައިވް މިއުޒިކް ޝޯ "ފެށުން"ގެ މީޑިއާ ޕާޓްނަރަކަށް އެސްއެސް މީޑިއާ ހަމަޖައްސައި އެ ކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ، މިއަދު އެސްއެސް މީޑިއާގައި ބޭއްވި ހަފުލާއެއްގައެވެ. މި ހަފުލާއަށް ފަހު "ސަން"އާ ވާހަކަ ދައްކަވަމުން އައްފާން ބުނީ، އަންނަ ހުކުރު ދުވަހުގެ ރޭ 08:00 ގައި އޮލިމްޕަހުގައި ބާއްވާ މި ޝޯއަކީ އެއްގޮތަށް ވުރެ ގިނަ ގޮތްތަކުން ޚާއްސަ ޝޯއެއް ކަމަށެވެ.
އެގޮތުން ފަސް އަހަރަށް ފަހު ބެލުންތެރިންނަށް އައްފާން ފެނިގެންދާއިރު، މި ޝޯގައި އައްފާން ހުރިހާ ލަވައެއް ވެސް ބެލުންތެރިންނަށް ލައިވްކޮށް ހުށަހަޅާއިދޭނެއެވެ.
"މި ޝޯގެ ފެނިގެންދާނީ ހުސް އޮރިޖިނަލްސް. މިއޮތް ހުރިހާ ދުވަހު ހިޔެއް ނުވޭ އަޑުއަހާ މީހުންނަށް އެއް ސްޓޭޖަކުން އެއް ފަހަރާ މަގޭ ހުރިހާ ލަވައެއް ފެނިފައި އޮންނާނެ ހެންނެއް. މި ޝޯގައި ފެނިގެންދާނެ ގާތްގަނޑަކަށް ހަމަ ހުރިހާ ލަވައެއް،" އައްފާން ބުންޏެވެ.
މީގެ އިތުރުން މި ޝޯއަކީ އެންމެ ގިނަ އާޓިސްޓުންނާ އެކު އައްފާން ހުށަހަޅައިދޭ ޝޯ ވެސް މެއެވެ. އެގޮތުން މި ޝޯގައި އައްފާނާ އެކު 16 އާޓިސްޓުން ފެނިގެން ދާނެއެވެ.

ލަވަކިޔުންތެރިޔާ އިސްމާއިލް އައްފާން -- ސަން ފޮޓޯ/ އާއިޝް އަޝްރަފް
"މި ޝޯގެ އޯޕެނިންގައި ފެނިގެން ދާނެ އިގްޔާނާ ޔާނި އާ. މި ދެ މީހުން ވެސް މީގެ ތެރެއަށް ލައިގެން މި ގެންދަނީ،" އައްފާން ބުންޏެވެ.
މި ޝޯގައި ބެލުންތެރިންނަށް ފެންނާނެ އާ ލަވައަކީ މި ފަހުން ފިލްމީތަރި ނިއުމާ މުހައްމަދު ރިލީސްކުރި ފިލްމް "ކަޅަކި"އަށް އައްފާން ކިޔައިދީފައިވާ ލަވައެވެ.
"ފެށުން"ގެ ޓިކެޓު މިހާރު ވިއްކަން ފަށާފައި ވާއިރު، މި ޝޯގެ ޓިކެޓު އޮލިމްޕަހުގެ އިތުރުން، ޖޭޒް ކެފޭ، މެރާކީ އަދި ކޮފީ ސްޓޭޓުން ލިބޭނެއެވެ. އަދި، ހުޅުމާލޭގެ ފެމިލީ ރޫމުންނާއި ދި 1981 ކެފޭއިން ވެސް ޓިކެޓު ލިބޭނެއެވެ. ޓިކެޓެއްގެ އަގަކީ 300 ރުފިޔާއެވެ.
"މިހާރު ޓިކެޓް ވިކެމުން ދަނީ، ވަރަސް މަދުވެއްޖެ ޓިކެޓް 70 ނޫނީ 80ވަރަކަށް ޓިކެޓް މިހާރު ބާކީ އިނީ. އެހެންވީމަ އެނެމެން ވެސް އަވަހަށް ޓިކެޓް ގަތީމަ ލިބޭނީ،" އައްފާން ބުންޏެވެ.