ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާގޮތާ ގުޅޭ 65 ޝަކުވާއެއް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފިއެވެ.

ގާނޫނު އަސާސީގައި ވާގޮތަށް، އަންނަ އަހަރުގެ މަޖިލީސް އިންތިޚާބުގައި މެންބަރުންގެ އަދަދު 93 އަށް އިތުރު ވާނެއެވެ. އެހެންވެ، ބައެއް ދާއިރާތައް މިހާރު އެކުލެވިގެންވާ ގޮތަށް ބަދަލު އަންނާނެއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ ނޮވެމްބަރު 5، ގެ ކުރިން އެ ޝަކުވާތަކާ މެދު ކޮމިޝަނުން ގޮތެއް ކަނޑައަޅާނެ ކަމަށެވެ. އަދި، ކަނޑައަޅާ ގޮތުގެ ޖަވާބު ޝަކުވާ ހުށަހެޅި ފަރާތްތަކަށް ވެސް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހުށަހެޅިފައިވާ ޝަކުވާ/ޚިޔާލުތަކަށް 2023 ނޮވެމްބަރު 5 ގެ ކުރިން އީސީން ގޮތެއް ކަނޑައަޅާނެ. އަދި ޝަކުވާ/ޚިޔާލު ހުށަހެޅި ފަރާތްތަކަށް އީސީން ނިންމާ ނިންމުން ސަބަބާ އެކު އަންގާނެ،" އޭނާ ވިދާޅުވިއެވެ.

ހަބީބު ހިއްސާ ކުރެއްވި ތަފާސްހިސާބުތަކުގައި ވާގޮތުން ދާއިރާތައް ކަނޑައެޅި ގޮތާ ބެހޭގޮތުން ޝަކުވާ ހުށަހަޅަން ހުޅުވައިލުމުން 65 ޝަކުވާއެއް ލިބުނުއިރު އޭގެ ތެރެއިން އެންމެ ގިނައީ އަލަށް އުފައްދަން ނިންމާފައިވާ އައްޑޫ ފޭދޫ އުތުރު ދާއިރާގެ ޝަކުވާތަކެވެ. އެ ދާއިރާއާ ބެހޭގޮތުން 44 ޝަކުވާއެއް ހުށަހަޅާފައިވެއެވެ.

އަދި، މާލޭގެ ދެ ދާއިރާއަކާއި އައްޑޫގެ ބައެއް ދާއިރާތަކުގެ އިތުރުން އަތޮޅު ތެރޭގެ ބައެއް ދާއިރާތަކާ ބެހޭގޮތުން ވެސް ޝަކުވާ ހުށަހަޅާފައިވެއެވެ.

މިހާރު މަޖިލީސް އެކުލެވިގެންވާ ގޮތުން އާބާދީގެ ކޮންމެ 5،000 ރައްޔިތަކަށް މެންބަރެއް ހުންނަން ޖެހޭނެއެވެ. އެހެންވެ، މިހާރު 87 މެންބަރުން ތިއްބެވި ނަމަވެސް އަންނަ އަހަރު ބާއްވާ މަޖިލީސް އިންތިޚާބުގައި 93 މެންބަރުން އިންތިޚާބު ކުރަން ޖެހޭނެއެވެ.

ކޮންމެ މަޖިލީހުގެ ދައުރަކަށް ފަހު، މެންބަރުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. އެގޮތުން، 17 ވަނަ މަޖިލީހުގައި 77 މެންބަރުން ތިއްބެވިއިރު، 18 ވަނަ މަޖިލީހުގައި 85 މެންބަރުން ތިއްބެވިއެވެ. އަދި، މި ހިނގާ 19 ވަނަ މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު އަންނަ 20 ވަނަ މަޖިލީހުގައި 93 މެންބަރުން ތިއްބަވާނެއެވެ.