ފެނަކައާ ގުޅުންހުރި 75 މައްސަލައެއް ތަހުގީގު ކުރާއިރު، މިހާތަނަށް 20 މިލިއަން ރުފިޔާ އަނބުރާ ހޯދަން އަނގައިފައިވާ ކަމަށް އޭސީސީން މިއަދު ބުނެފިއެވެ.

އޭސީސީން މިއަދު ވަނީ ފެނަކައާ ގުޅޭ ގޮތުން ބަލަމުންދާ މައްސަލަތަކާ ގުޅޭ ގޮތުން ލިޔުމެއް އާންމުކޮށްފައެވެ.

މިގޮތުން ތަހުގީގު ކުރާ މައްސަލަތަކުގެ ތެރޭގައި، ކުންފުނި ހިންގުމުގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމާ ގުޅޭ މައްސަލަތަކާއި، އުސޫލުތަކުގެ ބޭރުން އެކި މީހުންނަށް ވަޒީފާ ހަމަޖައްސާފައިވާ ކަމުގެ ތުހުމަތުތަކުގެ މައްސަލަތަކާއި، ކުންފުނީގެ ޕްރޮކިއުމަންޓު އުސޫލުތަކާ ޚިލާފުވުމުގެ މައްސަލަތަކުގެ އިތުރުން، ކުންފުނިން ފައިސާ ދޫކުރުމާ ގުޅޭގޮތުން އެކަށައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ފައިސާ ދޫކުރުމުގެ ތުހުމަތުތަކުގެ މައްސަލަތައް ހިމެނޭ ކަމަށް އޭސީސީން ބުނެފައިވެއެވެ.

އޭސީސީން ބުނީ މިހާތަނަށް ތަހުގީގު ކުރެވިފައިވާ މައްސަލަތަކަށް ފަހު، އެ މައްސަލަތަކުގައި ހިމެނޭ ފައިސާ ތަކުގެ ތެރެއިން 20 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް އެ ކުންފުންޏަށް އޭސީސީގެ ފަރާތުން މިހާރު އަންގައިފައިވާ ކަމަށެވެ.

އަދި، އެ ކުންފުންޏާ ގުޅޭ ތަފާތު އެކި މައްސަލަތަކުގައި 92 ކަމެއް އިސްލާހު ކުރަން ވެސް އެ ކޮމިޝަނުން މިހާތަނަށް އެ ކުންފުންޏަށް އަންގައިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އިސްލާހުކުރަން އެންގި ކަންކަމުގެ ތެރޭގައި ކުންފުނި ހިންގުމާ ގުޅޭ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ 48 ކަމަކާއި، ކުންފުނީގެ ސިޔާސަތުތަކާ ގުޅޭ 24 ކަމަކާއި، ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ ހަ ކަމަކާއި، ކުންފުނިން ބަލައި ތަޙްޤީގުކުރުމަށް ހަ ކަމެއް ހިމެނެއެވެ.

މީގެ އިތުރުން ފެނަކަ ހިންގުމުގައި ކޮރަޕްޝަންގެ ރިސްކު ހުރި މިންވަރާއި، އެ ރިސްކު ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، ތަޙުޤީގުކުރުމަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ރިޕޯޓެއް އެކުލަވާލައި، އެ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.

މި ފަހުން އޭސީސީން ވަނީ ފެނަކައިގެ ތެޔޮ ތާނގިތައް ބަދަލު ކުރުމުގެ މަޝްރޫއު ވެސް ހުއްޓުވައިފައެވެ. އޭސީސީން އެގޮތަށް އަންގާފައި ވަނީ ބައެއް ރަށްރަށުގައި ހުރި ތެޔޮ ރައްކާކުރާ ތާންގިތަކެއް އާ ކުރުމަށް ބޭނުންވާ ސާމާނު ގަތުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭ ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ތަހުގީގު ފަށާފައިވާތީ ކަމަށެވެ.

ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތަކެއް ފެނަކައިގެ ވެރިންގެ މައްޗަށް އަބަދު ވެސް ކުރެވޭ އިރު އެ ކުންފުނިން އަމިއްލަ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނީގެ އަދަދު 2.8 ބިލިއަނަށް ވުރެ މައްޗަށް ވަނީ އަރައިފައެވެ. އަދި، އެ ދަރަނި ދެއްކުމަށް ފަސޭހަކުރަން އިސްލާމިކް ބޭންކުން 400 މިލިއަން ރުފިޔާގެ ލޯނެއް ވެސް މި ފަހުން ފެނަކައިން ނަގާފައިވެއެވެ.